ރިޕޯޓް

އައްޑޫ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް މިއަހަރު ފެށޭނެ- މިނިސްޓަރ


އައްޑޫ ސިޓީގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުއްވުމަކީ ރައީސް ޢަބްދުﷲ ޔާމިންގެ ރިޔާސީ ވަޢުދުތަކުގެ ތެރެއިން ވަޢުދެކެވެ. އަދި ވަޢުދު ފުއްދަވައިދެއްވުމަށްޓަކައި އައްޑޫ ސިޓީގެ ހިތަދޫގައި ސަރުުކާރުން 300 މިލިއަން ރުފިޔާ ޙަރަދުކުރައްވައިގެން ޢިމާރާތްކޮށްފައިވާ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި ޓާޝަރީ ފެންވަރަށް ތަރައްޤީކުރައްވާ ހޮސްޕިޓަލް އެޅުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެއީ އެސެންޓަރުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފޭނެގޮތަކީ ޓާރޝަރީ ހޮސްޕިޓަލަކަށް އެތަން ބަދަލުކުރައްވައިގެން ކަމަށާއި، އެއީ ރައްޔިތުންގެ ހެވާއި ލާބައަށް ސަރުކާރުން ކޮށްދެއްވަން ނިންމެވި ކަމެއްކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. 

އައްޑޫ ސިޓީގައި އިމާރާތްކުރައްވާ އައު ހޮސްޕިޓަލް ޢިމާރާތްކުރަން ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުން 12.5 މިލިއަން ޑޮލަރު އަދި އޯޕެކް ފަންޑް ފޮ ޑިވެލޮޕްމަންޓް (އޯފިޑް) ން 8.5 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ސަރުކާރަށް ވަނީ ލިބިވަޑައިގެންފައެވެ. ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށާތާ ގިނަވެގެން 18 މަސްދުވަހުގެ ތެރޭގައި ކޮންވެންޝަން ސެންޓަރުގައި ހޮސްޕިޓަލް ޤާއިމްކުރުމުގެ މަސައްކަތް ނިންމޭނެކަމަށެވެ. ކޮންވެންޝަން ސެންޓަރ ތަރައްޤީކުރައްވައި، އެތަނުގައި ހޮސްޕިޓަލެއް އެޅުއްވުން އެއީ ސަރުކާރުން ވަރަށް އިސްކަމެއް ދެއްވާކަމެއްކަމަށާއި އައިޑީބީ އަދި އެކަމުގައި ބޭރުގެ ފަންޑުކުރާ އެޖެންސީތައް ޝަރުތުކުރާ އިންޖިނިއަރސް އެސެސްމަންޓްވެސް މިހާރު ބަޔަކާ ޙަވާލުކުރައްވައިގެން ހައްދަވާފައިވާކަމަށް މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14710940238397.jpg|އައްޑޫ ސިޓީގައި ހުންނަ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރ / ފޮޓޯ އަލީ ރިލްވާން. ފްލިކަރ

އަދި ސަރުކާރުގެ އަމާޒަކީ، މިއަހަރުގެ ތެރޭގައި އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޓާޝަރީ ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް ފެއްޓެވުންކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. މިކަމާގުޅޭ ހުރިހާ ލިޔެކިޔުމެއް ފުރިހަމަކުރެވިފައިވާ ކަމަށާއި ޓެންޑަރ ޑޮކިޔުމަންޓްސް ތައްޔާރުކުރެވި މިހާރު ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ސަރުކާރުގެ އަމާޒަކީ ގިނަވެގެން އަށާރަމަސްދުވަހުގެ ތެރޭގައި އެއްކޮށް ހޮސްޕިޓަލް ނިންމުން. އެހެންކަމުން ހުރިހާ ލިޔެކިޔުންތައް ފުރިހަމަ ކުރެވިފައިވާކަމަށާއި ޓެންޑަރ ކުރުމަށްޓަކައި ބަޔަކާ ޙަވާލުކުރުމަށް ޑީޓެއިލް ޑިޒައިން ޓެންޑަރަށް މިދަނީ. އެކަން ކުރުމަށްޓަކައި ޓެންޑަރ ޑޮކިޔުމަންޓްސް ތައްޔާރުކުރެވި މިހާރު ފިނޭންސް މިނިސްޓްރީއަށް ވަނީ ފޮނުވާފައި" މިނިސްޓަރ ވިދާޅުވިއެވެ.  

މިނިސްޓަރ ވިދާޅުވީ ފަންޑު ހޯދުމަށް ފަންޑިން އެޖެންސީތަކަށް ގުޅައިގެން އެކަމަށް ވަރަށް ބާރު އަޅުއްވަމުން ގެންދަވާކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކުގެ އެޕްރޫވަލް ޓެންޑަރ ޑޮކިޔުމަންޓަށް ލިބުނުހާ އަވަހަކަށް ޓެންޑަރަށް ހުޅުވާލައްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އައްޑޫ ކޮންވެންޝަން ސެންޓަރަކީ 2011 ވަނަ އަހަރު ސާކް ސަމިޓް ބޭއްވެވުމަށް 300 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ޢިމާރާތްކުރެއްވި ބިނާއެކެވެ.