ޚަބަރު

ނޭޕާލުގައި ސަރުކާރެއް ނެތް، އަމަން ބަލަހައްޓަން ހަތިޔާރާ އެކު ސިފައިން މަގުމައްޗަށް


ނޭޕާލްގެ ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ކޭޕީ އޯލީ ޝަރްމާ އިސްތިޢުފާ ދެއްވުމާ ގުޅިގެން، ޤައުމުގެ އަމަން ބެލެހެއްޓުމަށް ހަތިޔާރާއެކު ސިފައިން ނިކުމެއްޖެއެވެ.

މީސްމީޑިޔާގެ ބައެއް މަންސަތައް ނޭޕާލްގައި މަނާ ކުރުމުން މުޒާހަރާތައް ހޫނުވުމާ ގުޅިގެން އެ ޤައުމުގެ ސަރުކާރުން ފަހުން ވަނީ އެ ނިންމުން ބާޠިލްކޮށްފައެވެ. މުޒާހަރާތައް ރޫޅައިލުމަށް ފުލުހުން ވަނީ ކަރުނަ ގޭހާއި ރަބަރު ވަޒަން ބޭނުންކޮށްފައެވެ. ހަމަނުޖެހުންތަކުގައި 25 މީހުން މަރުވެ، 633 މީހުންނަށް ވަނީ ޒަޚަމްވެފައެވެ. ޤައުމުގައި އުފެދިފައިވާ ހަލަބޮލިކަން ހުއްޓުވުމަށް ނޭޕާލްގެ ސަރުކާރުން ވަނީ އެ ޤައުމުގައި ކާފިއުއެއް ވެސް އިޢުލާނުކޮށްފައެވެ. ނަމަވެސް ކާފިއުއަށް ބެލުމެއް ނެތި މުޒާހަރާގެ ބައިވެރިން އެއްވުންތައް ކުރިއަށް ގެންދިޔުމުގެ ސަބަބުން ބޮޑުވަޒީރު އޮލީއަށް ވަނީ އިސްތިޢުފާ ދެއްވުމަށް މަޖުބޫރުވެފައެވެ.

މުޒާހަރާގެ ބައިވެރިންނާއި އަސްކަރިއްޔާގެ އިސްވެރިންނާ ދެމެދު މަޝްވަރާތައް ކުރުމަށް ތައްޔާރުވަމުންދާ ކަމަށް އެ ޤައުމުގެ މީޑިޔާއިން ރިޕޯޓުކޮށްފައިވެއެވެ. މުޒާހަރާތަކުގައި މައިގަނޑުގޮތެއްގައި ބައިވެރިވެފައި ވަނީ ޒުވާނުންނެވެ. މުޒާހަރާގެ ބައިވެރިން ބޭނުން ވަނީ އެ ޤައުމުގެ ކުރީގެ އުއްތަމަ ފަނޑިޔާރު، ސުޝިލާ ކަރްކީ އިންތިޤާލީ ބޮޑުވަޒީރުގެ ގޮތުގައި ޢައްޔަނު ކުރުމަށެވެ. އަސްކަރިއްޔާގެ ވެރިންނާ ކުރާ މަޝްވަރާތަކުގައި މުޒާހަރާގެ ބައިވެރިން މި ހުށަހެޅުން ހުށަހަޅާނެއެވެ.

ނޭޕާލްގެ އަސްކަރިއްޔާއިން ބުނީ ޤައުމަށް ކުރިމަރިވެފައިވާ މައްސަލަ ޙައްލު ކުރުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަސްކަރިއްޔާގެ ތަރުޖަމާނު، ރާޖާ ރާމް ބަސްނަތު ވިދާޅުވީ ފުރަތަމަ އިސްކަންދެނީ ޤައުމު އާއްމު ޙާލަތަށް ރުޖޫޢަ ކުރުމަށް ކަމަށެވެ. މީހުންގެ ފުރާނައާއި މުދާ ރައްކާތެރި ކުރުމަށް އަސްކަރިއްޔާއިން އަހައްމިއްޔަތުކަން ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަސްކަރިއްޔާއިން ބުނީ ނޭޕާލްގައި އިޢުލާނުކޮށްފައިވާ ކާފިޔު ސެޕްޓެމްބަރު މަހުގެ 11ވަނަ ދުވަހުގެ ހެނދުނާ ހަމައަށް ދަމަހައްޓާނެ ކަމަށެވެ.