ޚަބަރު

ވިންޗެއް ކަނޑައިގެންގޮސް 3 މީހަކަށް އަނިޔާވެއްޖެ


ކޮޅުމަޑުލު މަޑިފުށީގައި ދޯންޏެއް އެހެލަން އުޅެނިކޮށް، ދޯނި އެހެލަން ބޭނުންކުރި ވިންޗު ކަނޑައިގެންގޮސް 3 މީހަކަށް އަނިޔާވެއްޖެއެވެ. 

ފުލުހުން ވިދާޅުވީ މިއަދު ހެނދުނު އެގާރަޖަހާ އެހާކަންހާއިރު ހިނގި މި ޙާދިސާގައި އަނިޔާ ލިބިފައިވާ 3 ދިވެހިންނަށްކަމަށާއި، މީގެތެރެއިން އެކަކަށް ވަރަށް ބޮޑަށް އަނިޔާވެ ސީރިއަސް ޙާލަތުގައި މަޑިފުށީ ޞިއްޙީ މަރުކަޒުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާ ދިނުމަށް މާލެ ގެނައުމުގެ މަސައްކަތްކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ. 

މި ހާދިސާގައި އަނިޔާ ލިބުނު އަނެއް 2 މީހުންވެސް ފަރުވާ ދިނުމަށް ވޭމަންޑުއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މިޙާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއެކު ފުލުހުން ދަނީ މިކަން ހިނގަން މެދުވެރިވިގޮތް ސާފުކޮށް މައްސަލަ ތަޙްޤީޤު ކުރުމުގެ މަސައްކަތް ކުރަމުންކަމަށް ޕޮލިހުން ވިދާޅުވެއެވެ.

މިޙާދިސާގައި އަނިޔާ ލިބިފައިވަނީ ޢުމުރުން 20 އަހަރުގެ ފިރިހެނަކަށާއި 21 އަހަރުގެ ފިރިހެނެއްގެ އިތުރުން 22 އަހަރުގެ ފިރިހެނަކަށެވެ.