ސްޕެނިޝް ލީގުގައި ރޭ ރާޔޯ ވަޔެކާނޯ އާއި ބާސެލޯނާ ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.
ވަޔެކާނޯގެ ދަނޑުގައި ކުޅުނު މި މެޗުގައި ބާސެލޯނާއަށް ލަނޑު ޖަހަން ރަގަޅު ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ޓީމަށް ވަނީ އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފޭ ގޮތް ނުވެފަ އެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ބާސެލޯނާ އިން ކުރި ހޯދާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް ލަމީން ޔަމާލް އަށް ކުރި ފައުލަކާއި ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ލަމީން ޔަމާލް އެވެ.
ބާސެލޯނާއަށް ޕެނަލްޓީ ދިން ވަގުތު މި މެޗުގައި ވީޑިއޯ އެސިސްޓެންޓް ރެފްރީންގެ ޓީމަށް މަސައްކަތް ކުރުމުގައި ދިމާވި މައްސަލައަކާއި ގުޅިގެން ވަނީ ވީޑިއޯ ބެލޭ ގޮތް ނުވެފަ އެވެ. އަދި ވީޑިއޯ ނުބަލާ ރެފްރީ ވަނީ ބާސެލޯނާއަށް ޕެނަލްޓީ ދީފަ އެވެ.
ރާޔޯ ވަޔެކާނޯ އިން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 67 ވަނަ މިނިޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާފައިވާ ފްރޭން ޕެރޭޒް އެވެ. މި ލަނޑަށްފަހުވެސް ވަޔެކާނޯ އިން ބާސެލޯނާގެ ގޯލަށް ބޯޅަ ފޮނުވާލި ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ. އަދި އޭގެ ފަހުންވެސް އެ ޓީމުގެ ސާޖިއޯ ކަމޭލޯ ފޮނުވާލި ނުރައްކާތެރި ހަމަލައެއް ބާސެލޯނާގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ.