ޚަބަރު

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި


  • ކޭތަހިފުންފަދަ ކަންކަމަކީ ޤިޔާމަތް ދުވަހަށް ސަމާލުވުމަށް ގޮވައިލައްވާ ގޮވައިލެއްވުމެއްކަމަށް ޚުތުބާގައި ވިދާޅުވި

  • ކޭތަހިފުމުން ދުނިޔެއަށް ވެރިވާ އަނދިރިކަން އިންސާނާއަށް ހަނދާންކޮށްދެނީ ކަންވަޅުގެ އަނދިރިކަން

ހަނދުކޭތައާއި ގުޅިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފިއެވެ. ކޭތަ ނަމާދުކޮށްފައިވަނީ 23:12ގައެވެ.

ކޭތަ ނަމާދުގެ ޚުތުބާގައި ވަނީ ކީރިތި ރަސޫލާ މުޙައްމަދު ޞައްލައްﷲ އަލައިހި ވަޞައްލަމަ ކުރެއްވި ކޭތަ ނަމާދުގައި ދެއްވި ޚުތުބާއަށް އަލިއަޅުވާލައްވާފައެވެ. އެ ޚުތުބާގައި ކޭތަހިފަނީ ހަމައެކަނި ޤުދުރަތީ ސަބަބުތަކާހެދި ނޫންކަން އެންގެން އޮތްކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކޭތަހިފަނީ މީސްތަކުންގެ ކުށްފާފަތަކާއި އުރެދުންތައް ގިނަވުމުގެ ސަބަބުން މާތް ﷲގެ ޙަޟްރަތަށް މީސްތަކުން އެނބުރި ރުޖޫޢުވުމަށް ކުރެވޭ އިންޒާތެއްގެ ގޮތުގައި ޚުތުބާގައި ވިދާޅުވިއެވެ. ދުނިޔޭގެ އެތުންތަކަށް ހެއްލި އާޚިރަތާމެދު ފަރުވާ ކުޑަކޮށް ދުންޔަވީ އުފާތަކާއި އަރާމުތަކުގެ ތެރެއަށް ގެނބުމަކީވެސް ކޭތަހިފުމަށް މެދުވެރިވާ ސަބަބެއްކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ.

"މާތްﷲގެ އަޅުތަކުންނޭވެ! ކައުނު ފަސާދަވެ، ދުނިޔެ ޚަރާބުވަނީ ތަފާތު ކުށްތައް ގިނަވަމުމުގެ ސަބަބުންނެވެ. މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. އަދި ބިން އިސްލާޙްކުރެއްވުމަށް ފަހު ތިޔަބައިމީހުން އެ ބިމުގައި ފަސާދަނުކުރާށެވެ! އަދި މާތް ﷲއަށް ބިރުވެތިވެ އެކަލާނގެ ރަޙްމަތަށް އެދޭޙާލު، އެކަލޭނގެއަށް ތިޔަބައިމީހުން ދުޢާކުރާށެވެ. ހަމަކަށަވަރުން ﷲގެ ރަޙްމަތްފުޅު ވަނީ އިޙްސާންތެރިންނާ ގާތުގައެވެ." މާތް ﷲގެ ވަހީ ބަސްފުޅުގެ މާނައިގައިވެއެވެ.

ޚުތުބާގައި ވަނީ ޤިޔާމަތްވުން ފެށޭނީ ވަރުގަދަ ބިންހެލުމަކާއި ހަނދު ކޭތަހިފުމަކާއި ގުރަހަތައް ވެރި ބުރައިގެންދާ ދިޔުމަކުންކަން ހަނދާންކޮށްދެއްވާފައެވެ. އެހެންކަމުން ކޭތަހިފުންފަދަ ކަންތައްތަކަކީ ﷲގެ މަތީން ހަނދާން ކުރުން އިތުރުކުރުމަށް މާތް ﷲ މިންވަރު ކުރައްވައިފައިވާ ކަންތައްތަކެއްކަމަށާއި ޤިޔާމަތް ދުވަހަށް ސަމާލުވުމަށް ގޮވައިލައްވާ ގޮވައިލެއްވުމެއްކަމަށް ޚުތުބާގައި ވިދާޅުވިއެވެ.

"ފަހެ ލޯތަކަށް ޙައިރާންކަން ލިބި ތަރަތަރަލާ ހިނދެވެ. އަދި ހަނދުގެ އަލިކަން ފިލައިދާ ހިނދެވެ. އަދި އިރާއި ހިނދު އެއްތަން ކުރައްވާ ހިނދެ. އެދުވަހުން އިންސާނާ ބުނާނެތެވެ. ފިލާންދާނީ ކޮންތާކަށްހެއްޔެވެ؟" މާތްﷲ ވަހީކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.

ކޭތަހިފުމުން ދުނިޔެއަށް ވެރިވާ އަނދިރިކަން އިންސާނާއަށް ހަނދާންކޮށްދެނީ ކަންވަޅުގެ އަނދިރިކަންކަން ފާހަގަ ކުރައްވާ ޚުތުބާގައި ވަނީ ކީރިތި ރަސޫލާ މުޙައްމަދު ޞައްލައްﷲ އަލައިހި ވަޞައްލަމަ ކޭތަނަމާދުގެ ޚުތުބާގައި ކަށްވަޅުގެ ޢަޛާބުން ރައްކާތެރިކޮށްދެއްވުން އެދި ދުޢާކުރުމަށް ނަޞޭހަތްދެއްވިކަން ހަނދާންކޮށްދެއްވިއެވެ.

ކޭތަ ހިފުމަކީ މުސްލިމުން އެކަމާ މެދު ދީނީ ނަޒަރުން ބަލަންޖެހޭ ކަމެއްކަން ފާހަގަކުރައްވާ ޚުތުބާގައި ވިދާޅުވީ އެ ކަމަކީ ކޭތަނަމާދުކޮށް ކުށްފާފަތައް ފުއްސަވައި ދެއްވުން އެދި މާތް ﷲގެ ޙަޟްރަތަށް ރުޖޫޢުވާންޖޭހޭ ކަމެއްކަމަށެވެ.

މިރޭ ހަނދުކޭތަ ހިފަން ފެށީ ރާއްޖޭ ގަޑިން މިރޭ 20:28ގައެވެ. ނަމަވެސް ކޭތަ ހިފާ މަންޒަރު ފެންނަން ފެށީ 21:30 ހާއިރުއެވެ. 1 ގަޑިއިރާ 22 މިނެޓަށް ފުރިހަމަ ކޭތައެއް ރާއްޖެއަށް ވަނީ ފެނިފައެވެ. ކޭތަ އެއްކޮށް ވީއްލާ ނިމޭނީ ދަންވަރު 01:55 ގައެވެ.

އިރުކޭތަ އަދި ހަނދުކޭތަ ހިފަނީ، ދުނިޔެ ވަށައިގެން ހަނދު ދައުރުކޮށް، އަދި އިރު ވަށައިގެން ދުނިޔެއާއި ހަނދު ދައުރުކުރާތީއެވެ. އެތަކެތި ދައުރުކުރަމުންދާއިރު، ބައެއްފަހަރު، އިރާއި ދުނިޔެއާ ދެމެދަށް ހަނދު ވަދެއެވެ. މިހެންވާއިރު ހިފަނީ އިރުކޭތަ އެވެ. ބައެއްފަހަރު، އިރާއި ހަނދާ ދެމެދަށް ދުނިޔެ ވަދެއެވެ. މިހެން ވާއިރު، ހިފަނީ، ހަނދުކޭތައެވެ.

ދެން ރާއްޖެއަށް ފުރިހަމަ ހަނދުކޭތައެއް ފެންނާނީ 2028ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގައެވެ.