ޚަބަރު

ސާބިއާ އަތުން އިންގްލަންޑަށް ފަސޭހަ މޮޅެއް


ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ސާބިއާއާ ދެކޮޅަށް ކުޅުނު މެޗުން 5-0 ގެ ނަތީޖާއަކުން އިންގްލަންޑް މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި އިންގްލަންޑް ކުޅުނު މި މެޗުން އެ ޓީމުން މޮޅުވުމާއިއެކު ގްރޫޕް ކޭ ގައި މިހާތަނަށް ކުޅުނު ފަސް މެޗުންވެސް މޮޅުވެ އިންގްލަންޑުން ވަނީ 15 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ މަގާމް ހޯދާފަ އެވެ. ދެވަނައިގައި އޮތް އަލްބޭނިއާއަށް 8 ޕޮއިންޓް ލިބިފައިވާއިރު ސާބިއާއަށް ހަތަރު މެޗުން ލިބިފައިވާ ހަތް ޕޮއިންޓާއެކު އޮތީ ތާވަލުގެ ތިންވަނައިގަ އެވެ.

އިންގްލަންޑްގެ ކޯޗު ކަމާއި ތޯމަސް ޓުޗެލް ހަވާލުވުމަށްފަހު ކުޅެވުނު އެންމެ އުނދަގޫ މެޗުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރި މި މެޗުގައި އިންގްލަންޑުން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

މެޗުގެ 33 ވަނަ މިނިޓުގައި ކެޕްޓަން ހެރީ ކޭން ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދިންތާ ދެ މިނިޓު ފަހުން ނޮނީ މަޑުއެކޭ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. މިއީ މަޑުއެކޭ އިންގްލަންޑަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

މި މެޗުގައި އިންގްލަންޑުގެ އެޒްރީ ކޮންސާގެ މޫނަށް ލޭޒަރ އެޅުވުމާއި ގުޅިގެން މެޗުގެ ރެފްރީ ވަނީ ކުޅުން ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.

އިންގްލަންޑުން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި ކޮންސާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ސާބިއާއަށް މި މެޗުގައި އިތުރު މައްސަލަތަކާއި ކުރިމަތިލާން ޖެހުނީ މެޗުގެ 72 ވަނަ މިނިޓުގައި އެ ޓީމުގެ މިލެންކޮވިޗަށް ރެފްރީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ.

އަދި އޭގެ ތިން މިނިޓު ފަހުން މާކް ގުއޭހީ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފަ އެވެ.

އިންގްލަންޑުން މި މެޗުގައި ޖެހި ފަސްވަނަ ލަނޑަކީ މެޗުގެ 90 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން މާކަސް ރަޝްފޯޑް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.