ޚަބަރު

އެމްޔޫ މަނިކު: އިޤުތިޞާދު ކޮޅަށްޖެއްސެވި، ފަނޑުނުވާނެ ޚިދުމަތްތެރިއެއް


  • ދިވެހި ފަތުރުވެރިކަން ކުރިއެރުވުމަށް އެމްޔޫ މަނިކުވަނީ ގިނަ މަސައްކަތްތަކެއްކުރައްވާފައި

  • އިޖުތިމާޢީ ރޮނގުންވެސް ރާއްޖެއަށް ގިނަ ޚިދުމަތްތަކެއްކުރެއްވި

މިދިޔަ ހޮނިހިރު ދުވަހު އަވަހާރަވި މަޝްހޫރި ވިޔަފާރިވެރިޔާ، ކޮލިގޭ މުޙައްމަދު ޢުމަރު މަނިކަކީ 19 އަހަރަށްވުރެ ދިގު މުއްދަތެއްވަންދެން ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވި ބޭފުޅެކެވެ. ނަމަވެސް ދިވެހިން އެމަނިކުފާނު ދަންނަނީ މިއަދު މި ދެކޭ ދިވެހި އިޤުތިޞާދު ބިނާވެފައިވާ ފަތުރުވެރިކަމުގެ ދާއިރާގެ ކުނބު ކޮށްޅަށް ޖެއްސެވި ބާނީގެ ގޮތުގައެވެ. ޝައްކެއް ވެސް ނެތެވެ. މިއަދު ދިވެހި އިޤުތިޞާދަށް ބިލިޔަނުން އާމްދަނީ ލިބޭ ފަތުރުވެރިކަން ފެށުމުގެ ދުރުވިސްނޭ ތަޞައްވުރު ގެންގުޅުއްވި އެއް ބޭފުޅަކީ މުޙައްމަދު ޢުމަރު މަނިކެވެ.

1972 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 16ވަނަ ދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިންގެ ގުރޫޕު އައުމުން، އެ މީހުން ރާއްޖޭގައި ތިބުމުގެ ކަންތައްތައް ހަމަޖެއްސެވި ޢުމަރު މަނިކެވެ. ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވައި، ފުޅާކުރެއްވުމަށްޓަކައި އޭރު އުފެއްދެވި މިއުމަން ޓުއަރިސްޓް އޭޖެންސީއަކީ ވެސް މުޙައްމަދު ޢުމަރު މަނިކުގެ ބައިވެރިވުމާއެކު 1972ވަނަ އަހަރު އުފެއްދެވި އޭޖެންސީއެކެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ރިސޯޓެއް ހުޅުނީ ޢުމަރު މަނިކުގެ ބައިވެރިވުމާއެކުއެވެ. މާލެ އަތޮޅު ވިހަމަނާފުށީގައި ހުޅުވި 30 ކޮޓަރީގެ އެ ރިސޯޓު 1986 ވަނަ އަހަރު އަލުން ތަރައްޤީކޮށް، ރާއްޖޭގެ ފަތުރުވެރިކަން މުޅިން އައު މަރުޙަލާއަކަށް ގެންދަވައި ރާއްޖޭގެ ފުރަތަމަ 5 ތަރީގެ ހޮޓަލަށް މި ރިޒޯޓް ހެއްދެވި ބޭފުޅަކީ މުޙައްމަދު ޢުމަރު މަނިކެވެ.

އަވަހާރަވިއިރު، މުޙައްމަދު ޢުމަރު މަނިކަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ރިޒޯޓުތައް ހިންގާ ޔުނިވަރސަލް އެންޓަރޕްރައިސަސް ލިމިޓެޑްގެ ޗެއަރމަނެވެ. ޔުނިވަރސަލް އެންޓަރޕްރައިސަސް އުފައްދަވައި، ރާއްޖެއާއި ޔޫރަޕުގެ ޤައުމުތަކުގެ ފަތުރުވެރިން ގުޅުވައިދިނުމުގެ މަސައްކަތް ފެށްޓެވުމުގެ ގޮތުން ފުރަތަމަ ފަހަރަށް ޖަރުމަނުގެ ކޮންޑޯ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމުގައިވެސް މުޙަންމަދު ޢުމަރު މަނިކު މުހިންމު ދައުރެއް އަދާކުރެއްވިއެވެ. މި ދަތުރުތައް ފެށީ 31 އޮކްޓޯބަރ 1981 ގައެވެ. މި ފްލައިޓް ރާއްޖެއަށް ދަތުރު ފެށުމުން ޔޫރަޕާއި ރާއްޖެ ފުރަތަމަ ފަހަރަށް ވައިގެ މަގުން ސީދާ ގުޅުނެވެ.

މިއީ އަދި ފެށުމެވެ. ޔޫރަޕުގެ ފަތުރުވެރިން ރާއްޖެ ގެނެސް، ޔޫރަޕަށް ރާއްޖެ އިސްތިހާރުކުރުމުގެ މަސައްކަތްވެސް އާރުލާ ފެށްޓެވިއެވެ. މި މަސައްކަތުގައިވެސް ޢަމަލީ ގޮތުން ބައިވެރިވެވަޑައިގަތް ފުރަތަމަ ފަހަރަށް ޖަރމަންގެ އައި.ޓީ.ބީ ފެއަރގައި ބައިވެރިވުމުގެ އިތުރުން އޭޝިޔާއަށް ދިވެހި ފަތުރުވެރިން އިސްތިހާރުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. ޖަޕާނަށް ރާއްޖޭގެ ފަތުރުވެރިކަން ތަޢާރުފު ކޮށްދެއްވުމަށް އެ ޤައުމަށް ދަތުރުފުޅު ކުރެއްވުމާއި ހޮންގކޮންގއާއި ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް ގެންނެވުމާއި ތައިވާނުން ސީދާ ރާއްޖެއަށް އީވާ އެއަރގައި ފަތުރުވެރިން ގެންނެވުމުގައިވެސް ޢަމަލީގޮތުން މުޙަންމަދު އުމަރު މަނިކު ބައިވެރިވެވަޑައިގެންފައިވެއެވެ.

ރާއްޖޭގައި ޓޫރިޒަމް ތަޢާރުފުވެ، އެ މަސައްކަތް ފުރަތަމަ ފެށުނު ހިސާބުން ފެށިގެން މުޙަންމަދު މަނިކުގެ އަމާޒަކަށްވީ، ރާއްޖެއަށް ފައިދާހުރި ގޮތްގޮތަށް އެމަސައްކަތް ތަރައްޤީ ކުރެއްވުމަށް މަސައްކަތް ކުރެއްވުމެވެ. އެގޮތުން ކަމާބެހޭ ތަޖުރިބާކާރުން ރާއްޖެއިން ބޭރުން ގެންނަވައިގެން، ރާއްޖޭގެ މީހުންނަށް ޓޫރިޒަމްގެ އެކިއެކި ތަމްރީނުތައް ދެއްވައި، ރާއްޖޭގެ ރިޒޯޓްތަކުގެ ފެންވަރު މަތިކުރެއްވުމަށް އެމަނިކުފާނު ވަރަށް ބޮޑަށް މަސައްކަތްކުރެއްވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ބާނީއެއްގެ އިތުރުން މުޙައްމަދު ޢުމަރު މަނިކަކީ އިޖުތިމާޢީ ރޮނގުން ވެސް މަޝްހޫރު ޚިދުމަތްތެރިއެކެވެ. އެގޮތުން 2004 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ހާލުގައި ޖެހުނު ރަށްރަށަށް ސާފު ބޯފެން ފޮނުއްވައި ދެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރެވެއެވެ. އުތުރުގެ އަތޮޅުތަކަށް ބޯޓެއް އަދި ދެކުނުގެ އަތޮޅުތަކަށް ބޯޓެއް ފޮނުއްވައި، ފެނަށް ޖެހިފައިވާ ރަށްރަށަށް ފެން ފޯރުއްވައިދެއްވި ދެއްވުން އެއީ، އެމަނިކުފާނުގެ ޚިދުމަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ޚިދުމަތެކެވެ.

މީގެ އިތުރުން އައި.ޖީ.އެމް. ހޮސްޕިޓަލްގައި ޑައިލިސިސް މެޝިނެއް ބަހައްޓަވައި، އެކަމަށް ބޭނުންވާ މީހުން އަމިއްލަފުޅު ޚަރަދުގައި ތަމްރީނުކޮށްދެއްވާފައިވެއެވެ. އަދި ސްޕެޝަލައިޒްޑް ރޮނގުތަކުން ޑޮކްޓަރުން ތަމްރީނު ކުރެއްވުމަށްޓަކައި ޑޮކްޓަރުން ރާއްޖެއިން ބޭރަށް ފޮނުއްވިކަމާއި، އަދި ބައެއް ޑޮކްޓަރުން ތަމްރީނުތައް ފުރިހަމަކުރެއްވުމަށްފަހު މިހާރު ޚިދުމަތުގައި ދެމިތިއްބެވިކަންވެސް ފާހަގަކުރެވެއެވެ. އަދި މިނޫން އެހެން ރޮނގުތަކުންވެސް ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ހޯއްދަވައިދެއްވައި، މީހުން ތަމްރީންކުރުމަށް ވެސް ބޮޑު އެހީތެރިކަމެއްވެދެއްވިއެވެ.

މުޙައްމަދު ޢުމަރު މަނިކު ދިވެހި ޤައުމަށްކޮށްދެއްވާފައިވާ ވިޔަންކުރަމް ދަތި އެ ޚިދުމަތްތަކުގެ ސަބަބުން 2011 ވަނަ އަހަރު ދިވެހި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އެމަނިކުފާނަށް ލިބިވަޑައިގެންނެވިއެވެ.