މިއަހަރުގެ މިހާތަނަށް ފަތުރުވެރިކަމަށް 1800އަށްވުރެ ގިނަ އެނދު ނެރެފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއާއެކު، ފަތުރުވެރިކަމަށް ނެރެފައިވާ ޖުމްލަ އެނދުގެ އަދަދު މިވަނީ 65،000 އަށްވުރެ މައްޗަށް އަރާފައެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރު ނިމުނުއިރު ފަތުރުވެރިކަމަށް ނެރެފައިވާ ޖުމްލަ އެނދުގެ އަދަދު ހުރީ 63,248 ގައެވެ. އަދި މިހާރު މި އަދަދު ވަނީ 65,143 އަރާފައެވެ. އެހެންކަމުން މިއީ 1،895 އެނދުގެ އިތުރުވުމެކެވެ.
ފަތުރުވެރިކަމަށް ނެރެފައިވާ ޖުމްލަ އެނދުގެ އަދަދު 65،000 އަށްވުރެ މައްޗަށް އަރާފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކުގެ 43,247 އެނދާއި، ގެސްޓު ހައުސްތަކުގެ 15,494 އެނދާއި، ސަފާރީތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 3,918 އެނދުގެ އިތުރުން ހޮޓާތަކުގެ 2,484 އެނދެވެ.
އޮޕަރޭޝަނަށް ގެނެސްފައިވާ ޓޫރިސްޓު ފެސިލިޓީތަކުގެ ޢަދަދުތަކަށް ބަލާއިރު، 174 ރިސޯޓު، 903 ގެސްޓުހައުސް، 161 ސަފާރީ، 16 ހޮޓާ ހިމެނޭހެން ޖުމްލަ 1,254 ޓޫރިސްޓު ފެސިލިޓީއެއް ވަނީ މިހާރު ފަތުރުވެރިންނަށް ހުޅުވާލާފައެވެ.
ރާއްޖެއިން ފަތުރުވެރިކަމަށް ނެރެފައިވާ އެނދުގެ އަދަދު އިތުރުވެފައިވާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށްވެސް ދަނީ ކުރިއެރުން ލިބެމުންނެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 1,492,075 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު، 9.4 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1,363,333 ފަތުރުވެރިންނެވެ.
ސަރުކާރުން މިއަހަރު އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. އެހެންކަމުން މި އަމާޒު ހާސިލްކުރަން ދެން ބޭނުންވަނީ 807،925 ފަތުރުވެރިންނެވެ. އެހެންކަމުން މިއަހަރަށް ހިފާފައިވާ އަމާޒު ހާސިލްކުރުމަށް މިއަހަރުގެ ކުރިއަށް އޮތް 120 ދުވަސްތެރޭ ދުވާލެއްގެ މައްޗަށް 6،732 ފަތުރުވެރިން ރާއްޖެއަށް އަންނަން ޖެހެއެވެ. ކުރިއަށް އޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީސަން ކަމަށްވާއިރު، ދުވާލެއްގެ މައްޗަށް މިއަދަދަށްވުރެ އިތުރަށްވެސް ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެއެވެ.