ޚަބަރު

ޕާކިސްތާނުގެ ބޮޑުވަޒީރަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި


ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމި އޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔަމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ، ޕާކިސްތާނުގެ ކްވެޓާ ސިވިލް ހޮސްޕިޓަލުގައި ދިން ބޮމުގެ ހަމަލާގައި އެތައް ބަޔަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒު ޝަރީފަށް ފޮނުއްވި ހަމްދަރުދީގެ މެސެޖުގައެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ޕާކިސްތާނުގައި ހިނގި ޓެރަރިޒަމްގެ ފިނޑި ޢަމަލު، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެންމެ ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކުރައްވާފައެވެ. އަދި ޕާކިސްތާނުން އެޤައުމުގެ އަމަންއަމާންކަން ދެމެހެއްޓުމަށްޓަކާ ކުރަމުންދާ މަސައްކަތުގައި ރާއްޖެއިންއަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. 

ހަމަ އެހެންމެ، ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށާއި، މިކަމުގައި ޕާކިސްތާނާއި، ބައިނަލްއަޤްވާމީ ދުނިޔެއާއެކު ރާއްޖެއިން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާނެ ކަމުގައިވެސް ވިދާޅުވެފައިވެއެވެ. 

ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ޕާކިސްތާނުގެ ބޮޑުވަޒީރަށާއި، ޕާކިސްތާނުގެ ސަރުކާރަށާއި އުޚުވަތްތެރި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ އެދިވަޑައިގެންފައެވެ. ޕާކިސްތާނުގެ ކްވެޓާގެ ހޮސްޕިޓަލަށް މިދިޔަ ހޯމަ ދުވަހު ދިން ނުރައްކާތެރި ޓެރަރިސްޓް ޙަމަލާގައި، މަރުވި މީހުންގެ އަދަދު ހަތްދިހަ ހަތަރަކަށް އަރާފައިވާކަމަށް ބޭރު ރިޕޯޓްތައް ބުނެއެވެ.