ޚަބަރު

ނިއުކާސަލްގެ ދެވަނަ ހުށަހެޅުންވެސް ވުލްވްސްއިން ދޫކޮށްލައިފި


ފޯވާޑް ޖޯގެން ސްޓްރޭންޑް ލާސަން ހޯދުމަށް ނިއުކާސަލް ޔުނައިޓެޑުން ހުށަހެޅި ދެވަނަ ހުށަހެޅުންވެސް ވުލްވްސްއިން ދޫކޮށްލައިފިއެވެ.

މިދިޔަ ހަފްތާގައި ނިއުކާސަލްއިން ވަނީ ލާސަން ހޯދުމަށް 50 މިލިއަން ޕައުންޑުގެ ހުށަހެޅުމެއް ހުށަހަޅާފަ އެވެ. އަދި އެ ހުށަހެޅުން ދޫކޮށްލުމުން އޭގެ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ ކްލަބުން ވަނީ އެ އަދަދު އިތުރުކޮށް 55 މިލިއަން ޕައުންޑުގެ ހުށަހެޅުމެއް ދެވަނަ ފަހަރަށް ހުށަހަޅާފައެވެ.

ނިއުކާސަލްގެ ދެވަނަ ހުށަހެޅުންވެސް ދޫކޮށްލުމަށްފަހު ވުލްވްސްއިން ބުނެފައިވަނީ ލާސަން އަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށެވެ. އަދި ޓްރާންސްފަރ ބާޒާރު ބަންދުވުމަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު އައު ކުޅުންތެރިއަކު ހޯދުމަށް އެ ކްލަބަށް ދަތިވާނެ ކަމަށްވެސް ވުލްވްސްއިން ވަނީ ބުނެފަ އެވެ.

ނޯވޭއަށް އުފަން ލާސަން ވަނީ އިނގިރޭސި ލީގު ކަޕްގައި މި ހަފްތާގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން ވުލްވްސް މޮޅުވި މެޗުގައި ދެ ލަނޑު ޖަހާފަ އެވެ.

ސްޕެއިންގެ ސެލްޓަ ވީގޯއިން ލޯނު އެއްބަސްވުމެއްގެ ދަށުން ވުލްވްސް އާއި ގުޅުނު ލާސަން އާއިއެކު އެ ކްލަބުން ދާއިމީ އެއްބަސްވުމެއް ހަދާފައިވަނީ މިދިޔަ ހޫނު މޫސުމުގައި 23 މިލިއަން ޕައުންޑުގެ ފީއަކަށެވެ.

ވުލްވްސްގެ ކޯޗު ޕެރޭރާ ބުނެފައިވަނީ ކޮންމެ ކުޅުންތެރިއެއްގެވެސް އަގެއް އޮންނާނެ ކަމަށާއި އަދި އެ އަގު ލިބުމުން އެ ކުޅުންތެރިއަކު ދިއުމަކީ ކައިރި ކަމެއް ކަމަށެވެ. ނަމަވެސް އޭނާއަށް އެކަން ނިންމުމުގެ ބާރު އޮތްނަމަ ލާސަން އެ ކްލަބުން ނުވިއްކާނެ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.