ވިޔަފާރި

ސައިކަލް ޓެކްސީގެ ގޮތުގައި ބޭނުންކުރާނީ ކޮންކަހަލަ ސައިކަލެއް؟


ސައިކަލް ޓެކްސީގެ ޚިދުމަތް ތަޢާރަފްކުރުމުން އެޚިދުމަތްދިނުމަށް ބޭނުންކުރާނީ މިހާރުވެސް މާލޭގައި ބޭނުންކުރަމުންދާ ސައިކަލްތައްކަމަށް ޓްރާންސްޕޯރޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ. 

ސައިކަލް ޓެކްސީގެ ޚިދުމަތާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތުދެއްވަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ ސްޓޭޓް މިނިސްޓަރު ޢަބްދުއްލަތީފު މުހައްމަދު ވިދާޅުވީ މިމަސައްކަތުގައި މިހާރުކުރައްވަމުން ގެންދަވަނީ ސައިކަލް ޓެކްސީ ފެށުމަށް ބޭނުންވާ ޤަވާއިދު އެކުލަވާލުމުގެ މަސައްކަތް ކަމަށެވެ. އަދި މި ޤަވާއިދު ހެދުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ޚިދުމަތް ހޯދާ ފަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ގޮތްތަކަށް ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. ޢަބްދުއްލަތީފު ވިދާޅުވީ މި ޙިދުމަތްދޭ ސައިކަލްތައް ހުންނާނީ އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާ ވަކި މިންގަނޑަކަށްކަމަށާއި ސައިކަލް ޓެކްސީގެ ޚިދުމަތް ދެމުންގެންދާނީ މިހާރުވެސް މާލޭގައި ބޭނުންކުރަމުންދާ ސައިކަލުތަކުގައިކަމަށެވެ. 

"ޓްރާންސްޕޯޓް އޮތޮރިޓީން ސައިކަލް ޓެކްސީ ފާހަގަކުރުމަށް ސްޓިކާއެއް ނަމަވެސް އިންނާނެ ޖަހާފައި. އާންމުކޮށް ދުއްވާ ކޮންމެ ސައިކަލަކީ ސައިކަލް ޓެކްސީއަކަށް ނުވާނެ. ރަޖިސްޓްރީ ކުރެވި އޮންނަ ގަވާއިދުގެ ތެރެއިން މިކަން ކުރެވޭނީ" ލަތީފް ވިދާޅުވިއެވެ. 

img:http://s2.psmnews.mv/images/660x400/14646208277457.JPG|ބޭރު ޤައުމެއްގައި ސައިކަލް ޓެކްސީ ކުރުމަށް ބޭނުންކުރާ ސައިކަލްތަކެއް-

ސައިކަލަކީ ރާއްޖޭގެ އެއްގަމު ދަތުރުފަތުރުކުރުމަށް ރައްޔިތުން އެންމެ ގިނައިން ބޭނުންކުރަމުން އަންނަ އެއް ވަޞީލަތެވެ. ޚާއްސަކޮށް މާލޭގެ މަގުތަކަކީ ޖާގައިގެ ދަތިކަން އޮތް ކާރުބާރު ބޮޑު ތަނެކެވެ. އެހެންކަމުން ސައިކަލް ޓެކްސީގެ ޚިދުމަތް މާލޭގައި ފެށުމަކީ މާލޭގައި މަގުތަކުގައި ތޮއްޖެހުމަށް ރަނގަޅު ޙަލެއް ލިބިގެންދާނެކަމެއް ކަމަށް ބެލެވެއެވެ. އަދި މި ޚިދުމަތް ތަޢާރަފްކުރެއްވުމުން މާލޭގެ މަގުތައްފަދަ ކާރުބާރޫ ބޮޑު މަގުތަކުގައި ހަލުވިކަމާއި ފަސޭހަކަމާއެކު ހެޔޮ އަގެއްގައި ދަތުރުކޮށްލުމަށް ފުރުޞަތު ލިބިގެންދާނެއެވެ.

ސައިކަލް ޓެކްސީގެ ޚިދުމަތް ދިނުމަށް ހޮވާފައިވަނީ ރައިޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ވީލް އެމްވީ ޕްރައިވެޓް ލިމިޓެޑްއެވެ. އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މި ދެކުންފުނިން މި ޚިދުމަތް ދޭން ފަށާނީ ޤަވާޢިދު ގެޒެޓް ކުރެއްވުމަށްފަހު އެ ޤަވާޢިދުގައިވާ ގޮތުގެ މަތިންކަމަށެވެ. ސައިކަލް ޓެކްސީގެ ޚިދުމަތް މިމަހުގެ ތެރޭގައި ނުވަތަ އަންނަ މަހުގެ ތެރޭގައި ދޭން ފަށޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ޚިދުމަތް ދިނުމަށް ލައިސަންސް ދިނުމުގައި މިނިސްޓްރީން އިސްކަން ދެއްވާފައިވަނީ ކުރިއަރާފައިވާ ޤައުމުތަކެކޭ އެއްފަދައިން ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ޢާއްމުންނަށް އެންމެ ފަސޭހަކަމާއެކު، ރައްކާތެރި ގޮތަކަށް ޚިދުމަތް ދިނުމަށް ހުށަހަޅައިފައިވާ ފަރާތްތަކަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.