ދުނިޔެ

އައިއެސް ޖަމާޢަތުގެ އަފްޣާން، ޕާކިސްތާން ލީޑަރު މަރާލައިފި


އެމެރިކާއިން ދިން ވައިގެ ޙަމަލާއެއްގައި އަފްޣާނިސްތާނާ ޕާކިސްތާނުގައި ޙަރަކާތްތެރިވަމުންދާ އައިއެސް ހަނގުރާމަވެރިންގެ ލީޑަރު މަރާލެވިފައިވާ ކަމަށް އެމެރިކާގެ ދިފާޢީ ވުޒާރާއިން ބުނެފިއެވެ.

އައިއެސްގެ ޕާކިސްތާނާ އަފްޣާނިސްތާނު ގޮފީގެ ލީޑަރު ޙާފިޒް ސަޢީދު ޚާން މަރާލެވިފައިވަނީ މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު ދިން ޑްރޯން ޙަމަލާއެއްގައި ކަމަށް ޕެންޓަގަންގެ ތަރުޖަމާން ވިދާޅުވިއެވެ. 

ސަޢީދު ޚާން މަރުވިކަމުގެ މަޢުލޫމާތު އެމެރިކާއަށް ދީފައި ވަނީ ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ އަފްޣާނިސްތާނުގެ ސަފީރެވެ. ތަޖްރިބާކާރުން ބުނާ ގޮތުގައި ސަޢީދު ޚާން މަރުވުމަކީ އައިއެސްއަށް ލިބިގެންދިޔަ ބޮޑު ހީނަރު ކަމެކެވެ.

މިއީ ފާއިތުވި ދެމަސްދުވަހުގެ ތެރޭގައި އެމެރިކާއިން ދިން ޑްރޯން ޙަމަލާއެއްގައި މަރުވި ޓެރަރިސްޓް ޖަމާޢަތެއްގެ 2 ވަނަ ލީޑަރެވެ. މިދިޔަ މެއިމަހު ޕާކިސްތާނަށް އެމެރިކާއިން ދިން ޙަމަލާއެއްގައި އަފްޣާން ތާލިބާން ލީޑަރު މުއްލާ އަކްތަރް މަންސޫރް ވަނީ މަރުވެފައެވެ.