ޚަބަރު

ފަހު ވަގުތު އިސްރާއީލް އަތުން އިޓަލީ މޮޅުވެއްޖެ


ވޯލްޑްކަޕް ކޮލިފައިންގައި ރޭ އިސްރާއީލާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު ކާމިޔާބުކުރި ލަނޑާއެކު 5-4 ގެ ނަތީޖައަކުން އިޓަލީ މޮޅުވެއްޖެ އެވެ.

ކޮލިފައިންގެ ގްރޫޕް އައި ގައި ކުޅުނު މި މެޗުން އިޓަލީ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ލިބިފައިވާ 9 ޕޮއިންޓާއެކު ދެވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް ނޯވޭ އަށް ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު އިޓަލީ އަތުން ބަލިވި އިޒްރޭލަށް ފަސް މެޗުން ލިބިފައިވަނީ 9 ޕޮއިންޓާއެކު ތިންވަނަ މަގާމެވެ.

2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑްކަޕްގެ އިތުރުން 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑްކަޕަށްވެސް ކޮލިފައި ވެފައިނުވާ އިޓަލީ އިން ކުރިއަށް އޮތް ވޯލްޑްކަޕަށް ކޮލިފައިނުވެއްޖެނަމަ ޖެހިޖެހިގެން ތިންވަނަ ވޯލްޑްކަޕްގެ ފުރުސަތު އެ ޓީމަށް ގެއްލޭނެ އެވެ. މިއީ މީގެ ކުރިން އިޓަލީއަށް ކުރިމަތިވެފައިވާ ކަމެއް ނޫނެވެ.

ރަށުން ބޭރުގައި އިޓަލީ ކުޅުނު މި މެޗުގެ 16 ވަނަ މިނިޓުގައި ލޮކަޓެލީ އަތުން ބައިކޮޅަށް ވަން ލަނޑާއެކު އިޒްރޭލަށް ވަނީ ކުރި ލިބިފަ އެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް މޮއިސް ކީން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި އިޒްރޭލްގެ ޑޯ ޕެރެޓްޒް ވަނީ ލަނޑެއް ޖަހާ ދެވަނަ ފަހަރަށް އެ ޓީމަށް ކުރި ހޯދަދީފަ އެވެ. ނަމަވެސް އޭގެ ދެ މިނިޓު ފަހުން މޮއިސް ކީން ވަނީ އިތުރު ލަނޑެއް ޖަހާ ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗުގައި އިޓަލީ އަށް ފުރަތަމަ ފަހަރަށް ކުރި ލިބިފައިވަނީ މެޗުގެ 58 ވަނަ މިނިޓުގައި މަޓިއޯ ޕޮލިޓާނޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ 81 ވަނަ މިނިޓުގައި ޖިއާކޯމޯ ރަސްޕަޑޯރީ ކާމިޔާބުކުރި ލަނޑާޢެކު އިޓަލީއަށް ވަނީ 4-2 ގެ ލީޑެއް ލިބިފަ އެވެ.

ނަމަވެސް އޭގެ ހަ މިނިޓު ފަހުން އަލެސަންދްރޯ ބަސްޓޯނީ އަތުން ބައިކޮޅަށް ވަން ލަނޑާއެކު އިޓަލީއަށް ވަނީ ނުތަނަވަސްކަން ކުރިމަތިވެފަ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށް ޑޯ ޕެރެޓްޒް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗުން އިޓަލީ މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ނިއުކާސަލް އަށް ކުޅެމުންދާ ސަންދްރޯ ޓޮނާލީ އެވެ.

ކޮންމެ ގްރޫޕަކުންވެސް އެއްވަނައަށް ދާ ޓީމެއް ވޯލްޑްކަޕަށް ކޮލިފައިވާއިރު ދެވަނަ އަށް ދާ ޓީމެއް ޖެހޭނީ ޕްލޭއޮފް މެޗުތަކެއް ކުޅުމަށެވެ.

ކޮލިފައިންގައި އަންނަ އޮކްޓޯބަރ މަހުގެ 11 ވަނަ ދުވަހު އިޓަލީ ނިކުންނާނީ އެސްޓޯނިއާ އާއި ދެކޮޅަށެވެ.