ޚަބަރު

ކާރިސީ ހިރާސް ކުޑަކުރުމާގުޅޭގޮތުން ބޭއްވި ވޯކްޝޮޕް ނިމިއްޖެ


ރަށުފެންވަރުގައި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ވ.އަތޮޅުގެ ދެރަށެއްގައި ކުރިއަށްގެންދިޔަ ވޯކްޝޮޕް ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދެއްވައިފިއެވެ.

 ރަށުފެންވަރުގައި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރެއްވުމަށް ރަށްރަށުގައި ހިންގަވާ ވޯކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ، ރަށުފެންވަރުގައި ހިނގާ ކާރިސާތަކުގައި އަމަލުކުރަންވީގޮތް ރަށުގެ ރައްޔިތުންނަށް އަންގައިދިނުމެވެ. ވ. އަތޮޅުގެ ފުލިދޫ އަދި ކެޔޮދޫގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރެވެ.

އެރަށުގައި މި މަހުގެ ހަތަކުން އެގާރައަށް ކުރިއަށް ގެންދިޔަ، ވޯކްޝޮޕްގައި ބައިވެރިވި 48 ބައިވެރިންވަނީ، ކާރިސާއެއް ދިމާވާހިނދު އަމަލު ކުރަންވީ ގޮތުގެ ޑްރިލްއެއްވެސް އެރަށުގައި ދައްކާލާފައެވެ. މި ޑްރިލްއިން އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭވަގުތު އަނިޔާވެ އެހީތެރިކަން ބޭނުންވާ މީހުންނަށް އެއިރެއްގައި ލިބެންހުރި ވަސީލަތްތައް ބޭނުންކޮށްގެން އަވަސްފަރުވާ ދޭނެ ގޮތް ދައްކާލާފައިވެއެވެ. މިކަމުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަން އެމްއެންޑީއެފުން ފާހަގަކުރައްވައެވެ.

ފުލިދޫގައި ބޭއްވި ވޯކްޝޮޕް ފުރިހަމަ ކުރެއްވި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ، ދިވެހި ސިފައިން ދިވެހި ޤައުމުގެ މިނިވަންކަމާ އިސްތިގްލާލް ދެމެހެއްޓުމަށް ކުރައްވާ މަސައްކަތް ސަރުކާރާއި ރައްޔިތުން ބަލައިގަންނަކަމަށެވެ.

img:http://s1.psmnews.mv/images/660x400/14710365696512.jpg|ވ.އަތޮޅުގެ ދެރަށެއްގައި އެމްއެންޑީއެފް މާލެ އޭރިއާއިން ހިންގި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: އެމްއެންޑީއެފް

އަމިއްލަ ފުރާނައަށްވުރެ ގައުމާ މުޖުތަމަޢު ސިފައިން އިސްކުރައްވާ ކަމަށާއި، ސިފައިންނަކީ އަބަދުވެސް ދިވެހި ރައްޔިތުންގެ މުދަލާ ފުރާނަ ރައްކާތެރި ކުރުމުގައި ފަހަތަށް ނުޖެހޭނެ ބައެއް ކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރވަނީ ސިފައިނަށް އުފާވެރި ޚަބަރެއް ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ 1500 ފްލެޓްގެ ތެރެއިން ގިނަ އަދަދެއްގެ ފްލެޓް  ސިފައިންނަށް ކަނޑައަޅުވާފައިވާކަމަށެވެ.

ކެޔޮދޫގައި ކުރިޔަށްދިޔަ ވޯކްޝޮޕް ފުރިހަމަ ކުރެއްވި ބައިވެރިންނަށް ސެޓްފިކެޓް ހަވާލު ކުރެއްވުމަށް އެ ރަށުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވަނީ، ރައްޔިތުންނަށް ފައިދާކުރަނިވި ކަންކަމުގައި ކައުސިލްތަކާއި، ރައްޔިތުންގެ ފަރާތުން ދެއްވި އަހައްމިއްޔަތުކަން ފާހަގަކުރައްވާފައެވެ. އަދި ރައްޔިތުންނަށް ފައިދާއާއި މަންފާ ކުރަނި މިފަދަ ކަންކަމުގައި ހުރިހާ ފިކުރެއްގެ މީހުން އެކަތިގަނޑަކަށް ވުމުން، ދައްކުވައިދެނީ ރާއްޖޭގައި ކުރިއަރަމުން އަންނަ ޑިމެކްރެސީގެ ޤާބިލްކަން ހުރިކަން ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މި ވޯކްޝޮޕްގެ އިތުރުން ސިފައިންވަނީ، ފުލިދޫ އާއި ކެޔޮދޫގައި، އެކުއެޓިކް އެކްސެސައިޒް ޕްރޮގްރާމަކާއި، ސްކޫލް ދަރިވަރުންނަށް ފަސްޓްއެއިޑް ސެޝަންތަކެއްވެސް ކުރިއަށްގެންގޮސްފައެވެ. ވޯކްޝޮޕްގެ ބައިވެރިންވަނީ ފުލިދޫ އާއި ކެޔޮދޫގައި ކާރިސާއެއް ދިނާވާ ވަގުތު އަމަލު ކުރާނެ ގޮތުގެ ޕްލޭން އެކުލަވާލައި، ޕްލޭން ކައުންސިލާ ހަވާލުކުރައްވާފައެވެ.