ޚަބަރު

ބީއެމްއެލްއިން ނޮޅިވަރަންފަރުގައި ބްރާންޗެއް ހުޅުވައި، އޭޓީއެމްގެ ޚިދުމަތް ފަށައިފި


  • މިއޭޓީއެމުން 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭނެ

  • ނޮޅިވަރަންފަރުގައި ހުޅުވާފައިވަނީ ބީއެމްއެލް އިސްލާމިކް ބާރާންޗެއް

ބޭންކް އޮފް މޯލްޑިވްސްއިން ހދ. ނޮޅިވަރަންފަރުގައި ބްރާންޗެއް ހުޅުވައި، އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.

އެރަށުގައި މިޚިދުމަތްތައް ރަސްމީކޮށް ފަށްޓަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީ ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މިޚިދުމަތް ފަށްޓަވާދެއްވުމަށްފަހު އެމަނިކުފާނު ވަނީ ހަނދާނީ ބޭންކު ކާޑެއް ރަށު ކައުންސިލާ ހަވާލުކުރައްވާފައެވެ.

ނޮޅިވަރަންފަރުގައި ޤާއިމްކޮށްފައިވާ ބީއެމްއެލް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

ނޮޅިވަރަންފަރުގައި ހުޅުވާފައިވަނީ ބީއެމްއެލް އިސްލާމިކް ބާރާންޗެކެވެ. މި ބްރާންޗު މެދުވެރިކޮށް ބޭންކިންގ ހުރިހާ ޚިދުމަތެއްވެސް ލިބިގެންދާނެކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދިނުމަށް ސަރުކާރާއި ބީއެމްއެލްއާއި ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މިހާތަނަށް 8 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ވަނީ ފަށާފައެވެ. އެންމެ ފަހުން އޭޓީއެމްގެ ޚިދުމަތް ޤާއިމްކޮށް ނިންމާފައިވަނީ އއ. އަތޮޅުގައެވެ. އއ. އަތޮޅު ހިމެނޭހެން ބީއެމްއެލްގެ އޭޓީއެމް ޤާއިމްކޮށްފައިވާ އަތޮޅުތަކުގެ ތެރޭގައި ހއ. އަތޮޅާއި، ށ. އަތޮޅާއި ދ. އަތޮޅާއި ނ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ކ. އަދި ބ. އަތޮޅު ހިމެނެއެވެ.



އިޤްތިޞާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން މުޅި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމްތައް ޤާއިމްކުރުމުގެ މަޝްރޫޢު މިއަހަރުގެ ތެރޭގައި ނިންމާލުމަށް ބީއެމްއެލްއިން ވަނީ އަމާޒުހިފާފައެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް މާލީ ބާރުވެރިކަން ލިބި އެރަށްރަށަށް އިޤްތިޞާދީ ކުރިއެރުން ލިބިގެންދާކަމަށް އެބޭންކުން ވަނީ ވިދާޅުވެފައެވެ.