ޚަބަރު

ބްރައިޓަން އަތުން މެންޗެސްޓާ ސިޓީ ބަލިވެއްޖެ


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ބްރައިޓަން އަތުން 2-1 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ބަލިވެއްޖެއެވެ.

ބްރައިޓަންގެ އެމެރިކަން އެކްސްޕްރެސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުން މެންޗެސްޓަރ ސިޓީ ބަލިވެފައިވާއިރު މިއީ ލީގުގައި އެ ޓީމު ޖެހިޖެހިގެން ބަލިވި ދެވަނަ މެޗެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 34 ވަނަ މިނިޓުގައި އުމަރު މަރްމޫޝްގެ އެސިސްޓަކުން އާލިން ހާލަންޑް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މިއީ ހާލާންޑް ޕްރިމިއާ ލީގުގައި ކުޅުނު 100 ވަނަ މެޗެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު 1-0 ގެ ނަތީޖާއަކުން މެންޗެސްޓަރ ސިޓީ ކުރީގައި އޮތް ނަމަވެސް ދެވަނަ ހާފުގައި ބްރައިޓަން އިން ވަނީ އެ ޓީމުގެ ކުޅުން ރަގަޅުކޮށް މެންޗެސްޓަރ ސިޓީގެ ގޯލަށް ނުރައްކާކޮށްފަ އެވެ.

ބްރައިޓަން އިން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 67 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުންނެވެ. މި ލަނޑު ބްރައިޓަން އަށް ކާމިޔާބުކޮށްދީފައިވަނީ ކުރިން މެންޗެސްޓަރ ސިޓީ އަށް ކުޅުނު ޖޭމްސް މިލްނަރ އެވެ. މިލްނަރ ޖެހި މި ލަނޑާއެކު އޭނާ ވެފައިވަނީ ޕްރިމިއާ ލީގުގައި ލަނޑު ޖެހި ދެވަނަ އަށް އެންމެ ދުވަސްވީ ކުޅޫންތެރިޔާއަށެވެ. ޕްރިމިއާ ލީގުގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިއަކީ އުމުރުން 39 އަހަރާއި 239 ދުވަހުގެ ޓެޑި ޝެރިންހަމް އެވެ.

މި މެޗުން ބްރައިޓަން މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ބްރަޖާން ގްރޫޑާ އެވެ.

މިދިޔަ ހަފްތާގައި ޓޮޓްނަމް ހޮޓްސްޕަރ އަތުންވެސް ބަލިވެފައިވާ މެންޗެސްޓަރ ސިޓީ އަށް ލީގުގައި މި ސީޒަނުގައި މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.