ޚަބަރު

ޤައުމު ހަލަބޮލިވާފަދަ ކަމަކަށް ފުރުޞަތެއް ނުދެވޭނެ- ފުލުހުން


އެކިއެކި ދުވަސްތައް ފާހަގަކުރުމުގެ ނަމުގައި ރަށުތެރެ ހަލަބިލޮކޮށް އެއްވެސް ޙަރަކާތެއް ރާވައި ހިންގާނަމަ އެކަން ހުއްޓުވައި އަޅުއްވަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅުއްވާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ހާމަކުރައްވައިފިއެވެ.

ފުލުހުންގެ އިދާރާއިން މިއަދު ޢާއްމުކުރެއްވި ބަޔާނެއްގައި ސެންޓަރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް ޙަމްދޫން ރަޝީދު ވިދާޅުވީ އެކި ދުވަސްތައް ފާހަގަކުރުމުގެ ނަމުގައި ބައެއް ފަރާތްތަކުން މާލެއާއި ރާއްޖޭގެ ކަންކޮޅުތަކުގައި ރައްޔިތުންގެ ޢާއްމު ދިރިއުޅުމަށް ހުރަސްއެޅި، މަގުތައް ހަލަބޮލިކޮށް ދަތުރު ފަތުރުގެ ނިޒާމަށް ދަތިވާގޮތަށް ތަފާތު ޙަރަކާތްތައް ހިންގަން އުޅޭކަމުގެ މަޢުލޫމާތު ސަލާމަތީ ބާރުތަކަށް ލިބިވަޑައިގެންފައިވާކަމަށެވެ. އަދި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓަވައި ރައްޔިތުންނަށް އަމާން ވެއްޓެއް ކަށަވަރުކޮށްދެއްވައި ދިރިއުޅުމާއި ދަތުރުފަތުގެ ރައްކާތެރިކަން ރައްޔިތުންނަށް ހޯއްދަވައިދެއްވުމަކީ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއާއި ފުލުހުންގެ ޤާނޫނާއި އެހެނިހެންވެސް ޤާނޫނުތަކުން ފުލުހުންނަށް މަތިކުރައްވާފައިވާ ޒިންމާތަކެއްކަމަށެވެ.

"ޤައުމީ ފެންވަރެއްގައި ހިންގާ ހަރަކާތްތަކާއި އެކިއެކިމުނާސަބަތުތަކާއި ގުޅިގެން ސަރުކާރުން ފާހަގަކުރާ ރަސްމީ ދުވަސްތައް ފިޔަވައި އެހެނިހެން ދުވަސްތައްފާހަގަކުރުމުގެ ނަމުގައިވިޔަސް އަދި އެހެނިހެން ގޮތްގޮތުންވިޔަސް މާލެއާއިރާޢްޖޭގެ ކަންކޮޅުތަކުގައި ރައްޔިތުންގެ އާއްމު ދިރިއުޅުމަށް ހުރަސްއެޅި، މަގުތައްހަލަބޮލިކޮށް ދަތުރުފަތުރުގެ ނިޒާމަށް ދަތިވާގޮތަށް އެއްވެސް ފަރާތަކުންހަރަކާތްތައް ހިންގަން ފުރުސަތު ނުދޭނެވާހަކަ ދަންނަވަން. އެހެންކަމުން އެކިއެކިދުވަސްތައްފާހަގަކުރުމުގެ ނަމުގައި ރަށުތެރެ ހަލަބޮލިކޮށް އާއްމު ދަތުރުފަތުރުގެނިޒާމަށް  ހުރަސްއެޅި ރައް ޔިތުންގެހައްގުތައް ނެތިގެންދާނޭ ގޮތަށް އެއްވެސްފަރާތަކުން ހަރަކާތްތައް ރާވާ ހިންގާނަމަ އެ ހަރަކާތެއް ހުއްޓުވަން މޯލްޑިވްސްޕޮލިސް ސާރވިސައިން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން." ސެންޓަރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް ޙަމްދޫން ރަޝީދު ވިދާޅުވިއެވެ.

ދިވެހި ރައްޔިތުންނަށް ޤާނޫނު އަސާސީއާއި ޤާނޫނުތަކުން ލިބިދީފައިވާ ރައްކާތެރިކަން ކަށަވަރުކޮށް ޤައުމުގައި ޞުލްޙަ މަސަލަސްކަން ދަމަހައްޓައި ރައްކާތެރި ވެއްޓެއް ޤާއިމުކޮށްދިނުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއް ނެތި ކުރާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްގެ ބަޔާނުގައި ވިދާޅުވެފައިވޭ.