ޚަބަރު

އަދަބީ ކާނިވާ 2016 ހދ.ހަނިމާދޫގައި ފެށިއްޖެ


ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ އަދަބީ ކާނިވާ 2016 ހދ.ހަނިމާދޫގައި ފެށިއްޖެއެވެ.

މި ހަރަކާތް ކުރިއަށްގެންދާނީ މިމަހުގެ 13 ވަނަ ދުވަހުގެ ނިއަލަށެވެ. ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުން އިންތިޒާމް ކޮށްގެން 2013 އިން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އަދަބީ ކާނިވާގެ މިއަހަރުގެ މުބާރާތް ކުރިއަށްދަނީ ހދ ހަނިމާދޫގައެވެ. ދިވެހިރާއްޖޭގެ އަޑާއި، ހދ. ހަނިމާދޫ ސްކޫލް ގުޅިގެން ކުރިއަށްގެންދާ މި މުބާރާތުގައި އެ ސްކޫލްގައި ކިޔަވަމުންދާ ހުރިހާ ދަރިވަރުންހެން ބައިވެރިވެއެވެ. މި ކާނިވާ ކުރިއަށްދާނީ 9 މުބާރާތަކަށް ބަހަލައިގެންނެވެ. img:http://s2.psmnews.mv/images/660x400/14709373703883.jpg|ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުން ބާއްވަމުން އަންނަ އަދަބީ ކާނިވާ - ފޮޓޯ: ޕީއެސްއެމް

މި މުބާރާތްތަކުގެ ތެރޭގައި، ކުރުވާހަކަ ލިޔުމާއި، މަޒުމޫނު ލިޔުމާއި، ޅެންހެދުމާއި، ބައިތުބާޒިއާއި ބަހުސް ފަދަ ދިވެހި އަދަބީ ކަންތައްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަަޖެހިފައެވެ. މިމުބާރާތަކީ ދިވެހި އަދަބިއްޔާތާއި، ތަޤާފަތަށް ސްކޫލް ދަރިވަރުންގެ ހިތްތަކުގައި ލޯބިޖެއްސުމުގެ ގޮތުން ކުރިއަށްގެންދާ މުބާރާތެއްކަމުން، މިމުބާރާތުގައި ދަރިވަރުންގެ ތަޤާފީ ގިނަ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި މުބާރާތުގައި ދަނޑިޖެހުން މާފަތިނެގުން ބޮޑުބެރު ފަދަ ދިވެހި ތަޤާފަތް ދަކުވައިދޭ ކުޅިވަރުތައްވެސް ހިމެނެއެވެ.

ހދ. ހަނިމާދޫ ސްކޫލްގައި ކުރިައަށްގެންދާ މި އަދަބީ ކާނިވާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްވަމުން ދިވެހިރާއްޖޭގެ އަޑުގެ، ރެޑިއޯ ޑިރެކްޓަރ މުޙައްމަދު ޝާކިރު ވިދާޅުވީ ޕިއެސްއެމުން މިފަދަ މުބާރާތެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަޤްސަދަކީ ރާއްޖޭގެ ސްކޫލްތަކުގެ ކުދިންގެ ހިތްތަކުގެ އަދަބީ ރޫޙް އަލާކޮށް ދިވެހި އަދަބިއްޔާތަށް ސްކޫލް ކުދިންގެ ހިތްތަކުގައި ލޯބި ޖެއްސުން ކަމަށެވެ. އަދި ޚާއްސަކޮށް ނެތިގެން މިދާ އަޅުގަނޑުމެންގެ ތަޤާފާތް ދިރުވުމަށް، މި މުބާރާތުގެ ސަބަަބުން ބޮޑު އެހީއެއް ލިބިގެންދާނެ ކަމަށް ޝާކިރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދާ މި މުބާރާތުގެ ސަބަބުން ސްކޫލްގެ ދަރިވަރުން އަދަބީ ރޮނގުން ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެރިން ދެކެއެވެ. މިފަދަ އަދަބީ މުބާރާތެއް ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމުން ދިވެހިބަހަށް ލޯބި ޖެހި، ކުރިން ނެނގޭ ގިނަ ކަންތައްތަކެއް އެނގިގެން ދިޔަކަން އެކުދިން ފާހަގަކުރިއެވެ. އަދި އެކުދިނަށް ޤައުމީ ލެވެލްގައި ބާއްވާ މިފަދަ މުބާރާތްތަކަށް ދިއުމަށް ބޮޑުއެހީއަކަށް މި މުބުރާތް ވެގެންދާނެ ކަމަށް ޕީއެސްއެމް ނިއުސްޓީމާއި ވާހަކަދެއްކި ގިނަ ކުދިން ފާހަގަކުރިއެވެ.

އެންމެ ފުރަތަމަ މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މާލޭގޭ ސްކޫލްތަކުގެ މެދުގައެވެ. އަދި އޭގެފަހުން ފުވައްމުލަކާއި، ތ. ވޭމަންޑޫގައިވެސް މި މުބާރާތް ކުރިއަށްގެން ގޮސްފައިވެއެވެ.