ފްރާންސްގެ މާސޭއަށް ކުޅެމުންދިޔަ މިޑްފީލްޑަރު އެޑްރިއެން ރަބިއޯ އިޓަލީގެ އޭސީ މިލާނަށް ބަދަލުވެއްޖެއެވެ.
އުމުރުން 30 އަހަރުގެ ރަބިއޯ އޭސީ މިލާނަށް ބަދަލުވެފައިވަނީ މާސޭގެ އެހެން ކުޅުންތެރިއަކާއި ދެމެދު ޗޭންޖިންގ ރޫމުގައި ޖެހުނު މައްސަލައަކާއި ގުޅިގެން އޭނާ ވިއްކާލަން ނިންމާފައިވާކަމަށް އެ ކްލަބުން ހާމަ ކުރިތާ ދެ ހަފްތާ ފަހުންނެވެ.
އިޓަލީގެ މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ރަބިއޯ އޭސީ މިލާނާއި ގުޅިފައިވަނީ 10 މިލިއަން ޔޫރޯގެ ޓްރާންސްފަރ ފީ އަކަށް ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ރަބިއޯ ވިއްކާލަން މާސޭ އިން ނިންމާފައިވަނީ ފްރެންޗް ލީގުގައި މި ސީޒަނުގައި ކުޅުނު މެޗެއްގައި ކުޅުންތެރިޔާގެ ފަރާތުން ފެނިގެންނުވާނެ ފަދަ ކަންތައްތަކެއް ފެނުމާއި ގުޅިގެން ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ. ރަބިއޯ އާއި މާސޭގެ ޖޮނަތަން ރޯވް ވެސް ވިއްކާލަން އެ ކްލަބުން ވަނީ ނިންމާފަ އެވެ. އަދި އޭނާ ވަނީ އިޓަލީގެ ބޮލޯނާ އަށް ބަދަލުވެފަ އެވެ.
ރަބިއޯ އޭސީ މިލާނާއި ގުޅިފައިވާއިރު އޭނާ ވަނީ މީގެ ކުރިން އޭސީ މިލާނުގެ މިހާރުގެ ކޯޗު މަސިމިލިއާނޯ އަލެގްރީ އާއިއެކު ޔުވެންޓަސް އަށް ކުޅެފަ އެވެ.
ވޯލްޑްކަޕް ކޮލިފައިންގައި އަންނަ ހަފްތާގައި ފްރާންސް ކުޅޭ މެޗަށް ކޯޗު ޑިޑިއޭ ޑިޝޮމްޕް އެކުލަވާލި ސްކޮޑުގައިވެސް ހިމެނޭ ރަބިއޯ ވަނީ ފްރާންސްގެ ގައުމީ ޓީމަށް 53 މެޗު ކުޅެފަ އެވެ. އޭނާ އެންމެ ފަހުން ފްރާންސްގެ ގައުމީ ޓީމަށް ލަނޑެއް ޖަހާފައިވަނީ އިޓަލީ އާއި ދެކޮޅަށް މިދިޔަ ނޮވެމްބަރ މަހު ކުޅުނު މެޗުގަ އެވެ.