ޚަބަރު

ޕުޓިންއާއި ކިމްއާ އެކު ޝީ ޗައިނާގެ އަސްކަރީ ޤާބިލުކަން ދައްކަވައިލައްވައިފި


ޖަޕާންގެ އިސްތިޢުމާރީ ބާރުގެ އަތްދަށުން ޗައިނާގެ ބައެއް ސަރަޙައްދުތައް މިނިވަން ކުރުމަށް 80 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ޗައިނާއިން އަސްކަރީ ޕެރޭޑެއް ބާއްވައިފިއެވެ. މިއީ، މިިހާތަނަށް ޗައިނާގައި ބާއްވާފައިވާ އެންމެ ބޮޑު އަސްކަރީ ޕެރޭޑެވެ. ޕެރޭޑު ބައްލަވައިލެއްވުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގްގެ އަރިހުގައި ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާއި އުތުރު ކޮރެޔާގެ ޒައީމް ކޮމް ޖޮންގް އުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޗައިނާއިން އަސްކަރީ ޕެރޭޑެއް ބާއްވާފައި މި ވަނީ، ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާނުން އަމާން ދިން ހާދިސާއަށް 80 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުންނެވެ. އެ ހަނގުރާމައިގެ ތެރެއިން ޖަޕާނުގެ އިސްތިޢުމާރީ ފައުޖުތަކުން ވަނީ ޗައިނާގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަ ކޮށްފައެވެ. ނަމަވެސް، އަމާން ދިނުމާ އެކު، ޗައިނާގެ އެ ސަރަޙައްދުތަކަށް ވަނީ މިނިވަން ކަން ލިބިފައެވެ.

މިއީ، ދުނިޔޭގެ އެންމެ ބޮޑު ބާރުގެ ގޮތުގައި ވަކާލާތު ކުރަމުންދާ އެމެރިކާއަށް ޗައިނާގެ އަސްކަރީ ޤާބިލު ކަން ދައްކައިލުމުގެ ގޮތުން ބާއްވާފައިވާ ޕެރޭޑެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަ ކުރެއެވެ. ޗައިނާގެ އަސްކަރީ ޕެރޭޑް ބާއްވާފައި މި ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދޯހަޅި ސިޔާސަތުތަކާ ގުޅިގެން އެމެރިކާއާއި ބޭރު ދުނިޔެއާ ދެމެދު ނުތަނަވަސް ކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާއާއި ގިނަ ޤައުމުތަކާ ދެމެދު އެންމެ ބޮޑަށް ހިތްހަމަނުޖެހުން އުފެދިފައި ވަނީ، ބޭރު ޤައުމުތަކުން އެމެރިކާއަށް އެތެރެ ކުރާ މުދަލުން ބޮޑު ޓެރިފެއް ނުވަތަ އިމްޕޯޓުޑިއުޓީއެއް ނެގުމަށް ޓްރަމްޕް ނިންމެވުމާ ގުޅިގެންނެވެ.

ބެއިޖިންގްގެ ޓިއަންމަން މައިދާނުގައި ބޭއްވި ޕެރޭޑުގައި ޝީ ވަނީ ތަޤުރީރު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، މި ވަގުތަކީ، ސުލްޙައާއި ހަނގުރާމައާ ދެމެދު ގޮތެއް އިޚްތިޔާރު ކުރުމަށް ދުނިިޔެއަށް ޖެހިފައިވާ ވަގުތެއް ކަމުގައެވެ. "މިއަދު އިންސާނުންނަށް ކުރިމަތިލާން ޖެހިފައި މި އޮތީ ސުލްޙަ ނުވަތަ ހަނގުރާމަ، މަޝްވަރާ ނުވަތަ ކުރިމަތިލުން، އެންމެންނަށް ކާމިޔާބީ ނުވަތަ ނާކާމިޔާބީ، މި ކަންކަމުގެ ތެރެއިން އެއް ގޮތެއް އިޚްތިޔާރު ކުރުމުގެ ވަގުތު،" ޝީ ވިދާޅުވިއެވެ. ޗައިނާއިން އަބަދު ވެސް ދެމި އޮންނާނީ ތާރީޚުގެ ހެޔޮ ފަޅީގައި ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ޕެރޭޑުގެ ތެރެއިން ޗައިނާއިން ވަނީ އެ ޤައުމުގެ އަސްކަރިއްޔާއިން އުފައްދާފައިވާ އަދި ބޭނުން ކުރަމުންދާ އެންމެ ފަހުގެ، ޒަމާނީ ހަތިޔާރުތައް ދައްކައިލާފައެވެ. އޭގެ ތެރޭގައި މިސައިލްތަކާއި، އަސްކަރީ ޓޭންކުފަހަރުގެ އިތުރުން ޑްރޯން ފަދަ ހަތިޔާރު ހިމެނެއެވެ. މީގެ އިތުރުން، 70 މިނެޓަށް ދެމިގެން ދިޔަ އަސްކަރީ ޕެރޭޑުގެ ތެރެއިން ޗައިނާގެ ވައިގެ ސިފައިން ބޭނުން ކުރާ ޒަމާނީ މަތިންދާބޯޓުތަކާއި ހެލިކޮޕްޓަރުތައް ވެސް ދައްކައިލިއެވެ.

ޗައިނާއިން ބޮޑު އަސްކަރީ ޕެރޭޑެއް ބޭއްވުމާ ގުޅިގެން ޓްރަމްޕް ވަނީ ސޯޝަލް މީޑިޔާގައި އޭނާގެ އުދާސްތައް ބަންޑުން ކޮށްލައްވާފައެވެ. "ތި ބޭފުޅުން އެމެރިކާއާ ދެކޮޅަށް ރޭވުންތައް ރާވަމުންދާއިރު ވްލަޑިމިޔަރ ޕުޓިންއަށާއި ކިމް ޖޮންގް އުނަށް ވަރަށް ވެދުން ދަންނަވާތި،" ޝީއާ މުޚާޠަބު ކުރައްވައި ސޯޝަލް މީޑިޔާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވިއެވެ.

ޖަޕާނުގެ އިސްތިޢުމާރީ ސިފައިން އަތްގަދަ ކޮށްފައި އޮތް ޗައިނާގެ ބިންތައް މިނިވަން ކުރުމުގައި އެމެރިކާގެ އެހީތެރި ކަން ލިބިގެން ގޮސްފައިވާ ކަން ވެސް ޓްރަމްޕް ފާހަގަ ކުރެއްވިއެވެ. ޗައިނާގެ ބިޔަ އަސްކަރީ ޕެރޭޑާ ގުޅޭ ގޮތުން ޓްރަމްޕް ވިދާޅުވީ، އެ ކަމާ މެދު އެމެރިކާއިން ނުސިހޭ ކަމުގައެވެ. އަދި، އެއީ އެމެރިކާއަށް އޮތް ގޮންޖެހުމެއްގެ ގޮތުގައި ނުދެކޭ ކަމުގައެވެ. ޗައިނާގެ އަސްކަރީ ޕެރޭޑާ ގުޅޭ ގޮތުން ޖަޕާނުން ވަކި އެއްޗެއް ހާމަކޮށްފައެއް ނެތެވެ. ހަމައެކަނި ބުނެފައި ވަނީ، ދެ ޤައުމުގެ ދެމެދުގައި ބިނާކުރަނިވި ގުޅުންތަކެއް ޤާއިމުވެފައިވާ ކަމުގައެވެ.