ސްރީ ލަންކާގެ ރޭސް ކޯސް ސްޓޭޑިއަމްގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ސުޕަ ކަޕް 2025 ގެ ފުރަތަމަ މެޗު ދިވެހި ޓީމުން ކާމިޔާބުކުރިއިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ދިވެހި ޓީމުގެވެސް އެދުމަކީ މާދަމާ މެޗުގައި ދިވެހި ސަޕޯޓަރުންގެ އަޑު އިތުރަށް ގަދަކޮށްލުމެވެ.
ފުރަތަމަ މެޗަށްފަހު ސްރީލަންކާގެ ކޯޗު އެންމެ ބޮޑަށް ފާހަގަކުރީ ލަންކާ ދަނޑުގައި ލަންކާ ސަޕޯޓަރުންނަށްވުރެ ދިވެހި ސަޕޯޓަރުންގެ އަޑު ގަދަ ވާހަކައެވެ. ދިވެހިން ދިވެހި ޓީމަށް ދިން ސަޕޯޓުގެ ވާހަކަ ފާހަގަކޮށް ލަންކާ ކޯޗު ބުނީ އަމިއްލަ ދަނޑުގައި ކުޅޭއިރު އޭނާއަށް އެންމެބޮޑު މާޔޫސްކަމެއް ގެނުވި ކަމަކީ މުޅި ދަނޑުގައިވެސް ދިވެހި ސަޕޯޓަރުންގެ އަޑު ސްރީލަންކާ ސަޕޯޓަރުންނަށްވުރެ ގަދަވުމުންކަމަށެވެ.
ސްރީ ލަންކާގައި ކުޅޭ މެޗުތަކަށް ދިވެހި ސަޕޯޓަރުން ދިވެހި ޓީމަށް ހިއްވަރުދޭން އަބަދުވެސް ދަނޑަށްވަދެއެވެ. ހާއްސަކޮށް ސްރީލަންކާގައި ދިރިއުޅޭ ގިނަ ދިވެހިން އަބަދުވެސް ދިވެހި ޓީމަށް ހިއްވަރުދޭން ދަނޑަށްދެއެވެ. ދަތުރު ހަދާފައި ދިވެހި ޓީމު ކުޅޭ މެޗު ބަލާލަން ދާ ސަޕޯޓަރުންގެ އަދަދުވެސް މަދެއްނޫނެވެ.
އެކަން އެންމެ ރަނގަޅަށް ފެނިގެންދިޔައީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައެވެ. އޭގެ ފަހުން 2021 ވަނަ އަހަރު ސްރީލަންކާގައި އޮތް ރަޖަޕަކްސާ އިންވިޓޭޝަނަލް މުބާރާތުގައިވެސް ދިވެހިން ވަނީ ވަރަށް ރަނގަޅަށް މި މަންޒަރު ދައްކުވައިދީފައެވެ.
ކުރިއަށް އޮތީ ދިވެހި ފުޓްބޯޅައަށް އާދިރުމެއް ގެނުވައިދެވޭނެ ވަރުގެ މެޗެކެވެ. ދިވެހި ފުޓްބޯޅަ އަޑި އަޅާލާފައި ވާ ދަނޑިވަޅެއްގައި ކުޅުންތެރިންނާއި ސަޕޯޓަރުންވެސް އަލުން ހިނިތުން ކުރުވާފަދަ މެޗެކެވެ.
ގައުމީ ޓީމުގެ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި ތިބޭ އެންމެ މުހިއްމު ބަޔަކީ ދިވެހި ސަޕޯޓަރުންނެވެ. މިއީ ދިވެހި ސަޕޯޓަރުންގެ ބޭނުން ދިވެހި ޓީމަށް އެންމެ ބޭނުންވެފައިވާ ވަގުތެވެ.