ޚަބަރު

ޒިންމާދާރުވުމަށް ސަން އޮންލައިނަށް އަންގައިފި


ޙަޤީޤަތް އޮޅޭގޮތަށް ޚަބަރު ނުފެތުރުމަށް ރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ "ސަން އޮންލައިން" އަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކުރައްވައިފިއެވެ. އެ ކޮމިޝަނުން މިކަމަށް އިލްތިމާސްކުރައްވާފައި ވަނީ މިމަހުގެ 10 ވަނަ ދުވަހު "ޓީވީން ގެނެސްދޭ މަންޒަރުތައް، އަޑުއިވުމުން މަހުރޫމްވެފައިވާ މީހުންނަށް ޚާއްސަ ކުރާކަށް ނުޖެހޭ:ބްރޯޑްކޮމް" މި ސުރުޚީގެ ދަށުން ސަން އޮންލައިންގައި ޝާއިޢުކޮށްފައިވާ ޚަބަރަކާއި ގުޅިގެން، އެކަން އެގޮތަށް ނިންމާފައިނުވާކަން ހާމަކުރައްވާ، ބްރޯޑްކާސްޓިންގ ކޮމިޝަނުން ނެރުއްވި ނޫސްބަޔާނެއްގައެވެ. 

އެކޮމިޝަނުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ 31 މޭ 2016 ވަނަ ދުވަހު ޓީވީއެމް އިން ބްރޯޑްކާސްޓުކުރި "މެންދުރުފަސް" ޕްރޮގްރާމްގައި ގެނެސްދިން ދުންފަތުގެ އިސްތިއުމާލު ކުރުމުން ލިބޭ ގެއްލުންތައް ބަޔާންކުރާ ލަވަ ހިމެނޭ ކޮންޓެންޓެއްގައި ޓީވީ ސްކްރީނަށް ދުންފަތުގެ އިސްތިއުމާލުކުރުމުން ލިބޭ ގެއްލުން ބަޔާންކުރާ ލިޔުމެއް އަރުވާފައި ނުވުމުގެ ސަބަބުން އަޑު އިވުމުން މަހުރޫމުވެފައިވާ މީހުންނަށް އެލަވައިން ދޭންބޭނުންވާ މެސެޖް ނުލިބޭ ކަމަށް ބުނެ އެކޮމިޝަނަށް ހުށައަޅާފައިވާ މައްސަލައަކާއި ގުޅިގެން، އެ ކޮންޓެންޓް "ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް" އާ ޚިލާފް ވެފައިވާ ކަމަށް ބަލާނެ ޖާގައެއް ނެތްކަމަށް ނިންމަވާފައިވާކަމަށެވެ. އަދި މިގޮތަށް ނިންމަވާފައިވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ސިއްހަތަށް ލިބޭ ގެއްލުންތަކުގެ ވާހަކަ ލިޔުމުން އެއް ފަހަރަށް ވުރެ ގިނަ ފަހަރު ދައްކާފައި ވުމުގެ އިތުރަށް، ދުންފަތުގެ ނުރައްކާތެރިކަން ދައްކުވައިދޭ ވީޑިއޯތައް ތަކުރާރުކޮށް އެ ކޮންޓެންޓްގައި ދައްކާފައިވުމުންކަމަށެވެ.

އަދި 1 ޖުލައި 2016 ގައި ސަން އޮންލައިންގައި އިދިކޮޅު ޕާޓީތަކުގެ ބަހެއް ނުހޯދައި ޓީވީން ޚަބަރު ގެނެސްދެވޭނެކަމަށް ބުނެ ބްރޯޑްކާސްޓިންގ ކޮމިޝަނާ ހަވާލާދީ ޝާއިއުކޮށްފައިވާ ޚަބަރުވެސް އެކޮމިޝަންގެ ފަރާތުން ވަނީ ދޮގުކުރައްވާފައެވެ. ބްރޯޑްކާސްޓިންގ ކޮމިޝަނުން ވިދާޅުވީ، ހޯމްމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ސިއްދީގު ކުރެއްވި ޓުވީޓާ ގުޅިގެން 19 މޭ 2016 ވަނަ ދުވަހު ޗެނަލް 13 އިން ގެނެސްދިން ޚަބަރު ހިމެނޭ ކޮންޓެންޓްގައި، ގެނެސްދީފައިވާ ވާހަކަތައް ދައްކާފައިވަނީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ޚިލާފުވާ މިންވަރަށް ކަމަށް ބެލެން ނެތްކަމަށް 15 ޖޫން 2016 ގައި އެކޮމިޝަނުން ނިންމަވާފައިވާކަމަށެވެ. އަދި އިދިކޮޅު ޕާޓީތަކުގެ ބަހެއް ނުހޯދާ، ޓީވީން ޚަބަރު ގެނެސްދެވޭނެ ކަމަށް އެކޮމިޝަނުން ނިންމަވާފައިނުވާނެކަމަށް ވެސް ކޮމިޝަންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. 

މި ދެ ޚަބަރަކީވެސް ނޫސްވެރިކަމުގެ ހަމަތަކާ ޚިލާފަށް، އެއްވެސް ޒިންމާދާރުކަމެއް ނެތި އަދިކޮމިޝަންގެ އަގުވައްޓާލުމަށާއި، ރައްޔިތުންގެ މެދުގައި ކޮމިޝަނާ މެދު ނަފުރަތު އުފެއްދުމަށްޓަކައި ގެނެސްދީފައިވާ ޙަޤީޤަތާ ޚިލާފު، ދޮގު ޚަބަރުތަކެއް ކަމަށް ދެކެވެޑައިގަންނަވާކަމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ޚަބަރު ގެނެސްދިނުމުގައި، ޙަޤީޤަތާ އެއްގޮތަށް މަޢުލޫމާތު ހާމަކުރުމަށް އިސްކަންދީ، ޒިންމާދާރުކަމާއެކު އަމަލުކުރެއްވުމަށް ސަން އޮންލައިނަށް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ފަރާތުން ވަނީ އިލްތިމާސްކުރައްވާފައެވެ.