ޚަބަރު

އެމްޑަބްލިޔުއެސްސީއަށް ޑޮލަރު ހޯދަން ފަތުރުވެރިކަމުގެ ސިނާއަތާ ގުޅިގެން މަސައްކަތް ކުރަނީ


  • ޑޮލަރު ހޯދުމަށް 2 ގޮތަކަށް މަސައްކަތް ކުރަނީ

  • ނާގޯށި ޕްރޮޖެކްޓުގައި އެމްޑަބްލިޔުއެސްސީގެ ބައިވެރިވުން ހިމެނުމަށް މަޝްވަރާ ކުރަނީ

ޑޮލަރުން އާމްދަނީ ހޯދުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރުމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިޔުއެސްސީން ނިންމައިފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ މަތީން ވިދާޅުވީ މި އަހަރު ތެރޭގައި ޑޮލަރުން އާމްދަނީ ލިބޭނެ މަގުތައް ތަނަވަސްވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށެވެ.

މަތީން ވިދާޅުވީ އެކުންފުނީގެ އަހަރީ އޮޕަރޭޝަނަށް ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު ބޭނުންވާކަމަށާއި ރާއްޖެއިން ބޭރުން އިމްޕޯޓުކުރާ ސާމާނާއި ޑީސަލް ގަތުމަށް ޑޮލަރު ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ކުންފުނިން އައު ސިޔާސަތުތަކެއް ތަންފީޒުކުރަން ފަށާފައިވާ ކަމަށެވެ. ފާއިތުވި 30 އަހަރު ދުވަހުގެ ތެރޭގައި ކުންފުންޏަށް ޑޮލަރުން އާމްދަނީ ލިބޭނެ ނިޒާމެއް ގާއިމުކުރެވިފައި ނުވުމުން ދަތިތައް ކުރިމަތިވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެ ކުންފުންޏަށް ޑޮލަރުން އާމްދަނީ ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި 2 ގޮތަކަށް މަސައްކަތް ކުރުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ފަތުރިވެރިކަމުގެ ދާއިރާއިން މަސައްކަތް ކުރުމަށް ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ތެރޭގައި އެބަތިބި ޑޮލަރުން އާންމްދަނީ ލިބޭ ފަރާތްތައް. މިސާލަކަށް ޓުއަރިޒަމް ފެސިލިޓީ. މާފުއްޓަށް ބެލިއަސް، މާލެއަށް ބެލިއަސް. އަޅުގަނޑުމެން ދިރާސާ އެބަހަދަން އޭގަ އެފަރާތްތަކާއެކު އެގްރީމަންޓަކަށް ދެވިދާނެތޯ. އެބޭފުޅުން ޑޮލަރުން ޕޭމަންޓް ހަދަން. ކިތައްމެ ކުޑަމިންވަރެއްވިއަސް" އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ވިދާޅުވިއެވެ.

މަތީން ވިދާޅުވީ އެމްޓީޑީސީއާ ގުޅިގެން ހދ. ނާގޯށީގައި ތަރައްގީކުރަމުންދާ ރިސޯޓު ޕްރޮޖެކްޓުގައި އެމްޑަބްލިޔުއެސްސީގެ ބައިވެރިވުން ހިމެނުމަށް މަޝްވަރާކުރަމުންދާ ކަމަށެވެ. އެގޮތުން ފެނާއި ނަރުދަމާގެ ނިޒާމު ޕްލޭން ކުރުމާއި، ޑިޒައިން ކުރުމާއި، އިމްޕްލިމެންޓޭޝަންގެ ތަޖުރިބާ ކުންފުންޏަށް ލިބިފައިވާތީ، އެ ހުނަރުތައް ޓޫރިޒަމް ސެކްޓަރގެ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުތަކުގައި ބޭނުންކޮށްގެން ޑޮލަރުން އާމްދަނީ ހޯދުމަކީ މުހިންމު ކަމެއްގެ ގޮތުގައި އެކުންފުނިން ދެކެއެވެ.

އަދި ކުންފުނީގެ ބޯޑާއި މެނޭޖްމަންޓުން މިހާރު އެންމެ އިސްކަމެއް ދެނީ ޑޮލަރުން އާމްދަނީ ހޯދުމުގެ ދާއިމީ ހައްލެއް ގާއިމުކުރުމަށް ކަމަށާއި، މި މަސައްކަތުގެ ނަތީޖާ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ފެންނަން ފަށާނެ ކަމުގެ އުންމީދު އޮތް ކަމަށްވެސް ކުންފުނިން ގަބޫލުކުރެއެވެ.