ދުނިޔެ

ތައިލެންޑުގައި ދިން ބޮމުގެ ހަމަލާތަކެއްގައި 2 މީހުން މަރުވެއްޖެ


ތައިލެންޑްގެ ރިސޯޓެއް ކަމަށްވާ "ހުވާ ހިން" ގައި ދެ ބޮން ގޮވުމުގެ ސަބަބުން 2 މީހުން މަރުވެ ނުވަމީހުން ޒަޚަމްވެއްޖެއެވެ.

ތައިލެންޑުގެ ފުލުހުން ބުނީ މިދެ ބޮން ގޮއްވާލުމުގެ ފަހަތުގައިވަނީ ކޮންފަރާތެއްކަން އަދި ނޭންގޭ ކަމަށާ ނަމަވެސް މިކަން ބަލައި ތަހްޤީޤް ކުރަންފަށާފައިވާ ކަމަށެވެ. މިޙާދިސާގައި މަރުވީ އަންހެނެއްކަމަށާ އަދި ޒަޚަމްވި މީހުންގެ ތެރެއިން ބައެއްމީހުންގެ ހާލަތު ގޯސްކަމަށް ރިޕޯޓްތައް ބުނެއެވެ.

ތައިލެންޑްގެ "ހުވާ ހިން" ރިސޯޓަކީ ވެރިރަށް ބެންގކޮކްގެ ދެކުނުން ކަނޑުގެ އައްސޭރި ފަށުގައިވާ ބޮޑު ރިސޯޓެކެވެ. މިއީ ތައިލެންޑްގެ ގިނަބަޔަކު ޗުއްޓީ ހޭދުކުރުމަށް ދާ ރިސޯޓެކެވެ. އެތަނުގައި ބޮމުގެ ޙާދިސާ އެއް ހިނގާފައިމިވަނީ ތައިލެންޑްގެ ރާނީ ސިރިކިޓްގެ އުފަންދުވަހާ ގުޅިގެން ރަސްމީ ބަންދުދުވަހެއްގެ ގޮތުގައި ހުކުރުދުވަސް ހަމަޖެއްސުމާ ގުޅިގެން "ހުވާ ހިން" ރެސޯޓްގައި ޗުއްޓީ ހޭދަކުރުމަށް އެތަށްބަޔަކު އެތަނަށް އަންނަމުންދާ ވަގުތެއްގައެވެ.

މިދިޔަ ބުރާސްފަތި ދުވަހުވެސް ތައިލެންޑްގެ ދެކުނުގެ ޕްރޮވިންސެއްކަމަށްވާ ޓްރަންގް ގެ ބާޒާރެއްގައި ބޮމެއް ގޮވުމުގެ ސަބަބުން 6 މީހުން ޒަޚަމްވެފައިވެއެވެ. މިއީ ތައިލެންޑްގެ އެތެރޭގެ އަރާރުމަކާ ގުޅިފައިވާ ކަމެއްކަމަށް ބެލެވޭކަމަށް އެޤައުމުގެ ފުލުހުން ބުނެއެވެ.