ޚަބަރު

ގުޅިފަޅުން ދޫކޮށްފައިވާ ގޯތިތަކުގެ އިން ވަކިކުރުމުގެ މަސައްކަތް ފަށައިފި


ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ދޫކޮށްފައިވާ ގޯތިތަކުގެ އިން ވަކިކުރުމުގެ މަސައްކަތް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވުޒާރާއިން ފަށައިފިއެވެ.

ގުޅިފަޅުން ގޯތިލިބުނު ފަރާތްތަކަށް ބިން ޙަވާލުކުރުމުގެ ކުރިން، އެފަރާތްތަކާއި ގޯތީގެ ރަޖިސްޓްރީ ޙަވާލުކުރުމުގެ މަސައްކަތް އެވުޒާރާއިން ވަނީ ފަށާފައެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް އަލުން ފަށާފައިވާއިރު އެ މަސައްކަތުގެ ތެރެއިން މިހާތަނަށް ޖުމްލަ 1260 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ޙަވާލުކޮށްފައިވާކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް އަލުން ފަށާފައިވަނީ، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއި ގުޅިގެން، ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް އަލުން ގުރުއަތު ނަގާފައިވާތީއެވެ.

ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭންގައި ދިރިއުޅުމަށް ދޫކުރާ ގޯއްޗާއި ސޯޝަލް ހައުސިންގ އަށް ބޮޑު ސަރަޙައްދެއް ވަނީ ކަނޑައަޅާފައެވެ. އަދި އެތާނގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްވެސް ބިން ކަނޑައަޅާފައިވެއެވެ. މިގޮތުން ތަޢުލީމީ ޚިދުމަތާއި، ސިއްޙީ ޚިދުމަތުގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތަށާއި، ސިޓީ ހޮޓާ ތަރައްޤީކުރުމަށް ވަކި ސަރަހައްދުތައް ކަނޑައެޅިފައިވެއެވެ.

މީގެ އިތުރުން، ގުޅިފަޅުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމުގެ ބޭނުމުގައި ހިތްގައިމު ޕާކުތަކާއި، ކުޅިވަރުކުޅޭ ސަރަހައްދުތައް ތަރައްޤީކުރުމަށް ޕްލޭންގައި ކަނޑައެޅިފައިވެއެވެ.

ގުޅިފަޅުން ދޫކޮށްފައިވާ ބިންތައް ސާފުކޮށް، އިން ވަކިކޮށް ނިމޭ ބިންތައް އޭގެ ވެރިފަރާތްތަކާއި ހަވާލުކުރުމުގެ މަސައްކަތް އަންނަ ހަފްތާއިން ފެށިގެން ކުރިއަށްދާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.