ކްލަބް މޯލްޑިވްސް 2025 ގެ އެއިޓީން ތާޓީ ކްލެސިކް މުބާރާތުގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް ހެލްތު ރެކްރިއޭޝަން ކުލަބާއި، ޓީމު އެމްއޭސީއެލް އަދި ޕްރިޒަން ކުލަބުން ކުއާޓާ ފައިނަލްގެ ޖާގަ ހޯދައިފިއެވެ.
ގުރޫޕް ސްޓޭޖުގެ ފަހު މެޗުތައް ރޭ ނިމިގެން ދިޔައިރު 12 ޓީމުގެ ތެރެއިން ގަދަ އަށްޓީމު ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. ގުރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކާމިޔާބުކޮށް ގުރޫފް އޭގެ އެއްވަނަ ހޯދާފައިވަނީ 9 ޕޮއިންޓާއެކު ޕްރިޒަން ކުލަބުންނެވެ.
ގްރޫޕް ބީގެ އެއްވަނަ 6 ޕޮއިންޓާއެކު ހެލްތު ރެކްރިއޭޝަން ކުލަބުން ހޯދާފައިވާއިރު ގްރޫޕް ސީގެ އެއްވަނަ ހޯދީ 9 ޕޮއިންޓާއެކު އޭމްއޭސީއެލްއެވެ. ރޭގެ މެޗުތަކަށް ބަލާއިރު ޕްރިޒަން ކުލަބުން ވަނީ 0-11 އިން ކަސްޓަމްސް ރެކްރިއޭޝަން ކުލަބު ބަލިކޮށްފައެވެ.
ދަރުމަވަންތް ހޮސްޕިޓަލާއި ޓީމު ބަދަހި ބައްދަލުކުރި މެޗު ކާމިޔާބު ކުރީ 2-0 ން ބަދަހި ޓީމުންނެވެ. ސްޓެލްކޯއިން ހުޅުމާލެ ހޮސްޕިޓަލާއި ބައްދަލުކުރި މެޗު 2-0 ން ކާމިޔާބު ކުރީ ސްޓެލްކޯ ރެކްރިއޭޝަން ކުލަބުންނެވެ.
އެސްޓިއޯ އާއި ކުޅުވަރު ވުޒާރާ ބައްދަލުކުރި މެޗު ނިމުނީ 2-2 ން ދެ ޓީމު އެއްވަރުވެގެންނެވެ.
އޭސީސީއޭ އާއި އެމްއޭސީއެލް ބައްދަލުކުރި މެޗު 10-0 ން ކާމިޔާބުކުރީ އެމްއޭސީއެލުންނެވެ.
ރޭ ކުޅުނު މެޗުތަކުގެ މޮޅު ކުޅުންތެރިންނަށް ހޮވިފައިވަނީ ސްޓެލްކޯގެ އައިމިނަތު ރިސާލާ އާއި ޕްރިޒަން ކުލަބު އައިމިނަތު ފަޒްލާއި ޓީމު ބަދަހިގެ ރިފްގާ އާއި ކުޅިވަރު ވުޒާރާގެ ޝާނިޔާ އަހުމަދު ނިޒާމް އަދިި އެމްއޭސީލްގެ އާޒިނާއެވެ.