ޚަބަރު

އޮގަސްޓުމަހު ވައްކަމުގެ 304 މައްސަލަ


  • އޮގަސްޓުމަހު ފުލުހުންނަށް ޖުމްލަ 1003 މައްސަލަ

  • އެކްސިޑެންޓްތަކުގެ މައްސަލަތައްވެސް ވަނީ އިތުރުވެފައި

މިދިޔަ އޮގަސްޓުމަހު ފުލުހުންގެ އިދާރާއަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ ޖުލައިމަހާ އަޅައިބަލާއިރު އޮގަސްޓުމަހު ހުށަހެޅި މައްސަލަތަކުގެ އަދަދުވަނީ އިތުރުވެފައެވެ. އެގޮތުން އޮގަސްޓުމަހު ފުލުހުންނަށް ޖުމްލަ 1003 މައްސަލައެއް ހުށަހަޅާފައިވާއިރު ޖުލައިމަހު ފުލުހުންނަށް ހުށަހަޅާފައިވަނީ 849 މައްސަލައެކެވެ.

ފުލުހުންނަށް އޮގަސްޓްމަހު ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ 304 މައްސަލަ ވަނީ ހުށަހަޅާފައެވެ. އޮގަސްޓްމަހު ދެން އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ.

އެގޮތުން ޓްރެފިކް އެކްސިޑެންޓުގެ 236 މައްސަލަ ހުށަހަޅާފައެވެ. ތިންވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ މަސްތުވާތަކެތީގެ މައްސަލައެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މަސްތުވާތަކެތީގެ 187 މައްސަލަ އޮގަސްޓްމަހު ވަނީ ހުށަހަޅާފައެވެ.

އޮގަސްޓްމަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް:

• ވައްކަމުގެ 304 މައްސަލަ
• ޓްރެފިކް އެކްސިޑެންޓްގެ 236 މައްސަލަ
• މަސްތުވާތަކެއްޗާ ގުޅޭ 187 މައްސަލަ
• އެއްޗެހި ގެއްލިގެން 90 މައްސަލަ
• އަނިޔާގެ 45 މައްސަލަ
• މުދަލަށް ގެއްލުން ދިނުމުގެ 44 މައްސަލަ
• ފޭރުމުގެ 23 މައްސަލަ
• ގެވެށި އަނިޔާގެ 22 މައްސަލަ
• ޚިޔާނަތުގެ 22 މައްސަލަ
• ޖިންސީ ގޯނާ ކުރުމުގެ 19 މައްސަލަ
• ފޯޖް ކުރުމުގެ 11 މައްސަލަ

ކުށް މަދުކުރުމަށް މާލޭ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުން ކައުންސިލްތަކާއި ގުޅިގެން ފުލުހުން ދަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ. ޚާއްސަކޮށް ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތައް މަދު ކުރުމަށްޓަކައި، ބާރު ސްޕީޑުގައި ނުދުއްވުމަށާއި، މަގުމަތީގެ ގަވާއިދުތަކަށް އަމަލުކުރުމަށް ފުލުހުން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވަމުންނެވެ.

މާލޭ ސަރަހައްދުގައި އެކްސިޑެންޓުތައް އިތުރުވާތީ، މާލޭ ސަރަޙައްދު ބެލެހެއްޓުމުގައި ޚާއްސަ ސިޔާސަތުތަކެއް ކަނޑައަޅާ ތަންފީޒުކުރަން ވަނީ ފަށާފައެވެ.