ރަށު ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި ޤައުމީ އެއަރލައިން، މޯލްޑިވިއަނުން ޚާއްސަ ޚާއްސަ ފެއަރތަކެއް ތަޢާރަފްކޮށްފިއެވެ.
ޤައުމީ އެއަރލައިން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ރަށު ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި ފަތުރުވެރިންގެ އަތުން ނަގާ އަގުތަކަށް ބަދަލުތަކެއް ގެނައުމަށް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން ފްރީ އިންޑިޕެންޑެންޓް ޓްރެވެލަރސް، ޓުއަރ އޮޕަރޭޓަރެއް ނުވަތަ ޓްރެވަލް އެޖެންސީގެ އެހީއާ ނުލައި ރަށު ފަތުރުވެރިކަން ތަޖުރިބާކޮށްލަން ޒިޔާރަތްކުރާ ފަތުރުވެރިންގެ އަތުން އެވްރެޖްކޮށް ނަގައި އަގު 15 އިންސައްތަ މިހާރު ކުޑަކޮށްފައިވާކަމަށް އައިލެންޑް އޭވިއޭޝަނުން ވިދާޅުވިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް ރަށު ފަތުރުވެރިކަން ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް އައިލެންޑް އޭވިއޭޝަނުން ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ރަށު ފަތުރުވެރިކަން ތަޖުރިބާކޮށްލަން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެކަމަށްވެސް އައިލެންޑް އޭވިއޭޝަނުން ޤަބޫލުކުރައްވައެވެ.
ރާއްޖޭގައި އެންމެ ގިނަ ޑޮމެސްޓިކް ދަތުރުތައް ކުރަނީ މޯލްޑިވިއަނުންނެވެ. އެގޮތުން ރާއްޖޭގެ 17 ސަރަހައްދަކަށް މޯލްޑިިއަންގެ ބޯޓުތައް ދަތުރުކުރެއެވެ.
ރަށު ފަތުރުވެރިކަން ކުރިއެރުވުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ ކަމެކެވެ. އަދި ރަށު ފަތުރުވެރިކަން ފުޅާކޮށް، އެއިން ލިބޭ އާމްދަނީން ބައެއް ކައުންސިލްތަކަށް ދީގެން، ރަށުގެ ތަރައްޤީއަށް ކަންކަންކުރުމުގެ މަގު ކައުންސިލްތަކަށް ފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ރަށު ފަތުރުވެރިކަމުން ނަގާ ޓެކުހުގެ %10 ކައުންސިލްތަކަށް ދިނުމާގުޅޭ މަޝްވަރާތައް މިހާރު ފަށާފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.