ޚަބަރު

ދުވަހަކު ވެސް ނުވާވަރަށް ފެންބޮޑުވެ ޕާކިސްތާނުގެ ޕަންޖާބުގެ ދެ މިލިޔަން މީހުން ޙާލުގައި ޖެހިއްޖެ


ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސުގެ ތާރީޚުގައި ވެސް ފެން ބޮޑުނުވާ ވަރަށް އެ ޕްރޮވިންސުގައި ފެންބޮޑުވެ، ދެ މިލިއަނަށްވުރެ ގިނަ މީހުން ޙާލުގައި ޖެހިއްޖެއެވެ.

ޕާކިސްތާނަށް ކުރާ މޫސުމީ ވިއްސާރަ ޖައްވު ހޫނުވުމާ ގުޅިގެން މި އަހަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ފަހުގެ ދިރާސާއަކުން ދެއްކި ގޮތުގައި ޕާކިސްތާނަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަކަށް ހުށަހެޅިފައިވާ އެންމެ ނާޒުކު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. ކުއްލިކުއްލިއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފާއިތުވި މަސްތަކުގައި އެ ޤައުމުގެ އުތުރާއި ހުޅަނގު އުތުރުގައި އޮންނަ ފަރުބަދަމަތީ ސަރަޙައްދުތަކުގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިޘާތަކާއި ކުއްލިއަކަށް ފެން ބޮޑުވުމުގެ ހާދިޘާތައް ހިނގާފައިވެއެވެ.

ފާއިތުވި ދުވަސްތަކުގައި ފަންޖާބުގެ އިރުމަތީ ސަރަޙައްދުތަކަށް ވަނީ އާދަޔާޚިލާފަށް ގިނައިން ވާރޭ ވެހިފައެވެ. އޭގެ އިތުރުން، އަވަށްޓެރި އިންޑިޔާގެ ކޯރުތައް ފުރުމުން ޕާކިސްތާނަށް އެ ފެންތައް އޮހޭނޭހެން އެ ޤައުމުން ވަނީ ކޯރުތަކުގެ ފެންގަނޑު ދޫކޮށްލައިފައެވެ. އޭގެ ސަބަބުން ޕާކިސްތާނުގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެފައިވެއެވެ.

ޕަންޖާބު ޕްރޮވިންސުގެ އިސް ވަޒީރެއް ކަމަށްވާ މަރިޔަމް އައުރަންގްޒެބް ވިދާޅުވީ މިއީ ޕަންޖާބުގެ ތާރީޚުގައި ވެސް އެންމެ ބޮޑަށް ފެން ބޮޑުވެފައިވާ ފަހަރު ކަމަށެވެ. އެ ސަރަޙައްދުގެ ތިން މައި ކޯރު ކަމަށްވާ ސުތުލެޖްއާއި ޝެނަބްއާއި ރާވީ ކޯރުގެ ފެންގަނޑު މިހާރު އުފުލިފައިވާ މިންވަރަށް މީގެ ކުރިން ދުވަހަކު ވެސް އުފުލިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އައުރަންގްޒެބް އިތުރަށް ވިދާޅުވީ އިންޑިޔާއިން ޕާކިސްތާނަށް އޮހޭ ގޮތަށް ޑޭމްތައް ހުޅުވުމާ ގުޅޭގޮތުން ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން މަޢުލޫމާތު އެއްކުރަމުންދާ ކަމަށެވެ. އެ ކަމާ ގުޅޭގޮތުން އިންޑިޔާއިން އަދި އެއްޗެއްް ބުނެފައެއް ނުވެއެވެ. މިދިޔަ ހަފްތާގެ ތެރޭގައި އިންޑިޔާއިން ވަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް ފެންގަނޑު ދަތުރުކޮށް ޕާކިސްތާނުގައި ފެން ބޮޑުވެދާނެ ކަމުގެ އިންޒާރު ދީފައެވެ.

ޕަންޖާބު ޕްރޮވިންސުގެ ކަމާބެހޭ އިދާރާތަކުން ދަނީ ޙާލުގައި ޖެހިފައިވާ މީހުން ސަލާމަތްކޮށް ރައްކާތެރި ސަރަޙައްދުތަކަށް ގެންދިޔުމަށް މަސައްކަތްކުރަމުންނެވެ. ޙާލުގައި ޖެހިފައިވާ މީހުން ވަގުތީ ގޮތުން ބައިތިއްބަމުންދަނީ މަދަރުސާތަކާއި ފުލުުހުންގެ ސަލާމަތީ މަރުކަޒުތަކުގައެވެ.

ދެކުނު އޭޝިއާއަށްކުރާ މޫސުމީ ވިއްސާރައަކީ ދަނޑުވެރިންނަށް މުުހިންމު ވާރެއަކަށްވިއިރު، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މި ވާރޭވެފައި މި ވަނީ މުޅި ސަރަހައްދަށް ކުރިމަތިވާ ނުރައްކަލަށެވެ.

ޕަންޖާބު ޕްރޮވިންސުގެ މުލްތާނުގައި އެ ސަހަރުގެ ކޯރުތައް ބަންޑުންވެ ފެންބޮޑުވެދާނެ ކަމަށް ދަނީ ދުރާލައި ތައްޔާރުވަމުންނެވެ. އެ ސަހަރުގެ ކޯރުތަކުގައި ޖަހާފައިވާ ފަސް އެންބެންކްމެންޓެއް ކައިރީގައި ގޮވާތަކެތި ހަރުކޮށްފައިވާއިރު، ފެންގަނޑު އުފުލެން ފެށުމުން އެ ސަރަޙައްދު ގޮއްވާލައި، ރަށުތެރެއަށް ނޭޅި އެ ފެންތައް އެހެން ސަރަޙައްދަކަށް ފައިބާނެ ގޮތް ހެދުމަށް ވަނީ ރާަވައިފައެވެ.

މުލްތާންގެ ކޮމިޝަނަރު، އާމިރު ކަރީމް ޚާން ވިދާޅުވީ އެ ސަހަރުގެ ތިރި ސަރަޙައްދުތައް ބެލެހެއްޓުމަށް ޑްރޯން ބޭނުންކުރަމުންދާ ކަމަށާއި އެ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުން އެހެން ސަރަޙައްދުތަކަށް ދިޔުމަށް އިދާރާތަކުން ހިތްވަރުދެމުންދާ ކަމަށެވެ. ސަރުކާރުން ހިންގާ ކޭމްޕްތަކުގައި ހިޔާވަހިކަން ހޯދުމަށް އިލްތިމާސް ކުރައްވައި ޑެޕިއުޓީ ކޮމިޝަނަރު ވާސިމް ހަމަދު ސިންދު ވިދާޅުވީީ ފެންގަނޑު އައުމުން ފެންގަނޑު ހުއްޓުވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

ގާތްގަނޑަކަށް 150 މިލިއަން މީހުން ދިރިއުޅޭ ޕަންޖާބަކީ ޕާކިސްތާނުގެ ދަނޑުވެރިކަމުގެ ދާއިރާއަށް މުހިންމު ޕްރޮވިންސެކެވެ. ޕާކިސްތާނުގައި އުފައްދާ ގޮދަނުގެ ބޮޑުބައި އުފައްދަނީ ޕަންޖާބުގައެވެ.

2022 ވަނަ އަހަރު ހިނގި ވަރުގަދަ ފެންބޮޑުވުމުގެ ހާދިޘާއެއްގައި ވެސް ޕާކިސްތާނުގެ އިރުމައްޗާއި ދެކުނުގެ ބޮޑެތި ދަނޑުބިންތައް ވަނީ ނެތިގޮސްފައެވެ. އޭގެ ސަބަބުން އެ ޤައުމުގެ ބޮޑުވަޒީރު، ޝެހްބާޒް ޝަރީފް ވަނީ އެ އެގައުމަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދެއްވައިފައެވެ.