ޚަބަރު

މާލޭގައި ކާރިސާތަކަށް ތައްޔާރުވުން ހަރުދަނާކުރަން ޖައިކާއިން 10 މިލިޔަން ޑޮލަރުގެ ހިލޭ އެހީއެއް


  • 10.5 މިލިޔަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވޭ

  • މިއީ އެކްސްޗޭންޖް އޮފް ނޯޓްސްގެ ދަށުން ކުރެވުނު އެއްބަސްވުމެއް

މާލެއަށް ކުރިމަތިވެދާނެ ކާރިސާތަކަށް ދުރާލާ ތައްޔާރުވުމަށްޓަކައި ހިންގޭ މުހިންމު މަޝްރޫޢެއްގެ އެއްބަސްވުމުއްގައި ދިވެހި ސަރުކާރާއި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ، ޖައިކާއާ ދެމެދު ސޮއިކޮށްފިއެވެ.

މި މަޝްރޫޢުގެ މަޤްޞަދަކީ މާލޭގައި ކާރިސާތަކަށް ތައްޔާރުވުން ހަރުދަނާކޮށް، ދިރިއުޅުމާއި އިޤްތިޞާދީ ހަރަކާތްތަކާއި މުޖުތަމަޢުގެ ރައްކާތެރިކަން ހަރުދަނާ ކުރުންކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މާލީ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ޙަސަން މިރާސްއެވެ. އަދި ޖައިކާގެ ފަރާތުން ސޮއިކުރެއްވީ ޖައިކާ މޯލްޑިވްސް އޮފީހުގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ޓަކި މޮޓޮއޯއެވެ.

މި އެއްބަސްވުމުގެ ދަށުން 1.56 ބިލިޔަން ޖަޕަނީސް ޔެން (ގާތްގަނޑަކަށް 10.5 މިލިޔަން އެމެރިކާ ޑޮލަރު)ގެ ހިލޭ އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، މި އެހީގެ ދަށުން މާލޭގެ ކަނޑުތޮށި ވަރުގަދަކޮށް، ވާރޭ ފެން ހިންދުމަށް ބޭނުންވާ އާލާތްތައް ހޯދައި، އުދައާއި ބޯކޮށް ވެހޭ ވާރެއިން ކުރިމަތިވާ ނުރައްކާތައް ކުޑަކުރެވިގެންދާނެކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.

މި އެހީގެ އެއްބަސްވުމަކީ 26 ޖުލައި 2025ވަނަ ދުވަހު ޖަޕާނު ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރެވުނު އެކްސްޗޭންޖް އޮފް ނޯޓްސްގެ ދަށުން ކުރެވުނު އެއްބަސްވުމެއްކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މާލީ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ޙަސަން މިރާސް ދެއްކެވި ވާހަކަފުޅުގައި، މި މަޝްރޫޢަކީ ފެނާ ގުޅުންހުރި ކާރިސާތަކުގެ އިތުރުވަމުންދާ ނުރައްކާ ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެއްވިއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރިކަމެއް ލިބި، އެމީހުންގެ ސަލާމަތްތެރިކަމާއި ޤައުމުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ދިރިއުޅުމުގެ ދެމެހެއްޓެނިވިކަން ޔަޤީންކޮށްދޭނެކަމަށް ޑެޕިއުޓީ މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ޖައިކާ މޯލްޑިވްސް އޮފީހުގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ޓަކި މޮޓޮއޯ ދެއްކެވި ވާހަކަފުޅުގައި، މި މަޝްރޫޢަކީ ޖަޕާނުން ދިވެހިރާއްޖެއަށް ދެމުން އަންނަ ދިގު މުއްދަތުގެ އެހީތެރިކަމުގެ ބައެއްކަން ފާހަގަކުރެއްވިއެވެ. އަދި 1988 އިން 2006 އަށް ކުރިއަށް ގެންދެވުނު ކަނޑުތޮށިލުމުގެ މަޝްރޫޢުތަކުގެ ސަބަބުން، 2004 ވަނަ އަހަރުގެ ޑިސެންބަރު މަހު ރާއްޖެއަށް ދިމާވި ސުނާމީ ކާރިސާގައި މާލެއަށް ލިބުނު ގެއްލުންތައް ކުޑަކުރެވުނުކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި އައު މަޝްރޫޢުގެ ދަށުން ތޮށިގަނޑު ވަރުގަދަކޮށް، ވާރޭފެން ހިންދުމަށް ޚާއްސަ ނިޒާމުތައް ތަޢާރަފުކޮށް، ގޮނޑުދޮށް ހިމާޔަތްކުރުން ހަރުދަނާކުރެވޭނެކަމަށް ޓައު މޮޓޮކޯ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ދިވެހިރާއްޖެއަށް ޖަޕާނުން ކަނޑައަޅުއްވާފައިވާ ސަފީރު އިޝިގާމީ ރުމިކޯއާއި، މާލީ ވުޒާރާ، ޚާރިޖީ ވުޒާރާ، އަދި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.