ޚަބަރު

އުނގޫފާރުގައި ކުރިއަށްގެންދިޔަ "މަލްޓި ސްޕެޝަލިޓީ ކޭމްޕް" ނިންމާލައިފި


  • ކޭމްޕްގެ ތެރެއިން 200 އަށްވުރެ ގިނަ މީހުންނަށް ފަރުވާދީފައިވޭ

  • 13 ސަރޖަރީއެއް ކުރި

އުނގޫފާރުގައި ކުރިއަށްގެންދިޔަ ބޮޑެތި ބަލިތަކަށް ޚާއްސަ ޑޮކްޓަރުންގެ "މަލްޓި ސްޕެޝަލިޓީ ކޭމްޕް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މަލްޓި ސްޕެޝަލިޓީ ކޭމްޕަކީ، ސިއްޙީ ވުޒާރާއާއި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް ގުޅިގެން ކުރިއަށްގެންދާ ކޭމްޕެކެވެ.

އުނގޫފާރުގައި ކުރިއަށް ދިޔަ މިކޭމްޕްގައި ސިކުނޑިއާއި ނާރުގެ ބަލިތަކާއި، ގޮހޮރުގެ ބަލިތަކާއި، ކެންސަރު ބައްޔާއި، ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި، ޕްލާސްޓިކް އަދި ރީކޮންސްޓްރަކްޝަން، އާއްމު އޮޕަރޭޝަންތަކުގެ ޚާއްސަ ޑޮކްޓަރުންނާއި ލެޕްރޮސްކޮޕިކް ސަރޖަރީގެ އިތުރުން، ނުފިލާ ހުންނަ ތަދުތަކަށް ފަރުވާދިނުމުގެ ޚާއްސަ ޑޮކްޓަރުންގެ ޓީމަކުންވަނީ ފަރުވާދީފައެވެ.

މިކޭމްޕާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ ހުސައިން އާސިފް ވިދާޅުވީ، އުނގޫފާރުގައި ކުރިއަށްގެންދިޔަ މަލްޓި ސްޕެޝަލިޓީ ކޭމްޕްގައި 240 މީހަކަށް ފަރުވާދީފައިވާކަމަށެވެ.

" އުނގޫފާރުގައި މިފަދަ ކޭމްޕެއް ބޭއްވިގެން ދިއުމަކީ މި ސަރަޙައްދުގައި ފަރުވާ ހޯދަން ބޭނުންވެފައިވާ މީހުންނަށް ލިބުނު ފަހި ފުރުސަތެއް، އެކަމަށްޓަކައި ސިއްޙީ ވުޒާރާއަށާއި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މިރަށުގެ ހޮސްޕިޓަލުގަ އެވައިލަބަލް ފެސިލިޓީސްއާ އެއްކޮށް، އުނގޫފާރު ހޮސްޕިޓަލުގެ ނަރުހުންނާއި، ޑޮކްޓަރުންނާވެސް އެއްކޮށް ކޭމްޕްގައި ބައިވެރިވާ ޑޮކްޓަރުންގެ ޓީމާއެކު ޖުމްލަ 13 ސަރޖަރީއެއް ކޮށްފައި މިވަނީ. އަދި ޖުމްލަ 240 މީހަކަށް މި ކޭމްޕުގެ ތެރެއިން ފަރުވާ ދީފައިވޭ". އާސިފް ވިދާޅުވިއެވެ.

މިމަހުގެ 6އިން 8އަށް ކުރިއަށްގެންދިޔަ މި ކޭމްޕުގެ ތެރެއިން، ބަލިމީހުން ބެލުމުގެ އިތުރުން، އެކި ސަރޖަރީތައް ކޮށްފައިވެއެވެ.

މަލްޓި ސްޕެޝަލިޓީ ކޭމްޕަކީ އަތޮޅުތަކުގެ ރައްޔިތުންނަށް އާންމުކޮށް ލިބެން ނުހުންނަ ސްޕެޝަލިޓީގެ ޚިދުމަތްތައް އަތޮޅުތަކުން ފޯރުކޮށްދިނުމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ކުރިއަށްގެންދާ ކޭމްޕެކެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޑޮކްޓަރުން މީގެކުރިންވެސްވަނީ އަތޮޅުތަކަށް މިފަދަ ދަތުރުކޮށްފައެވެ. އެގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ލ. ގަމު ހޮސްޕިޓަލުގައިވެސް މިފަދަ އައުޓްރީޗް ކޭމްޕުތައް ކުރިއަށްގެންގޮސްފައިވެއެވެ.