ޚަބަރު

މިސަރުކާރަށް މީވީ މުއްދަތުގައި މީޑިއާތަކަށް އޮތް ފަހިކަން އަދިވެސް އޮތީ އެގޮތަށް


  • ރައީސް ވަނީ މީޑިއާތަކަށް 30 އަށްވުރެ ގިނަ ބަސްދީގަތުން ދެއްވާފައި

  • މަޢުލޫމާތު ދުރާލާ ފޯރުކޮށްދިނުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ

  • މާލީ ގޮތުން މީޑިއާ ބާރުވެރިކުރުމަށްވެސް ދަނީ މަސައްކަތްތަކެއް ކުރައްވަމުން

ކޮންމެ ޤައުމެއްގައިވެސް ނޫސްވެރިންނަކީ ޤައުމުގެ ކުރިއެރުމަށާއި ތަރައްޤީއަށް މުހިންމު ދައުރެއް އަދާކުރާ އެއް ފަރާތެވެ. އެ މީހުންގެ މަސައްކަތުން ޚިޔާނާތާއި ކޮރަޕްޝަންގެ ހިރަފުސް ފޮޅައެވެ. އެ މީހުންގެ ޚިޔާލުން ސިޔާސަތުތަކާއި އިސްތިރާޖީ ރޭވުންތައް މުއްސަނދިވެއެވެ. އެ މީހުންގެ ލިޔުންތަކުން އިޖުތިމާޢީ އެތައް މައްސަލައަކަށް ހައްލު ހޯދައިދެއެވެ. ވުމާއެކު، އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ކުރިއެރުމާއި ދިވެހިންދެކޭ އުފާވެރި މުސްތަޤުބަލަށް ވާޞިލުވުމުގައި މިޤައުމުގެ ނޫސްވެރިންނަކީވެސް މުހިންމު ބައެކެވެ. ދައުލަތުގެ 4 ވަނަ ބާރަކީ މީޑިއާ ނުވަތަ ނޫސްވެރިންނޭ ބުނެވެނީވެސް އެހެންވެއެވެ.

އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގަތީ މިކަންކަން ވަރަށް ރަނގަޅަށް ދެނެވަޑައިގެންނެވެ. އިންތިޚާބުވެވަޑައިގަތުމަށްށްފަހު އެމަނިކުފާނުގެ ފުރަތަމަ ހަރަކާތްތައް ބައްޓަންކުރެއްވި ގޮތް އެކަމަށް ހެކިދެއެވެ. އެގޮތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި، އިންތިޚާބީ ރައީސެއްގެ ގޮތުގައި ހުންނަވައިގެން އެންމެ ފުރަތަމަ ބައްދަލުކުރެއްވި ފަރާތްތަކުގެ ތެރޭގައި މީޑިއާގެ ދާއިރާގައި މަސައްކަތްކުރައްވާ ނޫސްވެރިން ހިމެނެއެވެ. "މީޑިއާ ގުންޒަރު"ގެ ނަމުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައި، މީޑިއާގެ ކަންކަން ކުރިއަށް ގެންދަވާނެ ގޮތުގެ ޚިޔާލު ހޯއްދަވައި، މީޑިއާތަކުގެ ކަންބޮޑުވުންތައް އެމަނިކުފާނު އަޑު އެއްސެވިއެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ގުންޒަރުން އިވިވަޑައިގެންނެވި ކަންކަމަށް އަލިއަޅުއްވާލައްވައި، މީޑިއާގެ ދާއިރާއަށް ރޯޝަންކަން ގެނެސްދެއްވުމުގެ މަސައްކަތްޕުޅު ރައީސް މުޢިއްޒު ފެށްޓެވިއެވެ. އެގޮތުން ނޫސްވެރިންގެ ބައްދަލުވުންތައް ރައީސް އޮފީހުގައި ސިލްސިލާ ގޮތެއްގައި ގެންދަވަނީ ބާއްވަވަމުންނެވެ. ކޮންމެ މަހަކު ސިލްސިލާކޮށް، ހުރިހާ ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް ދަނީ ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަވަމުންނެވެ. މިހާތަނަށް މިފަދަ 200 އަށްވުރެ ގިނަ ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާފައިވެއެވެ.

މީގެ އިތުރުން މީޑިއާތަކުގެ ކަންބޮޑުވުންތައް އަޑު އެއްސެވުމަށްފަހު ފަސޭހައިން މީޑިއާތަކަށް މަޢުލޫމާތު ހޯދުމުގެ މަގުފަހިކޮށްދެއްވުމުގެ ގޮތުން ސަރުކާރުގެ ކޮންމެ ވުޒާރާއެއްގައި މަޢުލޫމާތު ފަތުރަން ޚާއްޞަ މީޑިއާ ޔުނިޓެއް އެކަމަށް ޚާއްސަ މުވައްޒަފުންނާއި ފުރިހަމަ ވަޞީލަތްތަކާއެކު ފުރަތަމަ ފަހަރަށް ޤާއިމުކުރީވެސް ރައީސް މުޢިއްޒުގެ ސަރުކާރުންނެވެ.

ތަފާސްހިސާބުތަކަށް ބެލިޔަސް، މީޑިއާތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ރައީސް މުޢިއްޒުގެ ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތައް ގިނަގުނައެވެ. އެގޮތުން ސީދާ ރައީސުލްޖުމްހޫރިއްޔާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ މީޑިއާތަކަށް 30 އަށްވުރެ ގިނަ ބަސްދީގަތުން ދެއްވާފައިވާއިރު، 1200 އަށްވުރެ ގިނަ ބަސްދީގަތުން ކެބިނެޓު ވަޒީރުން ވަނީ ދެއްވާފައެވެ. އަދި ސީދާ ރައީސަށް ޝަކުވާ ހުށަހެޅުމަށް ރައްޔިތުންނަށް ފަހިކޮށްދިން، "ރައްޔިތުންގެ އަޑު ޕޯޓަލް" މެދުވެރިކޮށް، މިހާތަނަށް 800 އަށްވުރެ ގިނަ ޝަކުވާއަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަވާބުދާރީވެވަޑައިގެންފައެވެ. ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ލައިވްކޮށް ކުރިއަށްގެންދާ ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުން ބައިވެރިވެވަޑައިގަންނަވާ އަހާ ފޯރަމަކީވެސް މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ކުރައްވާ ފާހަގަކޮށްލެވޭ މަސައްކަތެކެވެ. ރައްޔިތުންނަށް ހުޅުވާލެވިގެން ބޭއްވި މިފަދަ 6 ފޯރަމެއް މީޑިއާތަކުން ވަގުތުން ގެނެސްދީފައިވެއެވެ.

މިހާތަނަށް އައިއިރު، މިސަރުކާރު ފާހަގަކޮށްލެވެނީ ދުރާލާ މަޢުލޫމާތު ހާމަކުރެއްވުމަށް ޚާއްސަ އިސްކަމެއް ދެއްވާ ސަރުކާރެއްގެ ގޮތުގަވެ. އެގޮތުން ސަރުކާރުގެ އިދާރާތަކުން ކުރާ ހުރިހާ ކަމެއް އެއް ތަނަކުން ފެންނާނެހެން ސަރުކާރު ވެބްސައިޓް، ކޮންމެ ދުވަހަކުވެސް ދަނީ އަދާހަމަކުރަމުންނެވެ. އަދި ކެބިނެޓްގެ ހުރިހާ ނިންމުން ރައްޔިތުންނަށް ހާމަވާނޭހެން ފުރަތަމަ ފަހަރަށް ވަކި ވެބްސައިޓެއް ހަދައި، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު އިނގިރޭސިބަހުން ސަރުކާރުގެ މަޢުލޫމާތު ހާމަކުރުމަށް "މޯލްޑިވްސް ނިއުސް ބުލެޓިން"އެއް ވަނީ ނެރެން ފަށާފައެވެ. މިހާތަނަށް 334 ޢަދަދު ނެރެފައިވެއެވެ. އަދި ކޮންމެ ހަފުތާއަކު "ސަރުކާރު ވީކްލީ"ގެ ނަމުގައި ސަރުކާރުގެ ހުރިހާ ޚަބަރެއް ހިމެނޭ ޕަބްލިކޭޝަނެއް ދިވެހިބަހުން ވަނީ ނެރެން ފަށާފައެވެ. އަދި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް "ރައީސްގެ ޖަވާބު" ސިލްސިލާކޮށް ކުރިއަށްގެންދެވުމާއި ސީދާ ރައީސްގެ ޚާއްސަ އިސްނެންގެވުމަށް ކުރިއަށްގެންދަވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓް ސިލްސިލާ މެދުވެރިކޮށް ހާމަކުރައްވަމުން ގެންދަވާ މަޢުލޫމާތު ފާހަގަކޮށްލެވެއެވެ.

މަޢުލޫމާތު ހާމަކުރުމަށާއި ދެފުށް ފެންނަ ސިޔާސަތެއް ގެންގުޅުއްވާކަން ހާމަވެގެންދާ އަނެއް ކަމަކީ އެއްވެސް ހިފެހެއްޓުމެއް ނެތި ސުވާލުކުރެއްވުމަށް ނޫސްވެރިންނަށް ދެއްވި ފުރުޞަތެވެ. މިއަހަރުގެ ނޫސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ނޫސްވެރިން ބޭނުން ސުވާލެއް ކުރެއްވުމަށް ދެއްވި ފުރުޞަތަކީ މީގެ ކުރިން އެއްވެސް ރައީސުލްޖުމްހޫރިއްޔާއަކު ނޫސްވެރިންނަށް ދެއްވާފައިނުވާފަދަ ތަނަވަސް ފުރުޞަތެކެވެ. އެ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން 15 ގަޑިއިރަށް ދެމިގެންދިޔައެވެ. ދުނިޔޭގެ ރިކޯޑު ފޮތުންވެސް ޖާގަ ހޯދިއެވެ. މިއީ ގައިމުވެސް، މީޑިއާއަށް މި ސަރުކާރުން ދޭން ބޭނުންވާ މިނިވަންކަން ހާމަވެގެންދިޔަ އަލިގަދަ ހެއްކެވެ. މެއި މަހުގެ 3 ވަނަ ދުވަހު ބޭއްވި އެ ނޫސްވެރިންގެ ބައްދަލުވުމުން މީޑިއާ ބާރުވެރިކުރުވުމަށް ރައީސް މުޢިއްޒު ދެއްވާ އަހަންމިއްޔަތުކަން ފެނުނެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފުރަތަމަ ފަހަރަށް މީޑިއާ ފެންޑާއެއް ޤާއިމުކުރެއްވިއެވެ. މިއީ ރައީސް އޮފީހުގެ ކައިރީގައި އަބަދުވެސް ނޫސްވެރިންނަށް ސުވާލުކުރަން ތިބެވޭނެހެން ޤާއިމުކުރި ތަނެކެވެ. އަދި ސަރުކާރުގެ ހުރިހާ އިދާރާއަކަށް މަޢުލޫމާތު ހޯދަން ހުށަހަޅާ އާރުޓީއައިތަކަށް ޖަވާބުދެއްވުމަށްވެސް ރައީސް މުޢިއްޒުގެ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައެވެ. މިގޮތުން 2000 އަށްވުރެ ގިނަ އާރުޓީއައިއަށް މިހާތަނަށް ވަނީ ޖަވާބުދެއްވާފައެވެ.

މީޑިއާތަކަށް މަސައްކަތްކުރާނެ ފަހި މާޙައުލެއް ތަނަވަސްކޮށްދީ، މާލީ ގޮތުން މާލީ ބާރުވެރިކަން ފޯރުކޮށްދިނުމަކީވެސް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވާ ކަމެކެވެ. އެގޮތުން މީޑިއާތަކުން މަސައްކަތްކުރާނެ ޖާގައާއި ވަސީލަތް އަގު ހެޔޮކޮށް ހޯއްދަވައިދެއްވުމަށް މީޑިއާ ވިލެޖެއް ޤާއިމުކުރާނެ ތަނެއް ސަރުކާރުން ވަނީ މިހާރު ހަމަޖައްސަވާފައެވެ. އަދި ހުޅުމާލޭގައި އެތަން ކަނޑައަޅައި، މީޑިއާ ވިލެޖުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ހަމައެއާއެކު ދައުލަތުގެ ބަޖެޓުން ކަނޑައެޅޭ ވަކި އިންސައްތައެއް މީޑިއާތަކަށް ދެއްވުމަށް ފުރަތަމަ ފަހަރަށް ނިންމެވީވެސް ހަމަ މި ސަރުކާރުންނެވެ. ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޫކުރަން ފެއްޓެވުމަށްޓަކައި، އެކަމުގައި ޢަމަލުކުރާނެ އުޞޫލު މީޑިއާތަކުގެ ލަފަޔާއެކު އެކުލަވާލައި، މިހާރު ވަނީ ގެޒެޓްކޮށްފައެވެ.

މީގެ އިތުރުން މީޑިއާގެ ދާއިރާއިން ކިޔަވަން ބޭނުންވާ މީހުންނަށް ހިލޭ ކިޔެވޭ ގޮތަށް، ސަރުކާރުގެ ފަރާތުން ސްކޮލަރޝިޕް ދެއްވާނެކަންވެސް ސަރުކާރުން މިހާރު ވަނީ ހާމަކުރައްވާފައެވެ. މިއީވެސް ކޮލިޓީ ނޫސްވެރިންނާއި މީޑިއާ ދާއިރާގެ އެހެނިހެން ފަންނުވެރިން ބިނާކޮށް، މީޑިއާގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ޤައުމަށްކުރާނެހެން ދާއިރާ ބިނާކުރެއްވުމަށް ރައީސް މުޢިއްޒު ދެއްވާ އަހަންމިއްޔަތު ހާމަވާކަމެކެވެ.

އެމްޑީޕީގެ ސަރުކާރުގައި ޕްރެސް ފްރީޑަމް އިންޑެކްސްގައި 13 ދަރަޖަ ރާއްޖެ ފަހަތަށް ޖެހުނުއިރު, މި ސަރުކާރުން މީޑިއާގެ ދާއިރާއަށް ދެއްވި އަހަންމިއްޔަތުކަމާއި މިނިވަންކަމާއެކު ދުނިޔޭގެ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ވަނީ ދެ ދަރަޖަ ކުރިއަށް ޖެހިލާފައެވެ. މި ސަރުކާރުގެ މިވީ 20 މަސް ދުވަހަށް ބަލާއިރު، ފެނުނީ މީޑިއާގެ ދާއިރާއަށް ދެއްވި އިސްކަމެވެ. މި ދާއިރާއަށް ފަހި މާހައުލެއް ޤާއިމުކޮށް، ދާއިރާގެ ކުރިއެރުމަށް ކޮށްދެއްވި މަސައްކަތްތަކެވެ. އަދިވެސް ސަރުކާރުގެ ސިޔާސަތު އޮތީ ހަމަ މިގޮތަށެވެ. އެހެންކަމުން ސިޔާސީ މަޤުޞަދެއް ޙާސިލުކުރުމަށް މީޑިއާގެ ދާއިރާއަށް އަނދިރިކަމެއް އައިސްފައިވާކަމަށް ބަޔަކު ބުނި ނަމަވެސް، އެއީ އެއްވެސް ޙަޤީޤަތެއް ނެތް ވާހަކަތަކެއްކަން ފެންނަންހުރި ކަންކަމުން ހެކިދެއެވެ.