ތަޢުލީމު

އޯލެވެލްގައި ދަރިވަރުން ހޯދި ކާމިޔާބީއަށް ރައީސްގެ ތަޢުރީފް


ކެމްބުރިޖް އޯލެވެލް އިމްތިޙާނުގައި ބައިވެރިވެ ދިވެހި ދަރިވަރުން ހޯދި މަތީ ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުރީފްކުރައްވާ، އެ ކާމިޔާބީ ވަރަށް ބޮޑަށް ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވައިފިއެވެ.

ރައީސް ޔާމީން ބަޔާންކުރެއްވި ގޮތުގައި ދުނިޔޭގެ އެތައް ޤައުމަކުން އެތައް ސަތޭކަހާސް ދަރިވަރުން ބައިވެރިވާ ކެމްބުރިޖް އިމްތިޙާނުގައި ރާއްޖޭގެ 40 ކުއްޖަކު ދުނިޔޭގެ އެންމެމޮޅު 10 ވަނައިގައި ހިމެނިގެންދިއުމަކީ ފާހަގަނުކޮށް ދޫކޮށްލާވަރުގެ ކަމެއް ނޫންކަމަށެވެ. ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ކުދިންގެ ކާމިޔާބަށް ތަޢުރީފްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބުދުލްޤައްޔޫމް ވާހަކަފުޅުދެއްކެވީ މިދިޔަ އަހަރު އޯލެވެލް އިންތިޙާނުން އެންމެ މަތީ 10 ވަނަ ހޯދި ދަރިވަރުންނަށް އިނާމުދެއްވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިދިޔަ އަހަރު އޯލެވެލް އިމްތިޙާނު ރާއްޖޭގެ 5،011 ދަރިވަރަކު ހަދާފައިވާއިރު، މީގެތެރެއިން 504 ދަރިވަރަކު ރާއްޖޭގެ ގަދަ 10 ވަނައިގެ ތެރޭގައި ހިމެނިފައިވެއެވެ. އަދި މީގެތެރެއިން 40 ކުދިންނަކީ ދުނިޔޭގެ އެންމެމޮޅު 10 ވަނައިގެ ތެރޭގައި ހިމެނޭ ކުދިން ކަމަށްވާއިރު ރާއްޖޭގެ 5 ކުއްޖަކުވަނީ 4 މާއްދާއަކުން ދުނިޔޭގެ 1 ވަނައިގައިވެސް ހިމެނިފައެވެ.

އޯލެވެލް ޓޮޕްއެޗީވާރސް އެވޯޑް 2015ގެ ޖަލްސާގައި ގަދަ 10 އެއްގެ އެއްވަނައިގައި ހިމެނުނު ދަރިވަރުންނަށް އިނާމު ޙަވާލުކޮށްދެއްވާފައިވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުދިންނަށް ވަރަށް މުހިންމު ނަޞޭހަތްތަކެއް ދެއްވާފައެވެ. އެގޮތުން އޯލެވެލް ނިންމުމަށްފަހު ކުރިޔަށްދާނެ ރޮނގެއް އިޚްތިޔާރު ކުރުމުގެ މުހިންމު ކަމާއި އަދި އަބަދުވެސް އިތުރަށް އުނގެނެންޖެހޭކަން ދަނެގެން ކުރިޔަށް ދިއުމާއި، ކާމިޔާބީއާ ހަމައަށް ކުރިޔަށް ދިއުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

"އަބަދުވެސް އެކްސެލެންސަށް ތިކުދިން އެޓެއިން ކުރަންވާނެ. މިރޭ އިމްތިހާނުތަކުގައި ބައިވެރިވި ފަސްހާސް އެތައްކުދިންގެ ކްރީމް މިތާ މިތިބީ، 74 ކުދިން. އެހެންވީމާ އެއީ ކުޑަ ޕްރޮޕޯޝަނެއް. އެހެންވީމާ އެކުދިންގެ ފަރާތުން އެކްސެލެންސް އެކްސްޕެކްޓް ނުކުރާނެ އެއްވެސް ދިވެހި ރައްޔިތަކު ނުހުންނާނެ. އެހެންވީމާ މުޖްތަމަޢު ބިނާކުރުމުގައި ތިކުދިންގެ ދައުރެއް އޮތްކަން ތިކުދިން ޤަބޫލުކުރަންވާނެ... އެ ދައުރަކީ މުޖްތަމަޢުގައި ބިނާކުރަނިވި ކަންތައްތަކެއް ކުރުމަށް ތިކުދިން ހިތްވަރުލައިގެން މަސައްކަތްކުރުން... ރޯލް މޮޑެލްތަކެއްގެ ގޮތުގައި ތިޔަ ކުދިންގެ މަސައްކަތް ސްކޫލުގައި އުޅޭއިރު، ޔުނިވަރސިޓީގައި އުޅޭއިރު އަދި ނިންމާފައި ނުކުންނައިރު އެހެން މީހުންނަށް ނަމޫނާ ދައްކުވައިދޭ ބަޔަކަށް ތިކުދިން އެބަ ވާންޖެހޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޘާނަވީ މަރުޙަލާ ނިމުމުން އަދި އެ ފެށެނީ ތަޢުލީމުގެ ދިގުދަތުރެއްގެ ފެށުންކަން ފާހަގަކުރައްވައި، އެހެންކަމުން ދަރިވަރުން މަތީ ތަޢުލީމު ޙާޞިލްކުރުމަށް ޕްލޭންތައް ކުރުމުގެ މުހިންމުކަން ސަމާލުކަމަށް ގެންނެވިއެވެ. ކިޔަވާ ކުދިންގެ ފަރާތުން ދިވެހިރާއްޖެއަށް އަބަދުވެސް ބޭނުންވަނީ، ދިވެހިރާއްޖޭގެ އުއްމީދީ، ތަޢުލީމީ ދަންމަރު ހިފައިގެން ކުރިޔަށްދާނެ ޖީލެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ.