ޚަބަރު

ޑޮންނަރުންމާ އެންމެ ފަހުން ސިޓީއަށް!


ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުންދިޔަ އިޓަލީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުންމާ، ޓްރާންސްފަރ ބާޒާރުގެ ފަހު ދުވަހު މެންޗެސްޓާ ސިޓީއަށް ބަދަލުވެއްޖެއެވެ.

އިޓަލީގެ ކެޕްޓަންކަން ކުރަމުންދާ އުމުރުން 26 އަހަރުގެ ޑޮންނަރުންމާ ޕްރިމިއަރ ލީގަށް ބަދަލުވެފައިވާއިރު އޭނާ ވަނީ ނިމިގެންދިޔަ ސީޒަނުގައި ޕީއެސްޖީން ތިން މުބާރާތް ކާމިޔާބުކުރިއިރު އެ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އޭގެ ތެރެއިންވެސް އެ ކްލަބުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގައި ޑޮންނަރުންމާގެ ހިއްސާ ބޮޑެވެ.

މި ސީޒަނުގައި ޕީއެސްޖީ ކުޅުނު އެއްވެސް މެޗެއްގައި ޑޮންނަރުންމާ ކުޅެފައިނުވާއިރު އޭނާ ވަނީ މިދިޔަ އޮގަސްޓް މަހުގެ 12 ވަނަ ދުވަހު އޭނާ ޕީއެސްޖީ ދޫކޮށްލާނެ ކަމަށް ބުނެފަ އެވެ. ޑޮންނަރުންމާ މެންޗެސްޓަރ ސިޓީއަށް ބަދަލުވެފައިވަނީ 30 މިލިއަން ޔޫރޯގެ ފީ އަކަށެވެ.

2024 ވަނަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު އިޓަލީގެ ކެޕްޓަންކަން ކުރަމުންދާ ޑޮންނަރުންމާ މެންޗެސްޓަރ ސީޓީއަށް ބަދަލުވެފައިވާއިރު، ކުރިން އެ ކްލަބުގެ ގޯލު ބެލެހެއްޓި ބްރެޒިލްގެ އެޑަސަން ވަނީ ތުރުކީގެ ފެނަބާޗޭއަށް ބަދަލުވެފަ އެވެ.