ޚަބަރު

ވާހަކަ ލިޔާ ދަރިވަރުންނަށް ޚާއްޞަ ފޮތެއް ނެރެފި


ޘާނަވީ އިމްތިޙާނުގައި ވާހަކަ ލިޔާ ދަރިވަރުންނަށް ޚާއްޞަކޮށްގެން "އެސްއެސްސީ އިމްތިޚާނުގައި ވާހަކަ ލިޔާ ދަރިވަރުންނަށް ހަދިޔާއެއް" މި ނަމުގައި ފޮތެއް ނެރެފިއެވެ. މިއީ، އެ އިމްތިޙާނުގައި ދަރިވަރުން ވާހަކަ ލިއުމުގައި ގެންގުޅެންވީ މިންގަނޑާއި ވާހަކަ ލިޔާނެ ގޮތްތައް ތަފްސީލް ކޮށްދީފައިވާ ފޮތެކެވެ.

"އެސްއެސްސީ އިމްތިޙާނުގައި ވާހަކަލިޔާ ދަރިވަރުންނަށް ހަދިޔާއެއް" މި ފޮތް ނެރެދެއްވީ، ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމްގައި ބޭއްވި ހަފްލާއެއްގައި ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީއެވެ. މި ފޮތުގެ މުސައްނިފަކީ، މަޝްހޫރު ލިޔުންތެރިޔާ އަދި ދިވެހި ބަހުގެ މުދައްރިސެއް ކަމުގައިވާ މުޙައްމަދު ޤާސިމެވެ. މިއީ، ކުރީ އަހަރުތަކުގެ އިމްތިޙާން ކަރުދާހުގައި ނުވަތަ ޕާސްޓް ޕޭޕަރުގައި ހިމެނޭ ސުވާލުތަކަށް، ސާނަވީ އިމްތިޙާނުގައި ދަރިވަރުން ވާހަކަ ލިޔާ މިންގަނޑުތަކަށް ފައްތައިގެން ލިއުއްވާފައިވާ ފޮތެކެވެ.

މި ހަފްލާގައި ފޮތުގެ މުސައްނިފް މަޝްހޫރު ލިޔުންތެރިޔާ މުޙައްމަދު ޤާސިމް ވަނީ، ފޮތް ލިޔަން ޖެހުނު ސަބަބާއި ވާހަކަތައް ލިއުމުގައި ކުރި ތަޖުރިބާ ދަރިވަރުންނާއި ހިއްސާ ކުރައްވާފައެވެ. މުޙައްމަދު ޤާސިމް ވިދާޅުވީ، މިފޮތުގައި ހިމެނޭ ނަމޫނާ ވާހަކަތަކުން ދަރިވަރުންގެ އިމްތިޙާނުތަކަށް ފައިދާތަކެއް ކުރާނެ ކަމަށެވެ. އިމްތިޚާނުގައި ވާހަކައެއް ލިޔުމުގައި ދަރިވަރުންގެ ވިސްނުން ހުންނަވީ ގޮތް މި ފޮތުން އެނގިގެންދާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ. މިއީ، ދަރިވަރުންނާއި މުދައްރިސުންގެ އެދުމަށް ލިޔުއްވި ފޮތެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މި ފޮތް ނެރުމުގެ މަޤްޞަދަކީ ދަރިވަރުން، އެސްއެސްސީގެ ވާހަކަ ލިޔާކުދިން، އެކުދިން ގެންގުޅޭ މިންގަނޑުގެ ފޮތެއް ނެރުން. މިއީ ވަރަށް ގިނަ ދަރިވަރުންނާއި މުދައްރިސުންގެ ރިކުއެސްޓަކަށް ލިޔުނު ފޮތެއް" ފޮތުގެ މުސައްނިފް މުޙައްމަދު ޤާސިމް ވިދާޅުވިއެވެ.

މިހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ، "އެސްއެސްސީ އިމްތިޙާނުގައި ވާހަކަ ލިޔާ ދަރިވަރުންނަށް ހަދިޔާއެއް" މި ފޮތް ކިޔާ ދަރިވަރުންގެ ލިޔުންތެރިކަމުގެ ފެންވަރު ރަނގަޅު ވެގެންދާނެ ކަމަށް ޤަބޫލްފުޅު ކުރައްވާ ކަމަށެވެ. މި ފޮތުގެ ކޮންމެ ވާހަކައަކުން ސާނަވީ އިމްތިޚާނަށް ފައިދާކުރާނެކަން ފާހަގަކުރައްވާ އަޝްރަފް ވަނީ، އިމްތިޚާނުގައި ވާހަކަ ލިޔުމުގައި ދަރިވަރުން ވިސްނަންވީ ގޮތްތައް މި ފޮތުން ތަފްސީލްކޮށްދޭ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މިފޮތުގެ ބޭނުން ހިފުމަށް ދަރިވަރުގެ ކިބައިން އަޝްރަފް އެދިވަޑައިގެންނެވިއެވެ.

"މިފޮތް ކިޔައިގެން ކުދިންގެ ލިޔުންތެރިކަމުގެ ފެންވަރު ރަނގަޅުވާނެ ކަމަށް އުއްމީދު ކުރަން. ދިވެހި ބަސް ކުރިއަރައި، ދަރިވަރުންގެ ފެންވަރު ރަނގަޅުވެ މޮޅުވާނީ ފޮތްތައް ކީމިންވަރަކުން. އެކުއްޖެއްގެ ޝައުގު ހުރި ދިމަދިމާ ބަލާ އެފަދަ ފޮތްތައް ކިޔަން އެބަޖެހޭ. ސިނކުނޑީގެ ކާނާއަކީ ލިބޭ ޢިލްމު" ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވިއެވެ.

މި ހަފްލާގައި ދިވެހި ބަހަށާއި އަދަބިއްޔާތައް ޚިދުމަތް ކުރައްވާ އަދި ދިވެހި ބަހުގެ މުދައްރިސެއް ކަމަށްވާ ޑރ. އަޝްރަފް ޢަބްދުއްރަޙީމް ވަނީ އިމްތިޙާނުގައި ވާހަކަ ލިޔަންވީ ގޮތުގެ ޕްރެޒެންޓޭޝަނެއް ހުށައަޅާދީފައެވެ. މުޙައްމަދު ޤާސިމް ލިއުއްވާފައިވާ މިފޮތުގައި ޖުމްލަ ދިހަ ވާހަކަ ހިމެނެއެވެ.