ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން އިވެންޓުގެ ޗެމްޕިއަންކަން ސްޕެއިންގެ ކާލޯސް އަލްކަރާޒް ހޯދައިފިއެވެ.
އުމުރުން 22 އަހަރުގެ އަލްކަރާޒް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ހުރި އިޓަލީގެ ޔަނިކް ސިނާ އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުން މޮޅުވުމާއިއެކު އަލްކަރާޒް އަށް ވަނީ ދުނިޔޭގެ ރޭންކިންގެ އެއްވަނަ މަގާމް ވެސް ލިބިފަ އެވެ.
މި މުބާރާތުގެ ފައިނަލުގައި އިއްޔެ ކުޅުނު މެޗުން އަލްކަރާޒް މޮޅުވެފައިވަނީ ތިން ސެޓު އެއް ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ހައެއް ދޭއްގެ ނަތީޖާއަކުން އަލްކަރާޒް މޮޅުވި ނަމަވެސް ދެވަނަ ސެޓުގައި ސިނާ ވަނީ މޮޅު ކުޅުމެއް ދައްކާ ތިނެއް ހައެއްގެ ނަތީޖައަކުން އެ ސެޓު ކާމިޔާބުކޮށްފަ އެވެ.
ނަމަވެސް ތިންވަނަ ސެޓާއި ހަތަރުވަނަ ސެޓުގައި އަލްކަރާޒް ވަނީ ހައެއް އެކެއް އަދި ހައެއް ހަތަރެއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފަ އެވެ.
މި މުބާރާތް ކާމިޔާބު ކުރުމާއިއެކު އަލްކަރާޒް ވަނީ ދެ ފަހަރު މަތިން ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ. އަދި އޭނާ ކާމިޔާބުކުރި ގްރޭންޑް ސްލޭމް މުބާރާތުގެ އަދަދު ވަނީ ހަޔަކަށް އަރާފަ އެވެ.
ފަހަކަށް އައިސް ފިރިހެނުންނެގެ ޓެނިހުގައި އެންމެ ވާދަވެރި ދެ ކުޅުންތެރިންގެ ގޮތުގައި ފާހަގަ ކުރެވިފައިވާ އަލްކަރާޒް އާއި ސިނާ މި އަހަރު ވާދަކުރި ގްރޭންޑް ސްލޭމް ފައިނަލުގެ ތެރެއިން މިއީ އަލްކަރާޒް މޮޅުވި ދެވަނަ ފައިނަލެވެ. މީގެ ކުރިން އޭނާ ވަނީ މި އަހަރުގެ ކުރީކޮޅު ފްރެންޗް އޯޕަން ޓެނިސް މުބާރާތްވެސް ސިނާ ބަލިކުރުމަށްފަހު ކާމިޔާބުކޮށްފަ އެވެ.