ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ ސްޕީޗްތެރަޕީގެ ޚިދުމަތް ހއ. އަދި ނ. އަތޮޅުގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް ޞިއްޙަތާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެވެ. ސްޕީޗް ތެރަޕީގެ ޚިދުމަތަކީ ވާހަކަ ދެއްކުމުގައި ދަތިތަކެއް ހުންނަ ފަރާތްތަކަށް ދެވޭ ޚާއްސަ ޚިދުމަތެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ވާހަކަދައްކަމުން ޞިއްޙަތާއި ބެހޭ ވުޒާރާގެ ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ ޚިދުމަތްތައް ކުރިން ލިބެމުން އަންނަނީ މާލެއިންކަމަށެވެ. އެހެންނަމަވެސް މިހާރު ޚިދުމަތްތައް އަތޮޅުތަކަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ތަސްލީމާ ވިދާޅުވިއެވެ.
ތަސްލީމާ ވިދާޅުވީ އޮކިއުޕޭޝަނަލް ތެރަޕީ އަތޮޅުތެރޭގައި އަދި ދެވެން ނެތްކަމަށާއި އެހެންނަމަވެސް ސްޕީޗް ތެރަޕީގެ ޚިދުމަތް 2 ތަނަކުން ލިބެމުނެކަމަށެވެ. އެއީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުންނާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުންކަމަށް ތަސްލީމާ ވިދާޅުވިއެވެ.
"ކުޅުދުއްފުށި، އައްޑޫ އިކުއިޓޯރަލް ހޮސްޕިޓަލް، ހއ.ގައި ސްޕީޗް ތެރެޕީ ފަށަން ވަނީ އިރުޝާދު ލިބިފައި. ނ.ގައި މި ޚިދުމަތް ފަށަން ދަނީ ތައްޔާރުވުން. މިހާރުވެސް ލެވެލް 3 ގެ ޞިއްޙީ ޚިދުމަތް ދޭތަންތަނުގައި އެޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖައްސަމުން ދަނީ. ސްޕީޗް ތެރަޕިސްޓުން، އޮކިއުޕޭޝަނަލް ތެރަޕިސްޓުން ލިބުމުގެ ދަތިކަން ވަރަށް ބޮޑު. ދުނިޔޭގައިވެސް މަދު ޕްރޮފެޝަނަލްތަކެއްމީ. ރާއްޖޭގައިވެސް ލިބުންވަރަށް ދަތި" ތަސްލީމާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަކީ މިފަދަ ޚިދުމަތްތައް ފެށުމުގެ އެންމެހާ އިންތިޒާމުތައް ހަމަޖެހިފައިވާ ހޮސްޕިޓަލްތައް ކަމަށެވެ. ނަމަވެސް މީހުން ލިބުމުގައި ދަތިކަން ހުރުމުން އެކަން އަދި ކުރުމަށް ދަތިތަކެއް ހުރިކަމަށެވެ. ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ނެޝަނަލް ތެރަޕިއުޓިކް އުސޫލުތަކެއް ހަދާފައިވާއިރު، ޞިއްޙީ ހިދުމަތް ދޭ ފަރާއްތަކާއި ބެލެނިވެރިންނަށް އަދި ޞިއްޙީ ހިދުމަތްދޭ ތަންތަނުގެ ވެރިން އަމަލުކުރާނެ ގޮތް ވަނީ ބަޔާންކޮށްފައެވެ.
ރާއްޖޭގެ ހުރިހާ އަތޮޅު ހޮސްޕިޓަލުތަކުން ސައިކޭޓްރީ އަދި ސްޕީޗް ތެރަޕީގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. ޞިއްޙީ ނިޒާމުގެ ތެރެއިން ނަފްސާނީ ބަލިތަކަށް ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދެއްވުމަކީ ރައީސުލާޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.