ޚަބަރު

ސްލޮވޭކިއާ އަތުން ޖަރުމަން ބަލިވެއްޖެ


ވޯލްޑްކަޕް ކޮލިފައިންގައި ސްލޮވޭކިއާ އާއި ދެކޮޅަށް ޖަރުމަން ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ޖަރުމަން ބަލިވެއްޖެ އެވެ.

ސްލޮވޭކިޔާގެ ބްރަޓިސްލާވާ ގައި ކޮލިފައިންގެ ޔޫރަޕްގެ ގްރޫޕް އޭ ގައި ކުޅުނު މި މެޗުން ޖަރުމަން ބަލިވެފައިވާއިރު މިއީ ވޯލްޑްކަޕް ކޮލިފައިންގެ މެޗެއްގައި ޖަރުމަން ބަލިވި ހަތަރުވަނަ ފަހަރެވެ.

ޖަރުމަނުން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ މި މެޗުގެ ފުރަތަމަ ހާފުގެ ކުޅެން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ސްލޮވޭކިޔާގެ ޑޭވިޑް ހެންކޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދިހަ ވަނަ މިނިޓުގައި ޑޭވިޑް ސްޓްރެލެޗް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.

ޖޫލިއަން ނަގެލްސްމަންގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ޖަރުމަނުގެ ފޯވަޑް ލައިނަށް މި މެޗުގައި އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު, އަންނަ ހަފްތާގައި އަމިއްލަ ގައުމުގައި ޖަރުމަން ނިކުންނާނީ ނޮދަން އަޔަރލޭންޑް އާއި ދެކޮޅަށެވެ.

ގްރޫޕް އޭ ގައި ރޭ ނޮދަން އަޔަރލޭންޑް އާއި ދެކޮޅަށް ލަގްޒެންބަރގް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ނޮދަން އަޔަރލޭންޑް އެވެ.

ވޯލްޑްކަޕްގެ ކޮލިފައިންގައި ޔޫރަޕްގެ ގައުމުތައް ޖުމްލަ 12 ގްރޫޕަކަށް ބަހާލާފައިވާއިރު, ކޮންމެ ގްރޫޕަކުންވެސް އެއްވަނައަށް ދާ ޓީމެއް ވޯލްޑްކަޕަށް ކޮލިފައިވާނެ އެވެ. އަދި ދެވަނައަށް ދާ ޓީމުތައް ޖެހޭނީ ޕްލޭއޮފް ގައި ކުޅުމަށެވެ.