ޚަބަރު

އަބުރު ރައްކާތެރިކުރުމުގެ ޤާނޫނަށް ޙުރުމަތްތެރިވުމަށް ގޮވާލައިފި


އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނަށް ޙުރުމަތްތެރިކޮށް ހިތުމަށް އެންމެހާ ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސް ކުރައްވައިފިއެވެ.

މިރޭ ނެރުއްވި ސަރވކިއުލަރއެއްގައި އެ ކޮމިޝަނުންވަނީ، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ޢަމަލުކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސް ކުރައްވާފައެވެ. އަދި، ޚާއްޞަ ގޮތެއްގައި، ވަގުތުން ދުރަށް ފޮނުވާ އިވެންޓްތައް ބްރޯޑްކާސްޓް ކުރުމުގައި، އަދި ޚަބަރާއި ކަރަންޓް އެފެއަރޒް ޕްރޮގްރާމްތައް ގެނެސްދިނުމުގައި އެ ޤާނޫނު ކަނޑައަޅުއްވާފައިވާ ހަމަތަކަށް ސަމާލުވުމަށް އަންގަވާފައިވެއެވެ.

މީގެ އިތުރުން، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގައި ކަނޑައަޅާފައިވާ ހަމަތަކާއި މިންގަނޑުތަކަށް ސަމާލުވުމަށާއި، އެ ކޮމިޝަނުން އެކުލަވާލައްވާފައިވާ "މުޒާހަރާއި ހަލަބޮލި ޙާލަތުތައް ކަވަރުކުރުމުގެ ގައިޑްލައިން"އަށް ސަމާލުވުމަށްވެސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ސަރކިއުލާގައި، ހުރިހާ ބްރޯޑްކާސްޓްރުންނަށް ހަނދުމަކޮށްދެއްވާފައިވެއެވެ.

މި މަހުގެ 9 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވާފައިވަނީ އިއްޔެއެވެ.