ޚަބަރު

ކިންގްސް ކަޕް: ވެމްކޯ ކަޓުވާލާ އާރް.އާރް.ސީ ސެމީއަށް


ކްލަބް މޯލްޑިވްސް 2025 ގެ ކިންގްސް ކަޕްގެ ގްރޫޕް ސްޓޭޖުން އެންމެ ފަހުގެ ޗެމްޕިއަނުން ކްލަބް ވެމްކޯ ކަޓުވާލުމަށްފަހު ރޯޑް ރެކްރިއޭޝަން ކްލަބް (އާރް.އާރް.ސީ) ސެމީފައިނަލްގެ ޖާގައެއް ޔަގީންކޮށްފިއެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗާ މިރޭ މިދެޓީމް ކުރިމަތިލިއިރު ވެމްކޯއަށް މުބާރާތުގައި ކުރިއަށްދިއުމުގެ ފުރުސަތު އޮތީ މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ. ވެމްކޯ އާއި އާރް.އާރް.ސީ ބައްދަލުކުރި ފޯރިގަދަ މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ވެމްކޯއިންނެވެ. އެހެންނަމަވެސް މެޗު ނިމެން ސިކުންތުކޮޅަކަށް ވެފައިވަނިކޮށް އާރް.އާރް.ސީއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ވެމްކޯއިން ކުރި ހަވަނަ ފައުލަށް ދިން ދުރު ޕެނަލްޓީއަކުންނެވެ.

މިމެޗުން ހޯދި ޕޮއިންޓާއެކު އާރް.އާރް.ސީ ގްރޫޕް ސްޓޭޖު ނިންމާލީ 3 މެޗުން 4 ޕޮއިންޓާއެކުއެވެ. މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ވެމްކޯ ގްރޫޕް ސްޓޭޖު ނިންމާލާފައިވަނީ 3 މެޗުން 3 ޕޮއިންޓާއެކުއެވެ.

މިގްރޫޕްގެ އެއްވަނަ ހޯދީ ކުޅުނު 3 މެޗުން 7 ޕޮއިންޓާއެކު ޖޯލި މޯލްޑިވްސްއެވެ. މިރޭ ގްރޫޕްގެ ފަހު މެޗުގައި ޖޯލި މޯލްޑިވްސް ނިކުތީ ކުޅިވަރު ވުޒާރާ އާއިދެކޮޅަށެވެ. މިމެޗު ޖޯލި މޯލްޑިވްސް އިން ކާމިޔާބުކުރީ 3-2 ނެވެ. ކުޅިވަރު ވުޒާރާއަށް 3 މެޗުން ލިބިފައިވަނީ 1 ޕޮއިންޓެވެ.

ކިންގްސް ކަޕްގެ ގްރޫޕް އޭގައި މިރޭ ކުޅުނު މެޗު ކާމިޔާބުކޮށް އޭދަފުށީގެ ކްލަބް ކޮންބިނޭޝަންވެސް ވަނީ މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދާފައެވެ. މިރޭ މެޗުތަކާ ކުރިމަތި ލިއިރުވެސް މިގްރޫޕުން ޓީމް ނައިވާދޫ އޮތީ ސެމީގެ ޖާގަ ޔަގީންކޮށްފައެވެ. ނައިވާދޫ އާއެކު ސެމީގެ ޖާގައަކަށް ދެން މަސައްކަތްކުރީ އޭދަފުށީގެ ސީސީ އާއި އައްޑޫ ސިޓީގެ މައިލޯ ސިޓީއެވެ.

ސީސީ އާއި މައިލޯ ސިޓީ ބައްދަލުކުރި މެޗު ސީސީ ކާމިޔާބުކުރީ 2-0 ނެވެ. މިގްރޫޕްގައި ކުޅެވުނު ފަހު މެޗުގައި ނައިވާދޫ ބައްދަލުކުރީ ކާށިދޫ އާއެވެ. މިމެޗު ނިމުނީ 3-3 ދެ ޓީމް އެއްވަރު ވެގެންނެވެ. އަދި މިމެޗުން ލިބުނު ޕޮއިންޓާއެކު ނައިވާދޫ ގްރޫޕްގެ އެއްވަނަ ޔަގީން ކުރީ 3 މެޗުން 7 ޕޮއިންޓް ހޯދައިގެންނެވެ. ސީސީ ގްރޫޕްގެ ދެވަނައަށް ދިޔައީ 3 މެޗުން 6 ޕޮއިންޓް ހަމަކޮށްގެންނެވެ. މައިލޯ ސިޓީ ގްރޫޕް ސްޓޭޖް ނިންމާލީ 3 ޕޮއިންޓާއެކު އަދި ކާށިދޫއަށް ލިބުނީ 1 ޕޮއިންޓެވެ.

މިމުބާރާތުގެ ސެމީފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ ހޮނިހިރު ދުވަހުއެވެ. ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ޓީމް ނައިވަދޫ ބައްދަލުކުރާނީ ރޯޑް ރެކްރިއޭޝަން ކްލަބާއެވެ. އަދި ދެވަނަ ސެމީގައި ޖޯލި މޯލްޑިވްސް ނިކުންނާނީ އޭދަފުށީގެ ކްލަބް ކޮންބިނޭޝަން އާއި ދެކޮޅަށެވެ.