ކުރިއަށް އޮތް ދުވަސްތަކުގައި ގައުމީ ފުޓްބޯޅަ ޓީމަށް ބަދަލުތަކެއް އަންނާނެ ކަމަށާއި، ގައުމީ ޓީމުން ޖާގަހޯދުމުގެ ފުރުސަތު ކޮންމެ ކުޅުންތެރިއަކަށްވެސް ހުޅުވިފައިވާ ކަމަށް ޓީމުގެ ކޯޗުކަމާ ދާދިފަހުން ހަވާލުވި މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.
ނޫސްވެރިންނާއި ވާހަކަދައްކަމުން މޯހަން ބުނީ ގައުމީ ޓީމު ވަރުގަދަކުރުމަކީ މުހިންމުކަމެއްކަމަށެވެ. މިގޮތުން ޓީމަށް ކުޅުންތެރިން ހޮވުމުގައި ނަމަކަށް ނުބަލާނެކަމަށާއި ބަލާނީ ޕްރެކްޓިހަށް ފަރުވާތެރި، ދަނޑުމަތީ ކުޅޭއިރުވެސް ކޮމިޓެޑް ކުޅުންތެރިން ޓީމަށް ނެގުމަށްކަމަށެވެ.
"އަޅުގަނޑު ކޮންމެ ގޮތެއްވިޔަސް ކުރިއަށްތާވެސް ޓީމަށް ނަގާނީ ޕްރެކްޓިސްތަކުގަވެސް ހަމަ ކުލަބު ޕްރެކްޓިހުގަވެސް އަދި ދަނޑުމަތީ މެޗުތަކުގަވެސް ރަނގަޅަށް ކޮމިޓްމަންޓު ހުރި ރަނގަޅު ކުޅުންތެރިން. ކޮންމެހެން ނަމަށް ބަލައިގެންނެއްނޫން ނަގާނީކީ. މެޗުތައް ރަނގަޅަށް ޕާރފޯރމްކުރާ ޕްރެކްޓިސް ރަނގަޅަށްކުރާ ކުޅުންތެރިން އަޅުގަނޑު އެހުރިހާ ކަމަކަށްވެސް ބަލާނަން ހަމަ. ކުލަބުތަކުގެ ކޯޗުންނާވެސް އިރާދަކުރެއްވިއްޔާ މަޝްވަރާކޮށް ވާހަކަދެކެވިގެން ހަމަ އަޅުގަނޑުމެން ޓީމު ނަގާނީ" މޯހަން ބުންޏެވެ.
މޯހަން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ގައުމީ ޓީމަށް ބަދަލުތަކެއް އަންނާނެކަމަށެވެ. އަދި މާގިނަ މުބާރާތްތަކެއް ކުރިއަށް ނެތުމުން މިހާރު އޮތް ޓީމަށް މާބޮޑު ބަދަލެއްނައި ނަމަވެސް މުސްތަގުބަލުގައި ޓީމުން ބަދަލުތަކެއް ފެނިގެންދާނެކަމަށް މޯހަން ފާހަގަކުރިއެވެ. މިގޮތުން ގައުމީ ޓީމުން ފުރުސަތު ހޯދުމުގެ ދޮރު ކޮންމެ ކުޅުންތެރިއަކަށްވެސް ހުޅުވިފައިވާކަމަށް މޯހަން ބުންޏެވެ. އަދި ޓީމަށް ކުޅުންތެރިން ހޮވުމުގައި ބަލާނީ އެކުޅުންތެރިއެއްގެ ފަރުވާތެރިކަމަށާއި ކޮމިޓެޑްކަމަށްކަމަށް މޯހަން ބުންޏެވެ.
"ބަދަލުތަކެއް އަންނާނެ (ޓީމަށް) އެކަމު މިފަހަރު އަދި މުބާރާތެއް ނެތި ދާއިރު، ބޮޑު ބަދަލެއް ނައިކަމުގަވިޔަސް މުސްތަގުބަލުގަ ހަމަ ގައުމީ ޓީމަށް ހަމަ ކޮންމެ ކުޅުންތެރިއަކަށްވެސް ފުރުސަތު ހުޅުވިގެންދާނެ. އެހެންނަމަވެސް އެއީ މަސައްކަތުންނޭ. ވަކި ނަމަކަށް ބަލާފަކާ ނެޝަނަލް ޓީމުގަ އިންނާނެ އެއްވެސް ކުޅުންތެރިއެއް ނީންނާނެ. އެގޮތަކަށް ނޫން އިންނާނީ. ނަމެއް ނޫން މުހިންމުވަނީ ކުޅުންތެރިޔާ ކުރާ މަސައްކަތް ދަނޑުމަތީގަ އެކުލަބުގަ ޕާރފޯރމްކުރާ ޕާރފޯރމަންސް މިހުރިހާ އެއްޗަކަށް ބަލައިގެން އަޅުގަނޑު ޓީމު ނަގާނީ" މޯހަން ބުންޏެވެ.
ސައުތު އޭޝިއަން ސުޕަ ކަޕަށް ގައުމީ ޓީމުގެ ސްކޮޑު އެކުލަވާލާފައިވާއިރު، މިޓީމުން ޒުވާން ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު އިލާން އިމްރާން އާއި ހަސަން ރާއިދުވެސްވަނީ ޖާގަހޯދާފައެވެ.
ސައުތު އޭޝިއަން ސުޕަ ކަޕުގައި ރާއްޖެ އާއި ލަންކާ ބައްދަލުކުރާ ފުރަތަމަ މެޗު އޮންނާނީ ހޮނިހިރު ދުވަހު ލަންކާގެ ރޭސް ކޯސް ފުޓްބޯޅަ ދަނޑުގަ އެވެ. އަދި މިމުބާރުގެ ދެ ވަނަ މެޗު ތާވަލުކޮށްފަވަނީ އަންގާރަ ދުވަހަށެވެ.