މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް އެންމެ ފަހުގެ ޗެމްޕިއަން ޔަނިކް ސިނާ ހޯދާފައިވާއިރު އަންހެން އިވެންޓުގެ ސެމީ ފައިނަލުގެ ޖާގައެއް ނައޮމީ އޮސާކާ ހޯދައިފި އެވެ.
ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ހުރި ސިނާ މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ މި މުބާރާތުގައި ދިހަވަނަ އަށް ސީޑު ކޮށްފައިވާ އިޓަލީގެ ލޮރެންޒޯ މުސޭޓީ އާއި ދެކޮޅަށް ކުޅުނު މެޗު ހައެއް އެކެއް, ހައެއް ހަތަރެއް އަދި ހައެއް ދޭއްގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
ނިމިގެންދިޔަ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ވެސް ކާމިޔާބުކޮށްފައިވާ ސިނާ އާއި ދެކޮޅަށް މުސޭޓީ ކުޅުނު ކުއާޓަރ ފައިނަލް މެޗު ވެފައިވަނީ ގްރޭންޑް ސްލޭމް މުބާރާތެއްގެ ކުއާޓަރ ފައިނަލުގައި އިޓަލީގެ ދެ ކުޅުންތެރިން ބައްދަލުކުރި ފުރަތަމަ މެޗަށެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގައި ސިނާ އާއި ދެކޮޅަށް ނިކުންނާނީ ކެނެޑާގެ ފެލިކްސް އައުގާ އެލިއަސީމް އާއި ދެކޮޅަށެވެ.
މި މުބާރާތުގެ އަންހެން އިވެންޓުގެ ކުއާޓަރ ފައިނަލުގައި ޖަޕާނުގެ ނައޮމީ އޮސާކާ ވަނީ ކެރޮލޯނާ މުޗޯވާ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަ ކަމާއެކު ހައެއް ހަތަރެއް އަދި ހަތެއް ހައެއްގެ ނަތީޖާއަކުން ކާމިޔާބުކޮށް ސެމީ ފައިނަލުގެ ޖާގައެއް ހޯދާފަ އެވެ.
މީގެ ކުރިން ހަތަރު މުބާރާތް ކާމިޔާބުކޮށްފައިވާ ނައޮމީ އޮސާކާ އެންމެ ފަހުން ބޮޑު މުބާރާތެއް ކާމިޔާބު ކޮށްފައިވަނީ މީގެ ހަތަރު އަހަރު ކުރިންނެވެ. އަދި ވިހެއުމަށްފަހު ކުޅުމާއި ދުރުގައި އަހަރެއްހާ ދުވަސް ހުރުމަށްފަހު އަލުން ކުޅުމުގެ ތެރެއަށް އޭނާ އައިސްފައިވަނީ މިދިޔަ އަހަރު އެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގައި އޮސާކާ އާއި ދެކޮޅަށް ނިކުންނާނީ އަމަންޑާ އަނިސިމޯވާ އެވެ.