ދުނިޔެ

އޮލިމްޕިކް ކުޅިވަރުތަކުގެ ތެރެއިން އަނެއްކާވެސް ތަފާތު ކަމެއް!


ބްރެޒިލްގެ ރިއޯ ޑީ ޖެނެއިރޯގައި މިހާރު ކުރިޔަށްދާ އޮލިމްޕިކް ކުޅިވަރުތަކުގެ ފޯރި ހިފާފައިވާއިރު، އޮލިމްޕިކް ކުޅިވަރުތަކުގެ ތެރޭގައި ނުހިމެނުނު ނަމަވެސް ސަމާލުކަން ހުއްޓުވާލާފަދަ ގިނަ ކަންތައްތަކެއް ދަނީ ފެންނަމުންނެވެ.

އެގޮތުން މިފަހުން މީހުންގެ ނަޒަރު އެކަމެއްގެ މައްޗަށް ހުއްޓުވާލި އެއްކަމަކީ، އެކި ޤައުމުތަކުން އޮލިމްޕިކް ކުޅިވަރުތަކުގައި ބައިވެރިވުމަށް ބްރެޒިލަށް ގޮސްތިބި އެތްލީޓުންގެ ކެއުމުގެ ކަންކަން ހަމަޖެއްސުމުގައި މިހާރު ރިއޯގައި ހަރަކާތްތެރިވަމުންދާ ބައިނަލްއަޤްވާމީ އެތައް ޝެފުންނެއް ގުޅިގެން ރިއޯގެ އޮލިމްޕިކް ވިލެޖްގެ ފޯރުންތެރިކަންކުޑަ އެތައް ރައްޔިތުންނަކަށް ކާންދިނުމަށް އަމިއްލައަށް އިސްނަގައިގެން ކުރަމުންދާ މަސައްކަތެވެ.

އެއްތިރީސް ވަނަ އޮލިމްޕިކް ގޭމްސް ބްރެޒިލްގައި ކުރިއަށްދާއިރު، އެޤައުމުގެ އިޤްތިޞާދު އޮތް ދަށް ޙާލަތުގެ ސަބަބުން ފާޑުކިޔާ އެތައް ބައެއްގެ ނުރުހުން ބްރެޒިލްގެ ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ. އޮލިމްޕިކް ވިލެޖްގެ ކެއްކުމުގެ ކަންކަން ކުރިޔަށްގެންދިޔުމަށް ޙަވާލުކޮށްފައިވާ ކުންފުނިން މިހާރު ދަނީ އެސަރަޙައްދުގެ އާއްމު ރައްޔިތުންގެ ތެރެއިން 5،000 އެއްހާ މީހުންގެ ކެއުމުގެ އިންތިޒާމް، އޮލިމްޕިކް އެތްލީޓުންގެ ކެއުމަށް ގެންނަ ކާބޯތަކެތީގެ ތެރެއިން ބާކީވާ ބައިން ހަމަޖައްސަމުންނެވެ. 

ބްރެޒިލް އަދި އިޓަލީއަށް ނިސްބަތްވާ ދެ ޝެފުން އިސްވެތިބެ ހިންގާ މި ހަރަކާތުގެ ބޭނުމަކީ އޮލިމްޕިކް އެތްލީޓުންގެ ކެއުން ހަމަޖައްސަން ގެނެސްފައިވާ ތަކެތީގެ ތެރެއިން ބާކީވާ، ހަލާކުނުވެހުރި، ކެއުމަށް ބޭނުންކުރަން އެކަށޭނަ ކާބޯތަކެތި، ކައްކާފައި އާއްމުންނަށް ބަހައިގެން އެސަރަޙައްދުގައި ފެތުރިފައިވާ ބަނޑުހައިހޫނުކަމަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ހޯދަދިނުން ކަމަށް އެފަރާތުން ބުނެއެވެ.

"މިކަމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ކޮންމެ ދުވަހަކުވެސް އިތުރުވެފައި ހުންނަ ކާބޯތަކެތި އިސްރާފު ނުކޮށް ހެޔޮގޮތުގައި އޭގެ ބޭނުން ހިފުން. މިސާލަކަށް އިތުރުވާ މޭވާއާއި ތަރުކާރީގެ އިތުރުން ޔޯގަޓް، ބޭނުން ނުކޮށް ބަހައްޓައިފިނަމަ ދެތިން ދުވަސްތެރޭ އެއެއްޗެހި ހަލާކުވާނެ." މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ބްރެޒިލްގެ ޝެފް ހާރޓްޒް ބުންޏެވެ.

"އަހަރެމެން ބޭނުންވަނީ މިކަން ކޮށްގެން ބަނޑުހައިހޫނުކަމަށް ހުޔެއް ގެނެސް، ގިނަ ބަޔަކަށް ކާނާ ފޯރުކޮށްދީ އެހީތެރިވާން." ޝެފް ހާރޓްޒް ބުންޏެވެ.

މި މަސައްކަތް އޮލިމްޕިކް ކުޅިވަރުތައް ނިމެންދެން ކުރިއަށްގެންދާނެ ކަމަށް އޮލިމްޕިކް ވިލެޖްގެ ކެއްކުމުގެ ކަންކަން ކުރިޔަށްގެންދިޔުމަށް ޙަވާލުކޮށްފައިވާ އެ ކުންފުނިން ބުނެއެވެ.