ޚަބަރު

މަދަނީ ޖަމުޢިއްޔާތައް ބާރުވެރިކުރުމުގެ ޤައުމީ ފޯރަމް ފަށައިފި


  • މިއީ ޒުވާނުންނާބެހޭ ވުޒާރާއިން ސިލްސިލާކޮށް ކުރިއަށްގެންދާ ފޯރަމެއް

  • މިފޯރަމުގައި 69 މަދަނީ ޖަމުޢިއްޔާއިން ބައިވެރިވި

މަދަނީ ޖަމުޢިއްޔާތައް ބާރުވެރިކޮށް އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ މަޤުސަދުގައި ބާއްވާ "މަދަނީ ޖަމުޢިއްޔާތަކުގެ ޤައުމީ ފޯރަމް" ފަށައިފިއެވެ.

މިފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދުއެވެ.

މަދަނީ ޖަމުޢިއްޔާތަކުގެ ޤައުމީ ފޯރަމަކީ، މަދަނީ ޖަމުޢިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި، ގޮންޖެހުންތައް ދެނަގެނެ، ތަފާތު މައްސަލަތަކުން އަރައިގަތުމުގައި ޖަމުޢިއްޔާތަކުގެ ދައުރާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ޖަމުޢިއްޔާތައް ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމުގެގޮތުން ބާއްވާ ފޯރަމެކެވެ. މިއީ ޒުވާނުންނާބެހޭ ވުޒާރާއިން ސިލްސިލާކޮށް ކުރިއަށްގެންދާ ފޯރަމެކެވެ.

މަދަނީ ޖަމުޢިއްޔާތަކުގެ ޤައުމީ ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވަނީ މަދަނީ ޖަމްޢިއްޔާތަކުގެ ހާލަތު ތަފްސީލުކޮށް ބަޔާންކޮށްދެއްވާފައެވެ.

ވަޒީރު ވިދާޅުވީ، މިހާރު ރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކުގައި މަސައްކަތްކުރަނީ ހިލޭސާބަހަށް މަސައްކަތްކުރާ ފަރާތްތައްކަމަށެވެ. އަދި މި ފަރާތްތަކަށް އެކަށީގެންވާ އިނާޔަތެއް ނުވަތަ މާލީ އެހީތެރިކަމެއް ނުލިބޭކަމަށް ވިދާޅުވިއެވެ.

"އެހެންނަމަވެސް އެއީ އެއްނޫން އަސްލު މަދަނީ ޖަމްޢިއްޔާތަކުގެ ހަޤީޤީ މާނައަކީ. ޖަމްޢިއްޔާތައް ބާރުވެރިކޮށްދެންޖެހޭ. މާލީގޮތުންވެސް އެބޭފުޅުންނަށް ތަނަވަސްކަން ހޯދައިދެންޖެހޭ. ޕްރޮގްރާމްތައް ހިންގުމަށް އެބޭފުޅުންނަށް އެހީތެރިކަން ފޯރުކޮށްދެންޖެހޭ. ގައުމުގައި އެވަގުތު ދިމާވާ ކަންކަމަށް ވަކި ކޮޅަކަށް ނުޖެހި ބަސްބުނާ ބަޔަކަށް އަސްލު މަދަނީ ޖަމްޢިއްޔާތައް ހަދަންޖެހޭ" ޒުވާނުންނާބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ޤައުމީ ފެންވަރުގައި ބާއްވާ މިފަދަ ފޯރަމްތަކުގެ ސަބަބުން ޖަމްޢިއްޔާތަކުގެ ޤާބިލުކަން އިތުރުވެ، އެ ފަރާތްތަކުގެ މަސައްކަތްތައް ފުޅާވެގެންދާނެކަމަށެވެ. އަދި މާލީ ގޮތުން ޖަމްޢިއްޔާތައް ހަރުދަނާވެ، ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް މަގުފަހިވުމާއެކު، ޤައުމީ ފެންވަރުގައި ޖަމްޢިއްޔާތަކުގެ ދައުރު ފުޅާވެ، ނިންމުންތައް ނިންމުމުގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުވެގެންދާނެކަމަށެވެ. މީގެ އިތުރުން، މިފަދަ ކުރިއެރުންތަކުގެ ސަބަބުން، މަދަނީ ޖަމްޢިއްޔާތަކަކީ މުޖުތަމަޢުގެ ތަރައްޤީއަށް މުހިންމު ދައުރެއް އަދާކުރާ، ބާރުވެރި އަދި ހަރުދަނާ މުއައްސަސާތަކަކަށް ވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ވިދާޅުވީ، މިފަދަ ފޯރަމެއް ބޭއްވުމުގެ ބޭނުމަކީ، މިފަދަ ފޯޯރަމެއްގެ ތެރެއިން ރާއްޖޭގެ ގިނަ ޖަމުޢިއްޔާތަކެއް އެއްތަނަަކަށް އެއްވެ، އެ ޖަމުޢިއްޔާތަކުގެ ހުރި ތަފާތު ތަޖުރިބާތައް ޙިއްސާކޮށް، އެއް ޖަމުޢިއްޔާ އަނެއް ޖަމުޢިއްޔާއާ ގުޅިގެން ދިމާވާ ދަތިތަކަކާއި ގުޅޭގޮތުން މަޝްވާރާކޮށް، އެ މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްތަކާމެދު މަޝްްވަރާކުރުންކަމަށެވެ.

ދެދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ފޯރަމުގައި 69 މަދަނީ ޖަމުޢިއްޔާގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ 30 ކޮމިޓީ، އަދި 6 އަތޮޅު ކައުންސިލުން ބައިވެރިވިއެވެ. މަދަނީ ޖަމުޢިއްޔާތަކުގެ ޤައުމީ ފޯރަމް ބޭއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ވަޢުދެކެވެ.