ޚަބަރު

ބޭންކް އޮފް މޯލްޑިވްސް އާއި މޯޕާ ގުޅިގެން ޕްލާސްޓިކް ރިސައިކަލް ކުރުމުގެ ޕްރޮޖެކްޓެއް


  • ތިމާވެއްޓާއި ރައްޓެހިގޮތަށް ޕްލާސްޓިކް މެނޭޖްކުރާނެ

  • ރާއްޖޭގެ ޕްލާސްޓިކް ރީސައިކްލިންގެ ގާބިލުކަން އިތުރުވާނެ

​​​ބޭންކް އޮފް މޯލްޑިވްސްގެ އީއެންވީ ޕީއޯއެސް ޕްރޮގްރާމްގެ ދަށުން މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް، މޯޕާއާއެކުއު ސްޓްރެޓީޖިކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ މަގުސަދަކީ ރާއްޖޭގައި ރިސައިކަލް ކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ތިމާވެއްޓާއި ރައްޓެހިގޮތަށް ޕްލާސްޓިކް މެނޭޖްކުރުމެވެ.

​​​މި އެސްބަސްވުމުގެ ދަށުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު ގާއިމްކޮށްފައިވާ މޯޕާގެ މެޓީރިއަލް ރިކަވަރީ ފެސިލިޓީގައި އިތުރު ފެސިލިޓީއެއް ގާއިމްކުރެވިގެންދާނެކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ. އަދި މި ތަނުގައި ޕެޓް ޕްލާސްޓިކް ގްރައިންޑަރތައް ގާއިމުކުރުމަށްފަހު ޕްލާސްޓިކް ފުޅިތައް ގްރެނިއުލްސްއަށް ބަދަލުކޮށް، އިންޑިއާ އަދި މެލޭޝިއާގެ ރީސައިކްލިންގ ފެސިލިޓީތަކަށް އެކްސްޕޯޓްކުރާނެއެވެ.

​​​މި އެއްބަސްވުމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އީއެންވީ ޕީއޯއެސް ޕްރޮގްރާމްގެ ދަށުން މޯޕާއާ ގުޅިގެން މަސައްކަތްކުރުމަށް ފުރުސަތު ލިބުމަކީ ލިބޭ އުފަލެއްކަމަށެވެ. ރާއްޖޭގެ ޕްލާސްޓިކް ރީސައިކްލިންގެ ގާބިލުކަން އިތުރުކޮށް، ސަރަހައްދީ ފެސިލިޓީތަކަށް އެކްސްޕޯޓްކުރުމަށް މަގުފަހިކޮށްދީ، ރާއްޖޭގެ ދެމެހެއްޓެނިވި މުސްތަޤްބަލެއް ގާއިމުކޮށް ތިމާވެއްޓަށް ފައިދާހުރި ބަދަލުތަކެއް ގެނެވޭނެކަން އެ ބޭންކުން ދައްކައިދެމުންދާކަމަށެވެ.

​​​މޯޕާގެ ރައީސް އަޙްމަދު މައުމޫން ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްއާއެކު ވެވުނު މި އެއްބަސްވުމަކީ ގައުމީ ފެންވަރެއްގައި މި ހިންގާ ރީސައިކްލިންގ މަސައްކަތްތަކަށް ލިބޭ ބޮޑު ކުރިއެރުމެއްކަމަށެވެ. މި އައު ފެސިލިޓީ ގާއިމުކުރުމުން، ގިނަ އަދަދެއްގެ ޕްލާސްޓިކް ބޭނުންތެރި ރޯމެޓީރިއަލްއަށް ބަދަލުކޮށްލެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އީއެންވީ ޕީއޯއެސް ޕްރޮގްރާމަކީ ތިމާވެށި ރައްކާތެރިކުރުމަށް ބީއެމްއެލްގެ ދުރުރާސްތާ އަމާޒުގެ ދަށުން، މި ބީއެމްއެލް އީއެންވީ ކާޑު މެޝިން ބޭނުންކޮށްގެން ކުރާ ކޮންމެ މުއާމަލާތަކަށް ބޭންކުން ވަކި އަދަދެއް ކަނޑައަޅައި ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ހިންގާ މަސައްކަތަށް ހޭދަކުރާނެއެވެ. މި ޕްރޮގްރާމަށް ކަސްޓަމަރުންވެސް އަދި ވިޔަފާރިތަކުންވެސް އެއްވެސް އިތުރު ޚަރަދެއް ކުރާކަށް ނުޖެހޭނެއެވެ. އެހެންކަމުން އީއެންވީ ޕޮސް މެޝިންތަކުގައި ކާޑުން ކުރާ ކޮންމެ މުއާމަލާތަކުން ކަސްޓަމަރުންނަށް ސީދާގޮތުން ރާއްޖޭގެ ނާޒުކު ތިމާވެއްޓާއި ކަނޑުފަރުގެ ދިރުންތައް އަންނައޮތް ޖީލުތަކާ ހަމައަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވެ އެހީތެރިވެދެވޭނެކަމަށް އެ ބޭންކުން ވިދާޅުވިއެވެ.​

​​މި ޕްރޮގްރާމްގެ ދަށުން، ޕާލޭގެ އެއަރ ސްޓްރެޓެޖީއަށް އެހީތެރިވެދީ ޕާލޭ މޯލްޑިވްސްއިން ޖަރުމަނުވިލާތަށާއި، ތައިވާނާއި މެލޭޝިއާއަށް ޕްލާސްޓިކް އެކްސްޕޯޓްކުރުމުގެ މަސައްކަތަށްވެސް ބީ.އެމް.އެލްއިން ވަނީ އެހީތެރިވެފައެވެ.