މިމަހުގެ 4 އިން 6 އަށް މާލެ އަދި ހުޅުމާލޭގައި ކުރިއަށްގެންދިޔަ ބައިނަލްއަޤްވާމީ އިންލައިން ސްކޭޓް މުބާރާތުގެ އެއްވަނަ ރާއްޖޭގެ ރާހިފް އަދި ޝައިނާ ހޯދައިފިއެވެ.
ހަތަރުވަނަ ދިރާގު އިންޓަރނޭޝަނަލް އިންލައިން ސްޕީޑް ސްކޭޓިންގ ޗެމްޕިއަންޝިޕް ނިންމުމުގެ މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވަނަތަކަށް ދިޔަ ސްކޭޓަރުންނަށް މެޑަލް ހަވާލުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުރާޒާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ދިލްޝާން އަބްދުﷲއެވެ.
މިމުބާރާތުގެ އެންމެ ބާރު ފިރިހެން ދުއްވުންތެރިއަކަށް ހޮވިފަވަނީ 100 މީޓަރު 12.3 ސިކުންތުން ނިންމައިގެން އަހުމަދު ރާހިފް ޝަފީއުއެވެ. އަދި މުޅި މުބާރާތުގެ އެންމެ ބާރު އަންހެން ދުއްވުންތެރިއަކަށް ހޮވިފަވަނީ 100 މީޓަރު 12.97 ސިކުންތުން ފުރިހަމަކުރި އާމިނަތު ޝައިނާ ސަނީލްއެވެ.
މިމުބާރާތުގައި އެންމެ ތުއްތުކުދިން ވާދަކުރި ކެޓަގަރީކަމަށްވާ 5 އަހަރުންދަށުގެ އުމުރުފުރާއިން އެއްވަނަ ހޯދާފައިވަނީ ޒީވާ މުހަންމަދު އުމަރު އަދި މުހަންމަދު ނާވީ ނައުޝާދު އެވެ. އަދި 5-7 އަހަރާއި ދެމެދުގެ އުމުރުފުރާއިން އެއްވަނަ ހޯދާފައިވަނީ އިބްރާހިމް އަލާން ޝާވިން އަދި އައިނީ އަލީ މަފާޒް އެވެ. 7 އަހަރާއި 9 އަހަރާއި ދެމެދުން އެއްވަނަ ހޯދާފައިވަނީ އާއިޝަތު ތިއާ އައިމަން އަދި އާދަމް އަލިޔާން މުހަންމަދު އެވެ.
ދިރާގު އިންޓަރނޭޝަނަލް އިންލައިން ސްޕީޑް ސްކޭޓިންގ ޗެމްޕިއަންޝިޕުގެ 9 އަހަރާއި 11 އަހަޜާއި ދެމެދުގެ އުމުރުފުރާއިން އެއްވަނަ ހޯދާފައިވަނީ އާމިނަތު ޝައިނާ ސަނީލް އަދި ކައިލް ހަސަން މައުރޫފްއެވެ. 11 އަހަރާއި 13 އަހަރާ ދެމެދުން އެއްވަނަ ހާސިލްކޮށްފަވަނީ އަހުމަދު ރާހިލް ޝަފީއު އަދި ވިވިއަން ހަސަން މައުރޫފްއެވެ. އަދި 13 އަހަރާއި 15 އަހަރާއި ދެމެދުގެ އެއްވަނަ ދުއްވުންތެރިއަކަށް ހޮވިފަވަނީ އެމާ ޢަބްދުﷲ ރަޝީދުއެވެ.
މި މުބާރާތުގައި 10 ކެޓަގަރީއެއް ކުރިއަށްދިޔައެވެ. އެއީ 5 އަހަރުންދަށާއި، 5-7 އަހަރާއި ދެމެދާއި، 7-9 އަހަރާއި ދެމެދާއި، 9-11 އަހަރާއި ދެމެދާއި، 11-13 އަހަރާއި ދެމެދާއި، 13-15 އަހަރާއި ދެމެދުގެ އުމުރުފުރާއެވެ. އޭގެ އިތުރުން ދެން ކުރިއަށް ދިޔައީ 15- 17 އަހަރާއި ދެމެދާއި، 17-30 އަހަރާއި ދެމެދުގެ އިތުރުން 30 އަހަރުން މައްޗަށް ކުރިއަށް ގެންދިޔަ މާސްޓާސް ކެޓަގަރީއެވެ.
ހަތަރުވަނަ ދިރާގު އިންޓަރނޭޝަނަލް އިންލައިން ސްޕީޑް ސްކޭޓިންގ ޗެމްޕިއަންޝިޕުގައި ރާއްޖޭގެ 3 އެކަޑަމީއަކުން ދުއްވުންތެރިން ވާދަކޮށްފަވެއެވެ. އެއީ ފިރާޒް އެކަޑަމީގެ 13 ބައިވެރިންނާއި، މައުރޫފް ސްޕީޑް ސްކޭޓިންގ ކުލަބުންވާދަކުރި 13 އެތުލީޓުންގެ އިތުރުން ސްކޭޓް މޯލްޑިވްސްގެ ފަރާތުން މުބާރާތުގައި ވާދަކުރި 41 ސްކޭޓަރުންނެވެ.
މީގެ އިތުރުން މިމުބާރާތުގައި ނޭޕާލްގެ 6 ސްކޭޓަރުންނާއި 2 އޮފިޝަލުން ބައިވެރިވެފަވެއެވެ.