ރާއްޖޭގެ ޞިއްޚީ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޞިއްޚީ ދާއިރާއިން މީހުން ތަމްރީން ކުރުމުގެ ފުރުޞަތު މަދުވުންކަން ފާހަގަކޮށް، އެކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.
އެ ހޮސްޕިޓަލުން ދާދި ފަހުން ޤާއިމްކޮށްފައިވާ އޭޑީކޭ ސްކޫލް އޮފް ހެލްތް ސައިންސް އިން ހިންގި ފުރަތަމަ ކޯސް ނިންމި ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އަފްޢާލް ވިދާޅުވީ، އޭޑީކޭގެ ޓްރެއިނިންގ ސްކޫލުން ހިންގި ފުރަތަމަ ކޯހަކީވެސް މަތީ ފެންވަރެއްގެ ކޯހެއްކަމަށާ، މި ސްކޫލް މެދުވެރިކޮށް ރާއްޖޭގެ ޞިއްޚީ ދާއިރާގައި ޚިދުމަތް ދިނުމަށް އެކިއެކި ދާއިރާތަކުން ތަފާތު ކޯސްތައް ހިންގަން ނިންމާފައިވާކަމަށެވެ. މިގޮތުން ރާއްޖޭއަށް މުޅިން އާ އިމަޖެންސީ މެޑިކަލް ޓެކްނީޝަން ކޯހެއް ފެށުމަށް ތައްޔާރުވަމުންދާކަމަށް އައްފާލް ވިދާޅުވިއެވެ.
" ރާއްޖޭގެ ސިއްޚީ ޚިދުމަތް ތަރައްޤީ ކުރުމަށް އެންމެ ގިނަ ގޮންޖެހުންތައް ހުރިކަމަށް ޤަބޫލު ކުރެވެނީ އެކަށީގެންވާ ހިއުމަން ރިސޯސަސް ނެތުމާއި ތަމްރީން ވުމުގެ ފުރުސަތުތައް މަދުވެފަ އެކަމަށް ދިމާވާ ދަތިތައް. އެހެންވީމާ އެކަން ހައްލުކުރުމަށް ރާއްޖޭގެ ސިއްޚީ ނިޒާމް އަނެއްކާވެސް އަޅުގަނޑުމެން އޭޑީކޭ ގެ ފަރާތުން އޭޑީކޭ ސްކޫލް އޮފް ހެލްތްސައިންސްގެ ފަރާތުން އިތުރު ހިއްސާތަކެއް ނެރެ ހަމަ ދިވެހި ރައްޔިތުންނަށް އާފުރުސަތު ތަކެއް ހޯދައިދިނުމަށް އަޅުގަނޑުމެން މަސައްކަތް ފަށައިގެނެ ކުރިޔަން މިގެންދަނީ.." އައްފާލް ވިދާޅުވިއެވެ.
އޭޑީކޭ ސްކޫލް އޮފް ހެލްތް ސައިންސް އިން ކުރިއަށްގެންދިޔަ ކޯސް ފުރިހަމަ ކޮށްފައިވަނީ ހއ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ދެ ނަރުހުންނެވެ. މި ދެ ނަރުހުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހެލްތު މިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީ ޚަދީޖާ ޢަބްދުއްސަމަދެވެ. ދެ މަސްދުވަހުގެ މުއްދަތަކަށް ކުރިޔަށްގެންދިޔަ މި ކޯހަކީ އައިސީޔޫގެ މަސައްކަތްތަކާ ގުޅޭ ކޯހެކެވެ. މި ކޯހުގެ ބައިވެރިން 260 ގަޑިއިރު އައިސީޔޫގައި މަސައްކަތްކޮށްފައިވާކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެއެވެ.