ޚަބަރު

ސިވިލް އޭވިއޭޝަން އޮތޯރިޓީން މާލީ މުޢާމަލާތްތައް ޤާނޫނާ އެއްގޮތް


ވޭތުވެދިޔަ އަހަރު ސިވިލް އޭވިއޭޝަން އޮތޯރިޓީން މާލީ މުޢާމަލާތްތައް ކުރައްވާފައިވަނީ ކަނޑައެޅިފައިވާ އުޞޫލުތަކާއި، މާލިއްޔަތު ޤާނޫނާ އެއްގޮތައްކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކުރައްވައިފިއެވެ. ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޮޑިޓް ރިޕޯޓްގައި، އެ އޮތޯރިޓީ ހިންގެވުމުގައި މާލީ އެއްވެސް މައްސަލައެއް ހުރިކަން އެއޮތޯރިޓީގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި އޮޑިޓަރ ޖެނެރަލް ފާހަގަ ކުރައްވާފައެއް ނުވެއެވެ.

ސަރުކާރުގެ ސީދާ ބެއްލެވުމުގެ ދަށުން ހިންގަވާ އެކި ވުޒާރާތަކާއި އޮފީސްތަކުގެ ހިންގެވުން ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ކުރިއަށް ގެންދެވުމަށް ސަރުކާރުން ދެއްވާ އިސްކަމުގެ ދަށުން ގިނަ އޮފީސްތަކެއްގެ ހިންގެވުން ހަރުދަނާ ކުރެއްވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. އެގޮތުން ސަރުކާރުގެ އޮފީސްތަކުގެ މާލީ ހިންގެވުން ވަރުގަދަ ކުރެއްވުމަށް މުހިންމު މަސައްކަތްތަކެއް ވޭތުވެދިޔަ 2 އަހަރު ތެރޭގައި ކުރައްވާފައިވެއެވެ.

އެގޮތުން ދިވެހިރާއްޖޭގެ މަދަނީ ދަތުރުފަތުރުތަކާގުޅޭ އެންމެހާ ސިޔާސަތުތައް އެކަށައަޅައި ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ޤާނޫނުން މަތިކުރައްވާފައިވާ އިދާރާ، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އަކީވެސް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ގޮތެއްގެ މަތިން ހިންގަވާ އިދާރާއެކެވެ. ސިވިލް އޭވިއޭޝަން އޮތޯރިޓީގެ 2015 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓްގައި އެ އޮފީހުގެ މާލީ ހުރިހާ މުޢާމަލާތެއް ހިންގަވާފައިވަނީ ކަނޑައެޅިފައިވާ އުޞޫލުތަކާއި މާލިއްޔަތު ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވެފައިވެއެވެ. އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔާތު ސޮއިކުރައްވައި ނެރުއްވާފައިވާ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޮޑިޓް ރިޕޯޓްގައި ވިދާޅުވެފައިވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީން 2015 ވަނަ އަހަރު މާލީ މުޢާމަލާތުތައް ކުރައްވާފައިވަނީ އެއޮތޯރިޓީއަށް ކަނޑައެޅިފައިވާ ބަޖެޓްގެ މަޤްޞަދުތައް ޙާޞިލްވާ ގޮތުގެ މަތިން ކަމަށާއި، ޚަރަދުތައް ކުރައްވާފައި ވަނީވެސް ބަޖެޓްގައި ކަނޑައެޅިފައިވާ މިންވަރަށް ކަމަށެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން 2015 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި އެއްވެސް މައްސަލައެއް އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވާފައި ނުވާކަން ފާހަގަކޮށްލެވެއެވެ. ސަރުކާރު ހިންގެވުމުގައި އެންމެ ގިނަ އަދި އެންމެ މުހިންމު މަސައްކަތްތައް ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އެގޮތުން އެހެން އޮފީސްތަކާ އަޅައިބަލާއިރު މާލީ އެތައް މުޢާމަލާތްތަކެއް އެއޮފީހުން ކޮންމެ ދުވަހަކު ކުރައްވަމުން ގެންދަވާނެއެވެ.

އެހެންނަމަވެސް ދާދިފަހުން އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އޮޑިޓް ރިޕޯޓްގައި ބަޔާންކުރައްވާފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އެއޮފީހުގެ ދަށުން ހިންގަވާ ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ރަސްމީގޭގެ މާލީ މުޢާމަލާތްތައްވެސް ކުރައްވާފައިވަނީ މާލިއްޔަތު ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި ރައީސްއޮފީހުގެ މާލީ ކަންކަން ހިންގަވާފައިވާ ގޮތް ރަނގަޅުކަން އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކުރައްވާފައެވެ.