ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންފިއެވެ.
މިއީ އެމަނިކުފާނު ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި 11ވަަނަ ރަށެވެ.
ރައީސުލްޖުމްހޫރިއްޔާ ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ޢާންމު ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ބަނދަރު ސަރަޙައްދަށް ވަނީ އެއްވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ކުޅުދުއްފުށި ސިޓީގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކުރައްވައި، އެ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީގައި އުމްރާނީ ތަރައްޤީއާއި ގުޅުންހުރި ތަފާތު އެކި މަޝްރޫޢުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކުޅުދުއްފުށި ސިޓީ ޖެޓީގެ މަސައްކަތް ފަށްޓަވައިދެވުމާއި، އެރަށު މަގު ހެދުމުގެ މަޝްރުއޫގެ ފޭސް 3ގެ މަސައްކަތް ފަށްޓަވައިދެއްވުމާއި، އަލަށް ގާއިމު ކޮށްފައިވާ ބީއެމްއެލްގެ އިތުރު ބުރާންޗެއްްގެ ބިންގާ އެޅުންވެސް ހިމެނެއެވެ.
މީގެ އިތުރުން އެރަށުގައި ކުނި މެނޭޖުކުރާ މަރުކަޒުގެ ބިންގާ އެޅުމާއި، ކުޅުދުއްފުށި ސިޓީ ވިޔަފަރި ބަނދަރު ބޮޑުކުރުމާއި، ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީފްރީކޮށް ބަހައްޓައި ބޮންޑެޑް ޒޯންގެ ޚިދުމަތް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ އިތުރުން ކުޅުދުއްފުށި ސިޓީ އެއަރޕޯޓް ޕެސެންޖަރ ޓަރމިނަލް އެކްސްޓެންޝަން މަސައްކަތް ފަށްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ 13 ރަށަކަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.