ޚަބަރު

އެސްއޯޖީއެމް ވޯކްޝޮޕް: އެންޑޮމެޓްރިއޯސިސްގެ ސަބަބުން ދިވެހި އަންހެނުން އުފުލާ އެތައް ތަކުލީފުތަކެއް ހާމަވި


  • މިމަސައްކަތު ބައްދަލުވުމުގައި މަޢުލޫމާތު ދެއްވާފައިވަނީ އިންޑިއާގެ ތަޖުރިބާކާރު ޑޮކްޓަރުން

  • މިބަލި ދެނެގަތުމާއި، ފަރުވާގެ ނިޒާމާއި ގުޅޭގޮތުންވަނީ މަޢުލޫމާތު ދެއްވާފައި

ދަރިމަރިވުމުގައި އަންހެނުންނަށް ކުރިމަތިވާ އެންޑިމެޓްރިއޯސިސްއާއި ގުޅޭގޮތުން ބޭއްވި ދެދުވަހުގެ މަސައްކަތު ބައްދަލުވުން ނިންމާލައިފިއެވެ. މިމަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

އަންހެނުންގެ ދުޅަހެޔޮކަން ކަށަވަރުކޮށް، ދަރިމަރިވުމުގައި ކުރިމަތިވާ ސިއްޙީ ހުރަސްތަކާމެދު އާންމުން ހޭލުންތެރިކަން އިތުރުކޮށް އެދާއިރާގެ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށްދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ސިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ މިދާއިރާގެ ބޭފުޅުންގެ ތަޢުލީމާއި ތަމްރީނު އިތުރުކޮށް، ޒަމާނީ ވަޞީލަތްތަކާއި، ދިރާސާތަކުގެ އަލީގައި ފަރުވާ ދެވޭނެ މަގު ފަހިކުރުމަށް ބާރުއެޅުމުގެ ގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގައިވަނީ ދެދުވަހުގެ މަސައްކަތު ބައްދަލުވުމެއްވަނީ ބާއްވާފައެވެ.

ސޮސައިޓީ އޮފް އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ އޮފް މޯލްޑިވްސްއިން ބޭއްވި މިވޯކްޝޮޕްގައިވަނީ އެންޑިއޯމެޓްރިއޯސިސްއާއި ގުޅޭގޮތުން، އިންޑިއާގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އެހީތެރިކަމާއެކު މަޢުލޫމާތު ހިއްސާކޮށްފައެވެ. މިގޮތުން ވޭތުވެދިޔަ އަހަރުތަކުގައި އެންޑޯމެޓްރިއޯސިސްއާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުވެފައިވާ މިންވަރާއި މިބަލި ޖެހުމަށް މަގުފަހިކުރާ ސަބަބުތަކާއި، އެންޑިއޯމެޓްރިއޯސިސް ހުންނަ އަންހެނުންނަށް ތަދު ތަޙައްމަލުކުރަންޖެހޭ ސަބަބުތަކާއި، އެއާއެކު އަންނަ ތަދުތަކަށް ދެވޭ ފަރުވާއާއި، ބަލި ދެނެގަތުމަށް ހެދޭ ސްކޭނިން މަރުޙަލާއާއި، އެންޑިއޯމެޓްރިއޯސިސްގެ ސަބަބުން ދަރިމައިވުމަށް ހުރަސްއެޅޭ ސަބަބުތަކާއި، މިބައްޔަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދެމުންދާ ފަރުވާތަކާއި ގުޅޭގޮތުންވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކޮށް މަޢުލޫމާތު ހިއްސާކޮށްފައެވެ.

ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި މަސައްކަތްކުރާ އަންހެނުންގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރުން މިމަސައްކަތު ބައްދަލުވުމުގައިވަނީ އޮންލައިންކޮށް ބައިވެރިވެފައެވެ. މިމަސައްކަތު ބައްދަލުވުމުގައި މަޢުލޫމާތު ދެއްވާފައިވަނީ އިންޑިއާގެ ތަޖުރިބާކާރު ޑޮކްޓަރުންނެވެ.

މަސައްކަތު ބައްދަލުވުން ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ ޒަމާނުއްސުރެ އަންހެނުން އުފުލަމުން އައިސްފައިމިވާ ނަފްސާނީ އަދި ޖިސްމާނީ ވޭން މުޖުތަމަޢުން ޤަބޫލުކުރަން ފަށާފައިވާން ފާހަގަކުރައްވާފައެވެ. އަދި އެކަމުގައި ސަރުކާރާއި އަދި ސިއްޙީ ނިޒާމުގައި މިދާއިރާއިން މަސައްކަތްކުރެވޭ މިންވަރު މިހާރު އިތުރުވެފައިވާކަން އެކަމަނާވަނީ ފާހަގަކުރައްވާފައެވެ. އަދި ދަރިމައިވުމުގެ ދާއިރާއިން ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަން އިތުރުވެފައިވާކަމަށާއި 2023 ވަނަ އަހަރުން ފެށިގެން ޤައުމީ ސިއްޙީ އިންޝުއަރެންސްގެ ނިޒާމުގެ ތެރެއިން ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާ ފޯރުކޮށްދެވޭނެ މަގު ފަހިކޮށްފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.